ޔޫއްޕެ ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަޓެއިންމެންޓް ގުޅިގެން އުފެއްދި "40 ޕްލަސް" އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާ ކޮށްފައިވާއިރު، މިފިލްމު ވެފައިވަނީ މިއަހަރުގެ މިހާތަނަށް އެޅުވި ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ފިލްމަށެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ މިފިލްމު ޕްރިމިއާ ކޮށްފައިވާއިރު، ގިނަ ޝޯވް ތަކެއް މިހާރުވެސް ހައުސް ފުލް ވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.
ރާއްޖޭގައި އުފެއްދި ފުރަތަމަ ހޮރޯ ކޮމެޑީ ފިލްމު "ފޯޓީ ޕްލަސް" އަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، ދިވެހި ފިލްމު އިންޑަސްޓްރީގެ ބައެއް ފުންނާބު އުސް ތަރިން ވެސް ވަނީ މިފިލްމަށް ވަރަށް ސަނާ ކިޔާފައެވެ.
އެގޮތުން ރާއްޖޭގައި މިވަގުތުހުރި އެންމެ އަގުބޮޑު އަދި ގިނަބަޔަކު ސަޕޯޓުކުރާ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ މިފިލްމާއިބެހޭ ގޮތުން ބުނެފައިވަނީ މިފިލްމުގެ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެފައިވާ މޮޅު ސްކްރިޕްޓަށް އޭނާ ޔޫއްޕެއަށް ސެލިއުޓް ކުރާ ކަމަށެވެ. އަދި މިފިލްމަކީ ޗެނައީ އެކްސްޕްރެސް އަށްފަހު އޭނާ ބެލި (ކޮމެޑީ) ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް ހޭން ޖެހުނު ދެވަނަ ފިލްމު ކަމަށް ވެސް އައްޒަ ބުނެފައިވެއެވެ. އައްޒަ އަކީ "40 ޕްލަސް" ގެ ފުރަތަމަ ފިލްމު "ނޯޓީ ފޯޓީ" ގައި އިސްކޮށް ހަރަކާތްތެރިވި އެއް އެކްޓްރެސް އެވެ. މީގެއިތުރުން މިފިލްމުގައި އައްޒަގެ "ސަޕްރައިޒް" އެއް ވެސް ވެއެވެ.
އައްޒަގެ އިތުރުން ރާއްޖޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ބަޠަލު ޖުމައްޔިލް ނިމާލް ވެސް "40 ޕްލަސް" އަށް ފުރިހަމަ ރިވިއު އެއް ދީފައިވެއެވެ. ފިލްމުގެ ހުރިހާ ތަރިންނަށް ވެސް ސަނާ ކިޔަމުން ޖުމައްޔިލް ބުނެފައިވަނީ މިއީ ޔޫއްޕެ އުފެއްދި ފިލްމުތަކުގެ ތެރެއިން ވަރަށްވެސް މޮޅު އަދި އެހާމެ މަޖާ ފިލްމެއް ކަމަށެވެ.
ޖުމައްޔިލްގެ އިތުރުން އެކްޓާރ އަދި މޮޅު ނެށުންތެރިޔާ އަހްމަދު އަޒްމީލް (އަޒޭ) ވެސް ބުނެފައިވަނީ، މިފިލްމު ފަށައިގެން ނިމެންދެން ވެސް ހީނުލާ އެންމެ ވަގުތަކުވެސް ނުއިނދެވުނު ކަމަށާއި މިފިލްމަކީ ހަމަ "މާސްޓާޕީސް" އެއް ކަމަށެވެ.