ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިއްމީ ހޭލުންތެރި މުޖްތަމައެއް ބިނާ ކުރުން ކަމަށާއި އެމަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ވ. ކެޔޮދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މީހުން ބިނާކުރުމާއި ތައުލީމީ ހޭލުންތެރި ޖީލެއް އުފެއްދުން ކަމަށެވެ. އަދި މި މަސައްކަތް ފަށައިގަނެ މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށްދާ ކުދިންގެ ލޯންގެ އިންޓްރެސްޓު ކުޑަކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގައި ތިބެގެން ފަސްޓް ޑިގްރީއަށް ކިޔަވަން ބޭނުންވާ ކުދިންނަށް ހިލޭ ކިޔެވޭނެގޮތް މިހާރުވާނީ ހަމަޖެހިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށައިގެންފައިވާ ކަމަށާއި މި މަސައްކަތުގައި ދެމި ހުރުމަށް މިނިވަން މުވައްސަސާ ތަކާއި މަޖްލިސްގެ ތާއިދު ބޭނުންވާ ކަމަށެވެ.