ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނަން: ރައީސް ޞާލިޙު

ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނަން: ރައީސް ޞާލިޙު

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެއްވެސް ސިޔާސީ ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

 

އެމްޑީޕީގެ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ވ. ކެޔޮދޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީއާ، ޖުމްހޫރީ ޕާޓީއާ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާ އެކުގައި ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް އެއިން އެއްވެސް ބޭފުޅަކަށް ނުވަތަ ޕާޓީއަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.

 

"ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ ޖޭޕީ އޭޕީ އަދި ރައީސް މައުމޫން އަދި ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން. އެއްވެސް ޕާޓީއަކަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން އަދި އެއްވެސް ބޭފުޅަކަށް ވެސް ދެރަ ގޮތެއް ވިޔަކަ ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

 

މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރިފައިވާއިރު މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ ދަތިތަކާއެކުގައި ވެސް ވައުދުތައް ފުއްދުމުގެ މަސައްކަތް ރައީސް ޞާލިޙުގެ ސަރުކާރުން ކުރަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން