ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 8

މިއަދު
ކިޔުމަށް ހޭދަވާނީ 18މ 37ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 8

(وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾)

(وَتَحْسَبُهُمْ ) އެކުދިން ނިދާފައި ތިއްބާ ބަލާމީހަކު ހީކުރާނެއެވެ.

(أَيْقَاظًا ) ހޭލާ ތިބިކަމުގައި، ސަބަބަކީ ނިދީގެ އެއްވެސް އަޘަރެއް ފެންނަން ނެތުމެވެ.

(وَهُمْ رُقُودٌ) އޮށޯވެ ތިބިއިރު،

(وَنُقَلِّبُهُمْ) ތިމަން ﷲ އެބައިމީހުން ފުރޮޅުއްވަމުއެވެ. މިއިން ދޭހަވަނީ ނިދާފައި އޮންނަ މީހާ ކުރާ ޙަރަކާތްތައް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތަކެއް ނޫންކަމެވެ. ސަބަބަކީ އެކުދިން ހޮހޮޅައިގާ ނިދާފައިތިބިއިރު ފުރޮޅޭ ފުރޮޅުން ﷲ ނިސްބަތް ކުރައްވާފައިވަނީ އެކަލާންގެ އަމިއްލަ ޛާތުފުޅަށް ކަމަށްވާތީވެއެވެ. އެހެންކަމުން މީހަކު ނިދީގައި "ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ" ނުވަތަ "މިވެނި މީހަކަށް މިވެނި ވަރަކަށް ދަރާފައި އޮންނާނެޔޭ" ބުނިނަމަވެސް، އެކަމެއް ޘާބިތެއް ނުވާނެއެވެ. ސަބަބަކީ އެއީ އޭނާގެ އަމިއްލަ ބާރުގައި ބުނާބަހަކަށް ނުވާތީވެއެވެ.

(وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ)" އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ."

މި ކަމުގެ ޙިކްމަތަކީ: އަބަދު އެއްފަޅި އެއް ބިންމަތީގައި ޖެހިފައި އޮންނަނަމަ ބިންގަނޑު އެބައި ހަލާކުކޮށްލަފާނެތީވެއެވެ. މީގެ އިތުރުން އަބަދު އެއްފަޅި އަކަށް ނިދާފައި އޮންނަނަމަ އެދިމާލަށް ލޭގަނޑުވެ އެހެން ފަޅިތަކުގައި ލޭ ހިނގުން ދަތިވެ ޞިއްޙީ މައްސަލަތަކެއް ދިމާވެދާނެތީވެއެވެ. އެހެންކަމުން އެކުދިން ނިދީގައި އެކި ފަޅިފަޅި އަށް ފުރޮޅުން އެއީ ﷲ ގެ ޙިކްމަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

(وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ) "އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ." މިތަނުން ދޭހަވަނީ ކުއްތާ އޮތީ ނުނިދާ ކަމަށެވެ.

(بِالْوَصِيدِ) ހޮހޮޅައިގެ ދޮރުމަތި، ނުވަތަ ވަންނަ ދިމާލުގައި، މިގޮތަށް ކުއްތާ އެތަނުގައި އޮތުމުގެ ބޭނުމަކީ އެކުދިންގެ ހަށިފާރަވެރިއެއްގެ ގޮތުންނެވެ.

މިއިން ދޭހަކޮށްދެނީ ހަށިފާރަވެރިއެއްގެ ގޮތުން ކުއްތާ ގެންގުޅުން ހުއްދަ ކަމެވެ. ނަމަވެސް ގޭތެރެއަށް ވައްދާ ތަށިތަކާއި ހެދުންތައް ނަޖިސްކުރިޔަ ދީގެން ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދޘް ކުރައްވާފައިވެއެވެ. ( مَنْ أَمْسَكَ كَلْبًا ، فَإِنَّهُ يَنْقُصُ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطٌ ، إِلَّا كَلْبَ حَرْثٍ ، أَوْ مَاشِيَةٍ) މާނައަކީ: "ދަނޑުގޮވާން ކުރާ ދަނޑުގެ ރައްކަލަކަށް ނުވަތަ ހަށިފާރަވެރިޔަކަށް ނޫން ގޮތަކަށް ކުއްތާ އެއް ގެންގުޅޭ ނަމަ، ކޮންމެ ދުވަހަކުވެސް އެމީހެއްގެ ހެޔޮ ޢަމަލުތަކުން ގީރާޠެއްގެ މިންވަރު އުނިވާނެއެވެ."

(لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ) "އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ."

(وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ) ތިމަން ﷲ އެބައިމީހުންނަށް ޢިނާޔަތްތެރިކަން ދެއްވާ، ހޮހޮޅައިގެން ކަންކަން ފަސޭހަކޮށްދެއްވާ، ދިގު މުއްދަތަކަށް އެމީހުން ނިދާފައި ތިބޭނެގޮތް މެދުވެރި ކުރައްވާ، އަދި އެބައިމީހުން ނިދިން ހޭލެއްވީ،

(لِيَتَسَاءَلُوا بَيْنَهُمْ ) މީސްތަކުންގެ ޢާދައަކީ ނިދިން ހޭލައިފިނަމަ އެކަކު އަނެކަކަށް ސުވާލު ކުރާނެއެވެ. ހުވަފެނުގައި ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟ ނުވަތަ ރަގަޅަށް ނިދުނު ހެއްޔެވެ؟ ނުވަތަ އެނޫންވެސް ސުވާލުތައް ކުރެއެވެ.

(قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ ) "އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟"

(قَالُوا لَبِثْنَا يَوْمًا) "އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު އެވެ."

(أَوْ بَعْضَ يَوْمٍ ) "ނުވަތަ ދުވަހެއްގެ ބައެއްގައެވެ." ސަބަބަކީ އެމީހުން ހޮހޮޅައގެ ތެރެއަށް ވަނީ ދުވާލުގެ ކުރީކޮޅުގައެވެ. ހޭލެވުނު އިރުގައި އެއީ ދުވާލުގެ ފަހުކޮޅެވެ.

ހޭލެވުނީ އަނެއް ދުވަހު ކަމަށް ވަނީނަމަ، ހޮހޮޅައިގާ ތިބީ އެއް ދުވަހެވެ. ހޭލެވުނީ ހަމަ އެދުވަހު ކަމަށްވަނީނަމަ ހޮހޮޅައިގާ ތިބީ ދުވަހެއްގެ ބަޔެކެވެ. މިއިން އެނގެނީ އެމީހުން ތިބީ ވަރަށް ގަދަޔަށް ނިދިފައި ކަމެވެ.

(قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ  )"އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ." ވަރަށް ދިގު މުއްދަތަކަށް ނިދީގައި ތިބި ކަމަށް އެމީހުންނަށް އިޙްސާސްކުރެވުނީ އެވެ. އެހެންކަމުން، ނިދީގައި ތިބީ ކިހާ އިރަކު ކަމެއް ކަނޑައަޅަން ނޭގުނީ އެވެ.

(فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ ) "ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ!"  މިއިން ދޭހަވާ ގޮތުގައި:

1.    ގަނެ ވިއްކުމުގައި މީހަކާ ޙަވާލު ކުރުމަކީ ހުއްދަ ކަމެއްކަން ދޭހަވެއެވެ. އެއްފަހަރެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާ އެއް ބައްލަވައިގަތުމަށްޓަކައި، އެކަލޭގެފާނުގެ ޞަޙާބީ އެއްގެ އަތްޕުޅަށް ދީނާރެއް ދެއްވިއެވެ. ދެން އެޞަޙާބީ ކަންކުރެއްވި ގޮތަކީ އެދީނާރަށް ދެބަކަރި ގަތެވެ. އަދި އެތަނުން އެއް ބަކަރި ދީނާރަކަށް ވިއްކާލާފައި އަނެއްބަކަރި ހިއްޕަވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގާތަށް ވަޑައިގެން ބަކަރި އާއި ދީނާރު ޙަވާލު ކުރެއްވިއެވެ. އެހިނދު އޭނާގެ ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރެއްވިއެވެ.  މި ޙާދިޘާ އަށް ބައްލަވާފައި ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ އަތުގައި މީހެއްގެ ފައިސާހުރެ، އެމީހާ ރުހޭނެ ކަމުގެ ޔަގީންކަން އޮތްނަމަ އެއިން ވިޔަފާރި ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

2. މި އާޔަތުން ދޭހަވާ ގޮތުގައި އެންމެ ރަގަޅު ކާނާ ހޯދުމަށް އެދުމަކީ ހުއްދަ ވެގެންވާ ކަމެކެވެ. (فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا) "އެންމެ ރަގަޅު ޙަލާލު ކާނާ އެއް ހޯދާށެވެ."

(فَلْيَأْتِكُم بِرِزْقٍ مِّنْهُ) ގަނެގެން ހިފައިގެން އަންނާށެވެ. ވީމާ، އެބައިމީހުން އެވަނީ ގަތުމަށާއި، ގެނައުމަށް ބަޔަކާއި ޙަވާލުކޮށްފައެވެ.

( وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا) " އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ خبرއެނގުނަދީގެން ނުވާނެއެވެ." މިއިން ދޭހަވަނީ އެބައިމީހުން އެހާ ދިގު މުއްދަތަކަށް ނިދާފައި ހޭލެވުނު ކަމުގެ އިޙްސާސް އެއްވެސް މީހެއްގެ ކިބައިގާ ނެތް ކަމެވެ.

