ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 9

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 9ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 9

ހޮހޮޅާގައި ތިބި މީހުންގެ ޢަދަދު ކުރުމުގައި ތަފާތުވެފައިވާ ސަބަބު ދެގޮތަކަށް މުފައްސިރުން ބަޔާން ކުރައްވައެވެ. އެއީ:

1. އެމީހުންގެ ތެރެއިން ބަޔަކު މީހުން ބުންޔެވެ. އެމީހުންގެ ޢަދަދު ތިނެކެވެ. ހަތަރުވަނަ އަށް އޮތީ ކުއްތާ އެކެވެ. އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ފަހެކެވެ. ހަވަނަ އަށް އޮތީ ކުއްތާ އެކެވެ.  އަނެއް ބަޔަކު ބުންޔެވެ. އެމީހުންގެ ޢަދަދު ހަތެކެވެ. އަށްވަނަ އަށް އޮތީ ކުއްތާ އެކެވެ.

2. އެމީހުންގެ ޢަދަދު ގުނުމުގައި ޔަގީންނުވެ، ދެކޮޅަށް ކެނޑޭގޮތްވީއެވެ. ބައެއް ފަހަރަށް ތިނެކޭ، އަނެއްބައި ފަހަރަށް ފަހެކޭ، އަދި އަނެއްބައި ފަހަރަކަށް ހަތެކޭވެސް ބުނަނީއެވެ.

(رَجْمًا بِالْغَيْبِ) އެމީހުންގެ ޢަދަދަކީ ތިނެކޭ ހަތަރުވަނަ އަށް އޮތީ ކުއްތާ އެކޭ، ނުވަތަ އެމީހުންގެ ޢަދަދަކީ ފަހެކޭ ހަވަނަ އަށް އޮތީ ކުއްތާ އެކޭ، މި ހުރހާ ޢަދަދުތަކެއް އެބައިމީހުން ބެނެފައިވަނީ ހީއަކަށް ބުރަވެގެންނެވެ. ޔަގީންވެގެންނެއް ނޫނެވެ.

(وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ) އެމީހުންގެ ޢަދަދަކީ ހަތެކޭ އަށްވަނަ އަށް އޮތީ ކުއްތާ އެކޭ އޮތްބަސްފުޅާއި އެކުގައި ( رَجْمًا بِالْغَيْبِ) "އެބައިމީހުން އެހެން ބުނީ ހީއަކަށް ބުރަވެއޭ" ވަޙީ ނުކުރައްވައެވެ. މިފަދައިން ވަޙީ ނުކުރައްވައެވެ. އޭގެ މާނައަކީ އެމީހުންގެ އަސްލު ޢަދަދަކީ ހަތެއް ކަމެވެ. އަދި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަމެވެ.

މީގެ އެހެން މިޘާލަކީ  ސޫރަތުލް އަޢްރާފްގެ 28 ވަނަ އާޔަތެވެ. (وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّـهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿٢٨﴾) މާނައަކީ: " އެއުރެން فاحشކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّهވަނީ، ތިމަންމެންނަށް أمرކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحشކަމަކަށް ހަމަކަށަވަރުން، اللَّهأمرއެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"

މިތަނުގައި އެމީހުން ފާޙިޝް ކަމެއްކޮށްފިނަމަ، ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީ ވަނިކޮށް ތިމަންމެން ދުށީމުއެވެ. އޮތް ބަސްފުޅަށް އިންކާރެއް ނުކުރައްވައެވެ. ނަމަވެސް " އެކަމަށް اللَّهވަނީ، ތިމަންމެންނަށް أمرކުރައްވާފައެވެ." މިހެން ބުނުމުން އެކަމަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ. (قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ  ) " ކަލޭގެފާނު ވިދާޅުވާށެވެ! فاحشކަމަކަށް ހަމަކަށަވަރުން، اللَّهأمرއެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّهއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟"

(قُل رَّبِّي أَعْلَمُ بِعِدَّتِهِم) އެމީހުންގެ ޢަދަދާއި މެދުގައި ޚިޔާލުތަފާތުވުން އުފެދިއްޖެނަމަ ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ ޢަދަދަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެންވަނީ ތިމަންނާ ހައްދަވާ ގެންގުޅުއްވާ އިލާހެވެ."

އެމީހުންގެ ޢަދަދަކީ ކޮބައިކަން ﷲ އަންގަވާފައިވޭތޯ؟

ޖަވާބަކީ: އާއެކެވެ. އެމީހުންގެ ޢަދަދަކީ ހަތެއް ކަމާއި އަށްވަނަ އަށް އޮތީ ކުއްތާ އެއް ކަން ﷲ ވަނީ އަންގަވާފައެވެ.

(مَّا يَعْلَمُهُمْ إِلَّا قَلِيلٌ) އެމީހުންގެ ސީދާ ޢަދަދަކީ ކޮބައިކަން ﷲ އެންގެވުމުގެ ކުރިން ގިނަބަޔަކަށް އެކަމެއް ނޭނގެއެވެ.

(فَلَا تُمَارِ فِيهِمْإِلَّا مِرَاءً ظَاهِرًا) " ފަހެ، ފާޅުވެގެންވާ جدلއަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި (އެއީ ކޮން ޒަމާނެއްގެ ބަޔެއް ކަމާއި، އެމީހުން ތިބީ ކޮންތަނަކު ކަމާއި، އެމީހުންގެ ކަންކަން ނިމިގެން ދިޔައީ ކިހިނެއް ކަމާއި) މި ކަންކަމާއި މެދުގައި ކަލޭގެފާނު جدلނުކުރައްވާށެވެ!" ސަބަބަކީ އެކަންކަމާއި މެދުގައި ޖަދަލު ކުރައްވައިގެން ލިބިވަޑައިގަންނަވާނެ ކުރިއެރުމެއް ނެތެވެ. އެކަކު އަނެކަކަށް ރުޅި އައުން ފިޔަވާ އެހެންކަމެއް ނުވާނެއެވެ. ވީމާ، އެކަންކަމާއި މެދުގައި ޖަދަލު ނުކުރައްވާ ދޫކޮށްލައްވާށެވެ.

މި އާޔަތުން ދޭހަވާ ގޮތުގައި ޖަދަލުކުރުމުން ފައިދާ އެއް ނެތް ކަންކަމުގައި ޖަދަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

(وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا) ކަހަފްބައިގައިގެ މީހުންގެ ކަންތައްތަކާއި ބެހޭ ގޮތުން އަހްލުކިތާބީންނާއިވެސް އަދި އެނޫން މީހުންނާއި ވެސް ކަލޭގެފާނު ސުވާލު ކުރައްވާ ނުހައްދަވާށެވެ.

މިއިން ދޭހަވަނީ ކަމެއްގެ މަޢްލޫމާތު ސާފުކުރުމަށް ސުވާލު ކުރަންވާނީ އެކަމުގެ މަޢްލޫމާތު ހުރި މީހުންނާއި ކަމެވެ. ކަމާއި ނުބެހޭ މީހުންގެ ކުރެ އަހާ ހަދައިގެން ނުވާނެ ކަމެވެ.

(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾)

(وَلَا تَقُولَنَّ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

މި އާޔަތް ބާވާލެއްވުނު ސަބަބު:

ގުރައިޝުން މަދީނާގައި ތިބި ޔަހޫދީންގެ ގާތަށް ބަޔަކު މީހުން ފޮނުވާ ބުންޏެވެ. "އަހަރުމެންގެ ތެރޭގައި ނަބީ ކަމަށް ދަޢްވާ ކުރާ މީހަކު އެބަ އުޅެއެވެ. ދެން ޔަހޫދީން އެބައިމީހުންގެ ގާތުގައި ބުންޏެވެ. އެކަލޭގެފާނާއި ތިން ކަމަކުން ސުވާލު ކުރާށެވެ. އެއީ:

1. އެބައިމީހުންގެ ރަށުން ނިކުމެގެން ގޮސް ހޮހޮޅައަކަށް ވަން ޒުވާނުންގެ ވާހަކަ އާއި،

2. ހުޅަނގާއި އިރުމަތީގެ ހުރިހާ ގައުމުތަކެއްގެ މިލްކުވެރިކަން އެމީހަކަށް ލިބުނު މީހެއްގެ ވާހަކަ އާއި،

3. ފުރާނަ އާއި ބެހޭ ގޮތުން ސުވާލު ކުރާށެވެ.

