ނަރަކައިގެ އަހުލުވެރިން ނަރަކައިގެ ބަނޑޭރި މާލިކްގެފާނަށް ގޮވާނެއެވެ. އެގޮވާލުމަށް މާލިކްގެފާނު ޖަވާބު ދެއްވަވާނީ 40 އަހަރުފަހުންނެވެ. މާލިކްގެފާނު ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ތިއަތަނުގައި އަޒާބުގައި ދެމިތިބޭށެވެ!".
ދެން އެމީހުން ނަރަކައިން ނެރުއްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. އެއިގެ ޖަވާބު ﷲ ތަޢާލާ ދެއްވަވާނީ 40 އަހަރު ފަހުންނެވެ. ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ނިކަމެތިކަމާއިއެކީ ހިމޭންވެ ތިބޭށެވެ! ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!"
صحيح الترغيب والترهيب (3691)
"ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!" މި ބަސްފުޅުން އެމީހުންނަކީ ﷲ ތަޢާގެ ރަޙްމަތްފުޅުން ބޭރުކޮށްލެއްވިފައިވާ ބައެއްކަން އެބަ އެނގެއެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނުމަށް މަސައްކަތް ކުރަންވީ މިއަދު އެވެ. އެކަމަށް އަމުރުފުޅު ކުރައްވަވައި މިއަދު މިވަނީ ފުރުޞަތު ދެއްވަވައިފައެވެ. އެ ފުރުޞަތުގެ ބޭނުން ނުހިފައި ހިތަށް އެރިހައި ގޮތަކަށް އުޅެ ނަރަކައަށް ދާންޖެހުމުން ކިތަންމެ ވަރަކަށް ރޮއި އާދޭސް ކުރި ނަމަވެސް އެކަމުން އެއްވެސް އެއްވެސް ނަތީޖާއެއް ނުފެންނާނެކަން މިބަސްފުޅުތަކުން އެނގިގެންދެއެވެ.
ބަންގީގެ އަޑު އިވުމުން އެއީ ތިމާ އާއި ބެހޭ ކަމެއް ކަމަށް ނުހަދައި މިއަދު ތިބެވިދާނެއެވެ! ނޫނީ އެއީ ކޮންމެވެސް ދުވަހަކުން ތިމާ ވެސް ކުރާނެ ކަމެއް ކަމަށް އުންމީދުކޮށްގެން ހުރެވިދާނެއެވެ. ބިރުވެރިކަން ހުރީ އުންމީދުކޮށްގެން ހުންނަ ދުވަހާއި ބައްދަލު ނުވެ މަރުވެދާނެކަމަށެވެ.
ނަމާދު ވަގުތު ޖެހުމުން ނުވަތަ ވަގުތު ކައިރިވުމުން އެކަން ހަނދާންކޮށްދޭނެ މީހަކު މިއަދަކު ބޭނުމެއް ނުވެއެވެ. އަތުގައި އޮންނަ ސްމާޓް ފޯނު ކައިރީގައި ބުނެލުމުން އެކަން ހަމަ ހިލޭ ސާބަހަށް ކޮށްދެއެވެ. ވީއިރު ﷲ ތަޢަލާގެ ޙަޟްރަތުގައި ދެއްކެން އޮންނާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ "ތިމަން ﷲއަށް ބަސް ނުދަންނަވަން" އަމުރުފުޅު ކުރައްވަވާ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާ ބައަކަށްވާށެވެ.
ނަރަކައިގެ އަލިފާނުގެ ހޫނުގަދަ ކަމަށާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޒާބަށް ބިރުވެތިވާންވީ މިއަދުއެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެ ކަމަށް ބުނާ ބުނުމަށް ހޭލުންތެރިވާ ބައަކަށްވާށެވެ! ނަރަކައަކީ 70 އަހަރުގެ ރާސްތާގެ ފުންތަނެކެވެ. އެތަނެއް ނުފުރޭނެއެވެ! ދުނިޔޭގައި މި ގެންގުޅޭ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ 70/1 ބައި ހޫނުމިން ހުންނަ އަލިފާނެވެ. 70 ބައި އެކުވުމުން ހުންނާނެ ހޫނުމިން ހިތަސް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން