މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
އަލީ ވަހީދު ފާހަގަކުރެއްވިގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ފަތުރުވެރިކަމުގެ ސިނާއަތައް %16.8 ކުރިއެރުމެއް ލިބިފައިވާކަމަށާއި އަދި މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 2 މަސްދުވަސް %11.7 ކުރިއެރުމެއް ހޯދާފައިވާކަމަށެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 5 މާކެޓަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 17.8% އެކު ޗައިނާގެ މާކެޓެވެ. އިޓަލީގެ މާކެޓް %10.8 ހިއްސާކުރާއިރު، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ %7.6 ގައެވެ. އިންޑިއާއަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޔޫކޭ އިންނެވެ. އެއީ %7.4 އިންސައްތައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 މާކެޓްގެ ތެރޭގައި ދެން ހިމެނެނީ %6.5 އާއިއެކު ޖަރުމަނުވިލާތެވެ.