ދެމަފިރިންގެ ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "މިސާލަކަށް ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ އަނބިމީހާ އަށް ދެވޭ ކަހަލަ ފުރުސަތެއް ހޯދައިދިނުން. ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ ފިރިމީހާ އަށް އެ ފައިސާ އިން ހައްޖަށް ދެވޭނެ ފުރުސަތު ހޯދައި ދިނުން އެއީ ވިސްނާލަން ޖެހޭ ކަމެއް،" ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ކުރެވިދާނެ ކަމެއްތޯ ޕެންޝަން އޮފީހާ އަންނަނީ ވާހަކަ ދައްކަމުންނެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަނބިމީހާގެ ޕެންޝަން ފައިސާ އިން ފިރިމީހާ އަށް، އަދި ފިރިމީހާގެ ޕެންޝަން ފައިސާ އިން އަނބިމީހާ އަށް ހައްޖަށް ދެވޭ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.