ކައުންސިލް މެންބަރުން ވަނީ ރ. އަނގޮޅިތީމުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުން ލިބެންހުރި އަސާރީ ތަކެތި ބެހެއްޓުމަށް މިއުޒިއަމެއް އިމާރާތްކޮށްދެއްވުމަށް ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިއަހުގައި އެދިއްޖެއެވެ.
އެކަމަށް އެދިފައިވަނީ ރަށު ކައިސިލުންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލް މެންބަރުން ވަނީ ރަށުގެ ނަރުދަމާ އަދި ފެނުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި، މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތައް މެންބަރުން ވަނީ ޙިއްޞާކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަނގޮޅިތީމްގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.