އެސްއެމްއީ ބޭންކުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްދި ބޭންކުން ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވީ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ޢާމްދަނީ ލިބޭނެ ގޮތް ތަނަވަސް ވެގެން ދިއުމަކީ ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.