ނިއުޕޯޓް ވިއުގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 6ސ
ނިއުޕޯޓް ވިއުގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ފޮޓޯ: މިހާރު

 

ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއު ހުސްކުރުމަށް ސަރުކާރުން އެންގި އެންގުމާއި ގުޅިގެން، އެމައްސަލަ ކޯޓަށް ހުށަހެޅުމަށް ނިއުޕޯޓް ހިންގަމުންދާ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ނިންމައިފިއެވެ.

 

ނިއުޕޯޓް ހިންގުމަށް އެސަރަޙައްދު ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައެވެ. އެއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އެއިރު ހުންނެވި ޒާހިދު ރަމީޒެވެ.

 

އެނގިފައިވާ ގޮތުގައި ޕްލެޓްފޯމަކާއެކު ނިއުޕޯޓް ވިއު ހިންގުމަށް އެސަރަޙައްދު ސްޓާރާޑާ ކުންފުންޏަށް ފުރަތަމަ ދިނީ ތިން އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ފަހުން އެމުއްދަތު އަށް އަހަރަށް ބަދަލު ކޮށްފައިވެއެވެ.

 

އެރެސްޓޯރަންޓު ހުސްކުރުމަށް ސަރުކާރުން އެންގި މައްސަލައިގައި ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ދިޔުމަށް ނިންމާފައިވަނީ، އެތަން ބަންދު ކުރުމުން ލިބޭނެ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެގޮތުން އެކުންފުނިން ނިންމާފައިވަނީ، ލިބޭނެ ބަދަލު ދިނުމަށްފަހު ތަން ހުސްކުރަން ކޯޓުން ހުކުމް ކޮށްފިނަމަ އެގޮތަށް އަމަލުކުރުމަށެވެ.

 

ނިއުޕޯޓް ވިއު ސަރަޙައްދުގެ ބިން ސަރުކާރާއި ހަވާލު ކުރުމަށް ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

މިއަދު އޮންލައިން