ކަމެއް ބޭނުންވުމުން އޮނަރަބަލްވެފަ ބޭނުން ފުދުމުން ސޭޓު ނޫން ގޮތެއް ހޯދަން ބުނާ އުޞޫލު ދޫކޮށްލަން ޖެހޭ ކަމަށް ޖުމްހޫޜީ ޕާޓީގެ ރައީސް، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ތިމަރަފުށީގައި މިރޭ ބޭއްވި ތިމަރަފުށީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޢަބްދުﷲ ރިޔާޟްގެ ކެންޕޭނު ޖަލްސާގައި ޢަލީ ވަޙީދު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި ތެޅިފޮޅެމުން ދާތާ 10 އަހަރު ވެއްޖެ ކަމަށާއި އެކަންކަން ރީތި ގޮތުގައި ހައްލުކުރަން ޖެހިފައިވާ ކަމަށެވެ. ޑިމޮކްރސީގެ ހަމަ ޖެހޭ އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރަން ކުރިމަތިލާން ފަށަން ވެއްޖެ ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ޢަބްދުﷲ ރިޔާޟަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ކުރިމަތިވި މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުން ނުކުމެ ކުރި މަސައްކަތްތަކުގައި މަގުމަތީގައި ހުންނެވި ހިތްވަރު ގަދަ ބޭފުޅެއް ކަމަށެވެ. އަދި އެއިރު ޢަބްދުﷲ ރިޔާޟަށް ބަޠޮލެއްގެ ދަރަޖަ ދީފައި އިންތިޚާބަށް ކުރިމަތިލެއްވުމުން ބާޣީއެއްގެ ދަރަޖަ ދިނުމަކީވެސް އެއްވެސް ގޮތަކުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް އޭނާ ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ޢަބްދުﷲ ރިޔާޟް ކަމަށާއި ޢަބްދުﷲ ރިޔާޟަށް ތާއީދުކުރައްވަނީ ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތްތަކުގެ ސަބަބުންނާއި ކަންކަމުގައި ދައްކަވާފައިވާ ހިތްވަރުފުޅަށާއި ސާބިތުކަމަށްޓަކައި ކަމަށެވެ. އަދި ދާއިރާގެ ތަރައްޤީއަށް ޢަބްދުﷲ ރިޔާޟް މަސައްކަތް ކުރައްވާވަރު ބޮޑުކަމުން ކަމަށެވެ.
"އަޅުގަނޑާ މިނިސްޓަރުގެ ހައިޞިއްޔަތުން ބައްދަލުކުރައްވަން އެދިވަޑައިގަތީމާ ފުރަތަމަ ހީކުރީ ކެންޕޭނާއި ބެހޭ ކަމަކަށް ކަމުގަ. ނަމަވެސް ބައްދަލު ކުރައްވައި ދެއްކެވީ ކަނިމީދޫގަ ރިޒޯޓެއް ތަރައްޤީކޮށް ދާއިރާއަށް އިޤްޠިޞާދީ ކުރިއެރުން ހޯދުމުގެ ވާހަކަ."
ޢަލީ ވަޙީދު ވިދާޅުވީ ތިމަރަފުށީގައި އެއާޕޯޓެއް އޮތުމުން އަދި ނިމުނީ ނޫން ކަމަށާއި އެއާޕޯޓުގެ ފައިދާ ކުރާނީ އެއާޕޯޓާއި ގުޅުވައިގެން ގެންނަން ޖެހޭ އިތުރު ތަރައްޤީ ގެނައުމުން ކަމަށެވެ. "މިއީ އެޢާޕޯޓެއް އޮތް ސަރަހައްދެއް، ހަމައެކަނި ރަންވޭއެއް އަޅައިލުމުން އެއާޕޯޓުގެ ކަންކަން ނިމުނީއެއް ނޫން. ސިޓީ ހޮޓާތަކާއި ރިޒޯޓުތައްވެސް ތަރައްޤީކުރީމާ ކުރިއެރުން ލިބޭނީ. މިސަރަހައްދަކީ ފަތުރުވެރިކަމަށް ޚާއްބަ މަންޒިލަކަށް ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރާނެ ކަމެއް!" ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.