ދުނިޔޭގަ ހުރެ ކުރެވޭނެ އެންމެ މަތިވެރި ކަމަކީ މިސްކިތް ބިނާކުރުމާ މިސްކިތަށް ޚިދުމަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ދުނިޔޭގަ ހުރެ ކުރެވޭނެ އެންމެ މަތިވެރި ކަމަކީ މިސްކިތް ބިނާކުރުމާ މިސްކިތަށް ޚިދުމަތްކުރުން!

ބިންމަތީގައި ހުރި މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ ތަނަކީ ކޮބައިތޯ މީހަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުގައި ދެންނެވި ސުވާލަކާއި ގުޅިގެން ހަމަ އެ ސުވާލުގެ ޖަވާބު ހޯއްދެވުމަށް އިތުރު މާތް ނަބިއްޔާ ހަމަ އެ ސުވާލު ޖިބްރީލްގެފާނަށް ދެންނެވިއެވެ. 

ޖިބްރީލްގެފާނު ޖަވާބު ނުދެއްވައި ވަޑައިގެން އެ ސުވާލު މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވިއެވެ. އެހިނދު މާތް ﷲ ވަޙީކުރެއްވެވިއެވެ. ތިމަން ﷲ އެންމެ ލޯބިފުޅު ކުރައްވަވަނީ މިސްކިތްތަކަށެވެ. އަދި އެންމެ ރުހިވޮޑިނުގަންނަވަނީ ބާޒާރުތަކަށެވެ. 

މާތް ﷲ އަށްޓަކައި ބިންމަތީގައި މިސްކިތެއް ބިނާކޮށްފި މީހަކަށްޓަކައި މާތް ﷲ ސުވަރުގޭގައި ބިނާއެއް ބިނާކޮށްދެއްވަވައެވެ. 

މިސްކިތްތަކަށް ޚިދުމަތް ކުރުމަކީވެސް ހަމަ އެހައިމެ މަތިވެރި އަމަލެކެވެ. މިސްކިތްތައް ބެލެހެއްޓުމެވެ. މިސްކިތަށް އައިސް ނަމާދުކުރުމެވެ. 

ވިސްނާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މަދީނާއަށް ހިޖުރަ ކުރެއްވެވުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރެއްވެވި ކަމަކީ މިސްކިތްކޮޅެއް ބިނާ ކުރެއްވެވުމެވެ. 

މިސްކިތްތަކުގައި ކުރަންޖެހޭނެ ކަމަކީ މާތް ﷲ ގެ ދީން މަތިވެރިކުރުމުގެ ކަންކަމެވެ. އެތަންތަނަކީ ސިޔާސީ ފަތުވާދޭން ހުރި ތަންތަނެއް ނޫނެވެ. ސިޔާސީ ވާހަކަތައް ދައްކަން ހުރި ތަންތަނެއް ނޫނެވެ. އެހެނީ ސިޔާސީ ވާހަކަތަކަކީ ވަކިމީހެއްގެ ފައިދާއަށް ދައްކާ ވާހަކަތަކަށްވާތީއެވެ. 

މިސްކިތް ބޭނުންކުރަންވާނީ އިސްލާމީ އުންމަތުގެ ފައިދާއަށެވެ. އެތަނުގައި ކުރަންޖެހޭނީ އިސްލާމީ އުންމަތަށް ފައިދާހުރި ކަންކަމެވެ. 

މިސްކިތް ބިނާކުރާއިރު އެތަނަކީ ކޮންމެހެން އެންމެ އަގުބޮޑު ތަކެތިން ކުރާ ބިނާތަކަކަށް ހަދާކަށް ނުޖެހެއެވެ. އެންމެ ބޮޑެތި ބިޔަ ސައިޒުގެ މިސްކިތްތަކަށް ވުމަކަށްވެސް ނުޖެހެއެވެ. އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން މިސްކިތްތައް ބިނާކުރުމުން މަޤްޞަދު ޙާޞިލުވާނެއެވެ. 

މިސްކިތްތަކުގެ ޒީނަތްތެރިކަމަކީ އެތަނުގައި ކުރާ ހެޔޮ އަމަލުތަކެވެ. އެތަނުން މީސްތަކުންނަށް ކުރާ ފައިދާއެވެ. އިސްލާމީ އުންމަތަށް ކުރާ ފައިދާއެވެ. މާތް ﷲ ގެ ދީން ފަތުރަން ކުރާ މަސައްކަތްތަކެވެ. 

މިސްކިތް ބިނާކުރުމަކީ އެމީހާ މަރުވެ ދިއުމަށްފަހު ވެސް އެކަމުގެ ފައިދާ އެމީހަކަށްޓަކައި ލިބިލިބި ދިރިހުންނާނެ ކަމެކެވެ. ނަމަވެސް ގިނަ ބައަކު މިކަން ކަމަކަށް ނުވިސްނައެވެ. މިސްކިތެއް ބިނާކުރުމުން ލިބޭނެ ފައިދާތަކާއިމެދަކުވެސް ނުވިސްނައެވެ. 

މިސްކިތް އެޅުމަށް ސަލާންޖެހުމެއް ނެތެވެ. އޮތީ ވިސްނައި ދިނުމެވެ. ވިސްނައި ދިނުމުން މީސްތަކުން ހޭލުންތެރިވާނެއެވެ. މިސްކިތްތައް އަޅާނެއެވެ. 

(އައްޝައިޚް އަބޫ އުސާމާގެ ދަރުސަކުން)

މިއަދު އޮންލައިން