(إِنَّهُمْ إِن يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾  )"ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ خبرއެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ دينއަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ."

( وَلَن تُفْلِحُوا إِذًا أَبَدًا ) ތިޔަބައިމީހުން ރަށުގެ މީހުންގެ ދީނަށް އެނބުރި ގޮސްފިކަމަށްވަނީނަމަ، ދުވަހަކުވެސް ކަމިޔާބު ލިބިގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާނެތެވެ.

މި އާޔަތުން ދޭހަވަނީ ޢަދާވާތްތެރިންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެން ހުންނަން ޖެހޭނެކަމެވެ.

(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾  )

(وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ  ) އެމީހުން ނިދިން ހޭލެއްވި ފަދައިން، އެބައިމީހުންގެ ރަށުމީހުންނަށް ނެރެ ދެއްކެވީމެވެ.

(لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ  ) އެގައުމުގެ މީހުންނަށް އެބައިމީހުން ފެނުނީ ﷲގެ ވަޢްދުފުޅު ޙައްގުތެދުކަން އަންގަވައި ދެއްވުމަށްޓަކައެވެ. އެއީ އެކަމަކާއި މެދު އެބައިމީހުން އިންކާރު ކުރަމުން ގެންދާ ގިޔާމަތުގެ ވާހަކަތަށް އިންކާރު ކުރާ ކަންތައްކަމަށްވިޔަސް، ނުވަތަ އަނިޔާވެރި ގައުމުގެ މީހުންގެ ފަރާތުން އެޒުވާން ކުދިން މިންޖު ކުރެއްވުންކަމަށްވިޔަސްވެސް އެވެ.

( وَأَنَّ السَّاعَةَ لَا رَيْبَ فِيهَا )

(السَّاعَةَ) ގިޔާމަތްވުން،

(لَا رَيْبَ فِيهَا) ޝައްކެތް ނެތެވެ. ގިޔާމަތްދުވަސް އަންނާނެކަމީ ޝައްކެތްނެތް ޔަގީން ކަމެކެވެ.

(إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ) އެޒުވާނުންގެ ކަންތަކާއި މެދުގައި އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަރާރުންވިއެވެ. އެޒުވާނުންނާއި މެދުގައި ކަންކުރާނީ ކިހިނަކުން ހެއްޔެވެ؟ ދޫކޮށްލާނީ ހެއްޔެވެ؟ ނޫންނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

(فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ) "ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ!"

( رَّبُّهُمْ أَعْلَمُ بِهِمْ  ) " އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ." ތިންސަތޭކަ ނުވަ އަހަރުވަންދެން އެބައިމީހުން ނުކައިނުބޮއި އެތަނުގައި ތިބީ ކިހިނަކުން ކަމާއި މެދުގައި އެބައިމީހުން ޙައިރާންވިއެވެ.

(قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ) " އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ." އެއީ އެމީހުންގެ ތެރެއިން އަމީރުންނެވެ.

(لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا) އެބައިމީހުން ވަށައިގެން ޢިމާރާތެއް ހެދުމުގެ ބަދަލުގައި އެމީހުން ތިބިތަނުގައި މީސްތަކުން ނަމާދުކުރާނެ މިސްކިތެއް ބިނާކުރާނީއެވެ.

ގަބުރު މަތީގައި މިސްކިތް ބިނާކުރުމަކީ ޝިރްކުގެ ޢަމަލެކެވެ. އިސްލާމްދީނުގައި އެކަންތައް ވަނީ ވަރަށް ބޮޑަށް މަނާ ކުރައްވާފައެވެ. (لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ)މާނައަކީ: "މާތް ﷲ ޔަހޫދީންނާއި ނަޞާރާ އިންނަށް ލަޢްނަތް ލެއްވިއެވެ. އެބައިމީހުންގެ ނަބީބޭކަލުންގެ ގަބުރުތައް މިސްކިތަކަށް ހެދިއެވެ."

ހޮހޮޅައިގާ ތިބި މީހުންގެ ޢަދަދު ކުރުމުގައި އެބައިމީހުންގެ ތެރޭގައި އިޚްތިލާފު ވެފައިވާކަން އަންގަވާ ވަޙީ ކުރެއްވިއެވެ.

 

(سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾  )" އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ. ހީއަކަށް غيبގެ ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ. އެއީ ހަތްމީހުންނެވެ. އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ عددދެނެވޮޑިގަތުންބޮޑީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. މަދުބަޔަކަށްމެނުވީ އެއުރެންގެ عددއެއް ނޭނގެތެވެ. ފަހެ، ފާޅުވެގެންވާ جدلއަކުން މެނުވީ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު جدلނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެ جدلކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު سؤالނުކުރައްވާށެވެ!"

- ނުނިމޭ -

މިއަދު އޮންލައިން