ރާއްޖޭގައި ލޭއަޅާބަލި ހުރި 800 އަށްވުރެ ގިނަ ކުދިން އެބަ ތިބި ކަމަށާއި ބޯންމެރޯ ހަދަންޖެހޭ ހުރރިހާ ކުދިންނަށްވެސް އެކަން ވީހައި އަވަހަކަށް ކޮށްދެވޭތޯ ސަރުކާރުން ބަލަމުން ގެންދާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބޯން މެރޯ ހަދަން ފުރަން ހަމަޖެހިފައި ތިބި ކުދިންނާއި އަދި ކުދިންގެ ބެލެނިވެރިންނާއި ހެލްތް މިނިސްޓްރީގައި ބައްދަލުކުރައްވައި އަމީން މިއަދު ވިދާޅުވީ މިހައިތަނަށް ބޯން މެރޯ ހެދި ކުދިންގެ ކަންކަން ކާމިޔާބު ކަމަށާއި މިހާރު ބޯން މެރޯ ހަދަން ފޮނުވާ ހޮސްޕިޓަލުތަކުގެ އިތުރުންވެސް ހޮސްޕިޓަލްތަކަށް ފޮނުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ކުދިންނަށް އިތުރު ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށްވެސް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. ހަމަ އެއާއެކު ލޭ އަޅާކުދިންގެ ޢާއިލާތަކާއިއެކު ގާތް ގުޅުމެއް ބޭއްވުމަށްވެސް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
ބޯންމެރޯ ހެދުމަކީ ވަރަށް ބޮޑު ޚަރަދުތަކެއް ކުރަންޖެހޭ ކަމެއް ކަމާއި އަދި ދިގު މުއްދަތެއް ހޭދަކުރަންޖެހޭ ކަމެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.