(مَا لَهُم مِّن دُونِهِ مِن وَلِيٍّ)
(مَا لَهُم) މިތަނުގައި ޟަމީރު ދަނީ ކަހްފުގެ އަހްލުވެރިންނަށްތޯ ނުވަތަ އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަށްތޯ، ނުވަތަ ބަޔަކަށްތޯ މުފައްސިރުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.
ރަގަޅު ގޮތަކީ: އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަކާއި ބަޔެކެވެ. އެހެނީ އެއްވެސް އިންސާނަކަށް، އެއީ މުސްލިމެއް ކަމުގައވީނަމަވެސް އަދި ކާފިރެއް ކަމުގައިވީނަމަވެސް، ﷲ ފިޔަވާ އެހެން އެއްވެސް އެހީތެރިޔަކު އެބައިމީހުންނަކަށް ނުވެއެވެ. ސޫރަތުލް އަންޢާމްގެ 61 އަދި 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ ثُمَّ رُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ﴿٦٢﴾)މާނައަކީ: " އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكةން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ ملائكةން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ ملائكةން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. ދެން އެއުރެންގެ އެހީތެރިވަންތަ، حقވަންތަ اللَّهގެ حضرةއަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكمކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حسابބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ."
ﷲ އީ ހުރިހާ އިންސާނުންގެ ވެސް އެހީތެރި ފަރާތެވެ. އިންސާނުންނަށް ރިޒްގު ދެއްވާ އެބައިމީހުންނަށް ޓަކައި އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗެއް ލެއްވީ އެކަލާންގެ އެވެ. މިކަމުގައި މުސްލިމުންނާއި ކާފިރުން ޝާމިލުވެއެވެ. މިއީ ވިލާޔާ ޢާއްމާ (ހުރިހާ އެންމެންނަށް ޢާއްމުވާ ފަދަ އެހީތެރިކަމެވެ.)
ވިލާޔާ ޚާއްޞާ ނުވަތަ ޚާއްޞަ އެހީތެރިކަން ވަނީ ހަމައެކަނި މުއިމިނުންނަށެވެ. ސޫރަތުލް ބަގަރާގެ 257 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾) މާނައަކީ: "اللَّهއީ، إيمانވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافرވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطانންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطانން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهلވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."
ﷲ ތަޢާލާގެ ޚާއްޞަ އެހީތެރިކަން ލިބުމުން އިތުރު ޢިނާޔަތްތައް ލިބިގެންދާނެއެވެ. އެގޮތުން އިންސާނާ އަށް މަންފާ ކުރުވަނިވި ޢިލްމު ދެއްވާ ހެޔޮ ޢަމަލު ކުރުމުގެ މަގު ފަހިކޮށްދެއްވާނެއެވެ.
(وَلَا يُشْرِكُ فِي حُكْمِهِ أَحَدًا)" އަދި އެކަލާނގެ حكمފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ." މިތަނުގައި ޝަރްޢީ އަދި ކައުނީ ޙުކުމްތައް ހިމެނެއެވެ.
މިއިން ދޭހަވަނީ ކޮންމެ ކަމެއްގައިވެސް ﷲ ގެ ޙުކުމަށް ރުޖޫޢަވާން ޖެހޭ ކަމެވެ. އަދި ﷲ ގެ ޙުކުމާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް އެއްވެސް މީހަކަށް ދެއްވާފައިނުވާ ކަމެވެ. މިއީ ޝަރްޢީ ހުކުމެވެ. އިސްލާމީ ޝަރީޢަތުގައިވާ ޙުކުމްތަކަކީ މިޒަމާނަށް ފެތޭ ޙުކުމްތަކެއް ނޫނޭ ބުނެ ދޫކޮށްލުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކާއި މަކާނަކަށް ފެތޭގޮތަށް ބާވާލައްވާފައިވާ ޝަރީޢަތެކެވެ.
ކައުނީ ޙުކުމަކީ އެއްވެސް މީހަކަށް ވާރޭ ވެހުން ހުއްޓުވުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. އަދި ވާރޭ ވެއްސުމުގެ ބާރުވެސް ލިބިގެންނުވެއެވެ.
(وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٧﴾ )
(اتْلُ) ކިޔަވާ ވިދާޅުވާށެވެ. މިތަނުގައި ލަފްޡީ ތިލާވަތާއި ޢަމަލީ ތިލާވަތް ހިމެނެއެވެ.
