"މިވެނި ކަމެއް ބޭނުންވެގެން ދުޢާ ކުރުން ހުއްޓާލާނީ ކިހައި ހިސާބަކުން؟" ކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ އެކަމެއް ޙާޞިލުވުމުންނެވެ. ނޫން ނަމަ އެއްގޮތަކަށްވެސް ހުއްޓާލައިގެން ނުވާނެއެވެ.
މިހެން ބުނުމުން ބައެއް މީހުން އެބަ ބުނެއެވެ. "އަހަރެން ދުޢާ ކުރީ މިވެނި އަންހެން ކުއްޖަކު ނުވަތަ ފިރިހެން ކުއްޖަކު ހޯދާށެވެ. އެ ކުއްޖާ މިހާރު އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. އަދިވެސް ހަމަ ދުޢާކުރުންމަތީގައި ހުންނަންވީހެއްޔެވެ؟" ޖަވާބަކީ ހަމަ ޢާނއެކެވެ! ދުޢާކުރުންމަތީގައި ހުންނާށެވެ! އެކަން އެއީ ތިބާއަށް އެންމެ ރަނގަޅު ގޮތް ނަމަ ނުވަތަ އެއީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާނަމަ އެކަމުގެ ވަގުތު ޖެހުމުން ތިބާއަށް ދެއްވަވާނެއެވެ.
ދެން އެބަ ސުވާލުކުރެއެވެ. "އަހަރެން ހަމަ ކައިވެންޏެއް ނުކޮށް އިންތިޒާރުގައި ހުންނަންވީ ހެއްޔެވެ؟" ޖަވާބަކީ ނޫނެކެވެ. ތިބާވެސް ކައިވެނިކުރާށެވެ! ޔަޤީންކުރަންވީ ކަމަކީ ދޮރުތައް ހުޅުއްވަވައި ދެއްވަވަނީވެސް ބަންދު ކުރައްވަވަނީވެސް ﷲ ތަޢާލާ ކަމެވެ. ﷲ ތާޢާލާ ދޮރެއް ބަންދުކުރައްވަވައިފިނަމަ ބަންދު ކުރައްވަވާނީ ބަންދުކުރެއްވެވުމަކީ ތިބާއަށް އޮތް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ވާތީއެވެ. ނޫން ނަމަ ބަނަދެއް ނުކުރައްވަވާނެއެވެ!
ލޯބީގެ މައްސަލަތަކުގައި މީހުން ގޮތް ހުސްވެ މާޔޫސްވަނީ ﷲ ތަޢާލާއަށް އިތުބާރު ނުކުރާތީއެވެ! އިތުބާރުކުރާނަމަ ގޮތް ހުސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. ލޯބީގެ މައްސަލަތަކުގައި އެކްންޏެއްވެސް ނޫނެވެ! ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް މިކަން އޮތީ މިގޮތަށެވެ. އީމާންކަމުން ހިތްފުރައި ތަޤްވާވެރިކަމުން ޒީނަތްތެރިވެގެން ހުންނަ އެއްވެސް މީހަކު މާޔޫސް އެއް ނުވާނެއެވެ! ޤަޟާޤަދަރަށް އީމާންވުމަކީ އެއީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން