މަސްވެރިންގެ ޕާރކްގައި ކްރޫޒް ލައިނަރ ޓާރމިނަލްއެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި އެތަން ބަންދުކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޭޔަރ ސިފާ ވިދާޅުވީ މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭ ފެންވަރުގެ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުކަމަށެވެ.
މިހާރު ރާއްޖެ އަންނަ ކްރޫޒް ލައިނާތައް ބަނދަރު ކުރަންޖެހެނީ މާލެއާ ގާތްގަނޑަކަށް 0.6 ނޯޓިކަލް މޭލުން ބޭރުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 40 އެއްހާ ކްރޫޒް ލައިން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ވަނީ ބުނެފައެވެ.