ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މާދަމާ ހެނދުނުން ފެށިގެން ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
އެސްއެމްއީ ބޭންކް ހުޅުވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 9:30 ގައި ނޭޝަނަލް އާޓް ގެލެރީ ގައެވެ. މިތަން ހަދާފައި ހުންނަނީ ހ. ސަކީނާމަންޒިލް ގައެވެ.
އެސްއެމްއީ ބޭންކުގެ ޚިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މިބޭންކުން މިހަފްތާ ތެރޭގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރައްވާފައެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަމަކީ އެރަށެއްގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އެސްއެމްއީ ބޭންކު މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެ ކަމަށެވެ.