ލަފްޡީ ތިލާވަތަކީ ގުރްއާން ކިޔެވުމެވެ.
ޢަމަލީ ތިލާވަތަކީ ގުރްއާނަށް ޢަމަލު ކުރުމެވެ.
(اتْلُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އައިސްފައިވާ ޚިޠާބުތައް ތިންބަޔަކަށް ބެހިގެން ވެއެވެ. އެއީ:
1. އެ ޚިޠާބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ ޚިޠާބެއް ކަން ދޭހަވާފަދަ ދަލީލެއް އޮތުން. އެހެންނަމަ، އެ ޚިޠާބެއް އޮންނާނީ ހަމައެކަނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މީގެ މިޘާލަކީ ސޫރަތުއް ޝަރްޙުގެ 1 ވަނަ އާޔަތެވެ. (أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ ) މާނައަކީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟"
ސޫރަތުއް ޟުޙާގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ ) މާނައަކީ: "ކަލޭގެފާނު يتيمއަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ."
2. އެ ޚިޠާބަކީ އެންމެންގެ މައްޗަށް ޝާމިލުވާ ފަދަ ޚިޠާބެއް ކަމުގައިވުން. އެހެންނަމަ، އެޚިޠާބެއް އޮންނާނީ އެގޮތަށެވެ. ސޫރަތުއް ޠަލާގްގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ) މާނައަކީ: "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّةއަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّةގުނާހަމަކުރާށެވެ!" މި އާޔަތުގައި މުޚާޠަބު ކުރެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނަމަވެސް، މި އާޔަތުގައި ހިމެނޭ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވެގެންވެއެވެ.
3. ދެގޮތަށްވެސް އިޙްތިމާލު އޮންނަ ޚިޠާބު. މިފަދަ ޚިޠާބުތައް އެއީ އެންމެންނަށް ޢާއްމު ޚިޠާބެއް ކަމުގައި ވެސް ބުނެވެއެވެ. އަދި އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ އެހެންނަމަވެސް އޭގައިވާ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވާ ޚިޠާބެއް ކަމުގައިވެސް ބުނެވެއެވެ. މީގެ މިޘާލަކީ: ސޫރަތުލް ކަހްފްގެ 27 ވަނަ އާޔަތެވެ. (وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ) މާނައަކީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحىކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ!"
މިއާޔަތުގައި މިވާ ޚިޠާބު އައިސްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކަމަށްވީނަމަވެސް އޭގައިވާ ޙުކުމް އުއްމަތުގެ އެންމެންގެ މައްޗަށް ޝާމިލުވެއެވެ. މިތަނުގައި ޚިޠާބު އައިސްފައިވަނީ އުއްމަތުގެ ޒަޢީމުގެ މައްޗަށެވެ. އުއްމަތުގެ އެހެން މީހުން އޭގެ ދަށުން ވަންނާނެއެވެ.
(مَا أُوحِيَ إِلَيْكَ) މިއީ ކީރިތި ގުރްއާނުގެ ވާހަކައެވެ.
(مِن كِتَابِ رَبِّكَ) މިތަނުގައި (رَبِّكَ) "ކަލޭގެފާނުގެ ރައްބު" ގެ ފަރާތްޕުޅުން އިއްވެވޭ ވަޙީ އޭ އިނުމުގެ ޙިކްމަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ވަޙީ އަކީ މާތް ﷲ ގެ ފުރިހަމަ ޢިނާޔަތުގެ ދަށުން ބާވާލެއްވުނު ވަޙީ އެއްކަން ބަޔާން ކޮށްދެއްވުމެވެ.
(لا مبدل لكلماته) އެޔަށް ބަދަލުގެނައުމުގެ ކުޅަދާނަކަން ނުވަތަ ހުއްދަ އެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
(ولن تجد من دونه ملتحدا) "އެކަލާންގެ ފިޔަވާ އެހީއަށް އެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."
ﷲ ތިބާ އަށް ދެރައެއް މިންވަރު ކުރައްވައިފިނަމަ އެކަން މަނާކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ތިބާ އަށް ހެވެއް މިންވަރު ކުރައްވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއްވެސް ނުވެ އެވެ. ސޫރަތުލް ޖިންނިގެ 21 އަދި 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١﴾قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٢﴾) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއްދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّهގެ عذابން، ތިމަންކަލޭގެފާނު މިންޖުކުރާނޭހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."
- ނުނިމޭ -