ދެން އެބައިމީހުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ކަހަފް ބާގައިގެ މީހުންގެ ވާހަކަ އިން ސުވާލު ކުރި ހިނދުގައި ޙަދީޘް ކުރެއްވިއެވެ. "މާދަމާ ޖަވާބެއް ދެއްވާނަމެވެ." އެހެންނަމަވެސް ފަނަރަ ދުވަސް ވަންދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަޙީ ބާވާނުލެއްވި މެދުކެނޑިގެން ދިޔައެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ ވާހަކަ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެއްގޮތަކަށްވެސް އެނގިވަޑައިގަންނަވާ ވާހަކަ ތަކެއް ނޫނެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافرން شكކުރީހެވެ". ސުލައިމާން ޢަލައިހިއްސަލާމް އިމްތިޙާނު ކުރެއްވި ފަދައިން މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިމްތިޙާނު ކުރައްވާ 15 ދުވަހަށް ވަޙީ މެދުކަނޑުއްވާލެއްވިއެވެ. ސުލައިމާން ޢަލައިހިއްސަލާމް އެއް ދުވަހަކު ވިދާޅުވިއެވެ. "މިރޭ ތިމަންކަލޭގެފާނުގެ 90 އަނބިންނާއި ރޭކުރައްވާ ހުށީމެވެ. އެއިން ކޮންމެ އަންހެނަކުވެސް ﷲ ގެ މަގުގައި ޖިހާދު ކުރާނެ ކުއްޖަކު ވިހާނެއެވެ." އެހިނދުގައި އެކަލޭގެފާނުގެ ޞާޙިބް "އިންޝާﷲ" ބުނުމަށް ހަނދާންކޮށްދެއްވި ނަމަވެސް ސުލައިމާން ޢަލައިހިއްސަލާމް އެގޮތަށް ވިދާޅެއް ނުވެއެވެ. ސުލައިމާން ޢަލައިހިއްސަލާމް 90 އަނބިކަނބަލުންނާއި އެއްރޭ އެއްދާން ކުރެއްވިނަމަވެސް ލިބިވަޑައިގަތީ އިންސާނެއްގެ ފަޅިއެކެވެ." މިގޮތަށް މިކަން މެދުވެރިވީ، އިންސާނާ އަކީ ﷲ ގެ ޙަޟްރަތުގައި ކިތަންމެ މާތް މީހަކަށްވީ ނަމަވެސް، ﷲ ގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާނެކަން ބަޔާން ކޮށްދެއްވުމަށެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަނަރަ ދުވަސް ވަންދެން ވަޙީ މެދުކެނޑިގެން ދިޔައެވެ. މި ކަމާއި އެކަލޭގެފާނު ވަރަށް ކަންތައްބޮޑުވެ ވަޑައިގަތެވެ. ސަބަބަކީ އޭގެ ސަބަބަބުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ ބަސް ދޮގުކުރުމަށް އޮތް ޙުއްޖަތަކަށް އެކަން ހަދާފާނެތީވެއެވެ. ޙަގީގަތުގައި މިއީ އެކަލޭގެފާނު ދޮގު ކުރަން އޮތް ޙުއްޖަތެއް ނޫނެވެ. ސަބަބަކީ ބޮޑުވަރަކަށް އެބައިމީހުން ބުނާނީ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލައްވާކަމަށް ވިދާޅުވި ވަޙީ ކޮބައިހެއްޔޭ އެވެ؟ މާދަމާ ޚަބަރު ކުރައްވާނެކަމަށް ވަޢްދުވެވަޑައިގެން ކަންތައް ނުކުރައްވާ ކަމަށެވެ. ނަމަވެސް ޙަގީގަތަކީ، ވަޙީ ލަސްވެ، އެކަންތައްތަކުގެ ޚަބަރު ކުރެއްވުން ލަސްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ތެދުވެރި ކަމެވެ. ސަބަބަކީ އެކަލޭގެފާނަކީ ދޮގުވެރިޔެއްނަމަ، ވާހަކަ އެއް ހައްދަވައިގެން އެބައިމީހުންނަށް ކިޔައިދެއްވައިފީހެވެ. ވަޙީ ލަސްވުމުން، އެވާހަކަތައް ކިޔާ ނުދެއްވާ ލަސްވުމުން ދޭހަވަނީ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެއް ކަމެވެ.

- ނުނިމޭ -

މިއަދު އޮންލައިން