ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމުތަކުގައި "އިހުތިރާމު" ހިމެނޭ ޚާއްޞަ މޮޑިއުލެއް ހިމަނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމުތަކުގައި "އިހުތިރާމު" ހިމެނޭ ޚާއްޞަ މޮޑިއުލެއް ހިމަނަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނާ ގާތުން އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާއަކަށް ހެދުމުގެ ގޮތުން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމުތަކެއްގައި "އިހުތިރާމު" ހިމެނޭ ޚާއްޞަ މޮޑިއުލެއް ހިމެނުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ލ. ހިތަދޫގައި އަލަށް ޤާއިމުކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އިހުތިރާމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައާއި އެހެން ފަރާތްތަކާ އެކު ކުރެވޭ މުއާމަލާތްތަކުގައި ކޮންމެ ފުލުހަކުވެސް ކާރިސާތަކާއި ތަފާތު ޙާލަތްތަކުގައި ހިފަހައްޓަންޖެހޭ އެންމެ އަސާސީ ސިފަ ކަމަށެވެ.

މި އަސާސް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕޮލިސް ކޮލެޖުން ހިންގާ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ޚާއްޞަ ތަމްރީނުތައް ހިމެނޭހެން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ޚާއްޞަ މޮޑިއުލެއްގެ ގޮތުގައި "އިހުތިރާމު" ހިމެނުމަށް ނިންމާފައިވާކަން އެމަނިކުފާނު ވަނީ ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.

ސަރުކާރުން އަލަށް އިފްތިތާހުކުރި "އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މިއީ މުޖުތަމައުގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މުހިންމު އިއުލާނު ކުރައްވާފައިވަނީ ލ. ހިތަދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އާރްޑީސީއާ ޙަވާލުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިވާ މި ސްޓޭޝަނާއެކު، ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް ރައްޔިތުންނާ ގާތުން، އިތުބާރާއި ޔަޤީންކަމާއެކު ޚިދުމަތް ދިނުމަށް ފުލުހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިއަދު އޮންލައިން