މިއަދު މިފެށީ ޤައުމީ އިޤްތިޞާދުގެ މައިބަދަ ވަރުގަދަކޮށް އެކަމުގެ ނަފާ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
މިއަދު މިފެށީ ޤައުމީ އިޤްތިޞާދުގެ މައިބަދަ ވަރުގަދަކޮށް އެކަމުގެ ނަފާ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް: ރައީސް ޞާލިޙް

ސަރުކާރުން މިއަދު މިފެށީ ޤައުމީ އިޤްތިޞާދުގެ މައިބަދަ ވަރުގަދަކޮށް އެކަމުގެ ނަފާ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އިފްތިތާޙު ކުރުމަށް މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން ނުކުންނަ ކޮންމެ ދުވަހަކީ، އެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، އަޅުގަނޑުމެންގެ ކުރިމަތިން ތަމްސީލުވަމުންދާ ދުވަހެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ދުވަސް ދުވަހަކީ، އެ ވަޢުދުތައް ފުދޭކަމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން، ރާއްޖޭގެ ރައްޔިތުން އިޙްސާސް ކުރާނޭ ދުވަސްތައް ކަމަށެވެ.

"މިއަދަކީވެސް އެފަދަ ދުވަހެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި އެއް ކަންތައް. މިއަދަކީ އެ ވަޢުދު ފުދި، އެ ބޭންކުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާ ދުވަސް."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މާޙައުލުގައި ޙަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށާއި އެ ނިސްބަތުން ބަލާނަމަ، ޤައުމީ އިޤްތިޞާދުގެ މައިބަދައަކީ، އެ ބާވަތުގެ ވިޔަފާރިތައް ކަމަށެވެ. އަދި ޢަދަދުން ބަލާނަމަ، ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް ޢަދަދު ނުވަތަ ރައުސްމާލް އެތައް ބިލިއަނަކުން ގުނައިލެވޭ ކަމަށާއި ނަމަވެސް ދިވެހީންނަށް ވަޒީފާގެ ފުރުޞަތުތައް، އެންމެ ގިނައިން އުފައްދައިދެނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަމަށެވެ.

"އެކަން އެހެން އޮތްއިރު، އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ، ދާނެ ދިމާއެއް ނޭނގި، ޙަޔާތުގެ ހަތަރު އަނގޮޅިއަކަށް ހުއްޓިފައި. ގެވެހި އެތައް އަންހެނުންނެއް ތިބީ، އެމީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި. ނަމަވެސް، ޤައުމީ ތަރައްޤީގެ ވާހަކަ ދެއްކުމުގައި މި ވީހާ ޒަމާނެއް ފާއިތުވެގެން ދިޔައީ، މުޖުތަމަޢުގެ މި ދެންނެވި ފަންތިތަކަށް އަޅައިލާނެ މީހަކު ނެތި. އެމީހުންގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިދިނުމުގެ ސިޔާސީ ހިތްވަރާއި ޢަޒުމް ނެތުމުން، ޤައުމީ ތަރައްޤީގެ އެ މުހިންމު ބައިވެރިން ތިބީ، ޤައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައި."

 

މިއަދު އޮންލައިން