ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ކައިވެނިކުރެވުމުގެ ކުރިން ގޭގެ ވެރިކަން ލިބުނީމާ ހަތް އުޑަށް އެރުވި އަންހެނަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހަކާ ކައިވެނިކުރެވުމުގެ ކުރިން ގޭގެ ވެރިކަން ލިބުނީމާ ހަތް އުޑަށް އެރުވި އަންހެނަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ނިންމުމުން މަންމަ އެދުނީ އެންމެ ކަމަކަށެވެ. އެކަމަކީ އެއިރު ދަރިފުޅު ފުރަން ހަމަޖެހިފައި އޮތް ދަތުރު ފުރުމުގެ ކުރިން އެނބުރި އަންނަންދެން ގޭގައި އިންނަ ގޮތަށް އަންހެން ކުއްޖާ ގެއަށް ގެނެސްދިނުމަށާއި މަންމައަކީ ނޯކަރެއްގެ ގޮތުގައި ތަޢާރަފްކޮށްދީފައި ފުރައިގެންދިއުމަށެވެ. ދަރިފުޅު އެކަންކޮށްދިނުމުން ގޭގައި ގެންގުޅޭ ނޯކަރު ކުއްޖާގެ ގާތުގައިވެސް އެދުނީ މެޑަމް ނުކިޔައި ނަމުން ކިޔުމަށެވެ.  

ވާންއުޅޭ ތަނަވަސް ފިރިމީހާގެ ގޭގެ ވެރިކަން ލިބުމުން އަންހެންކުއްޖާގެ ހިތް އަރުވައިލީ އުޑަށެވެ. ކަމަކަށް އޮންނަނީ މުސްކުޅި ނޯކަރު (މަންމަ) އަށް އެއްޗެތިގޮވުމެވެ. ނުކުރާ ކަންކަން ކުރިކަމަށް ހަދައިގެންވެސް އެއްޗެތި ގޮވައެވެ. އެއީ ކުރެވޭ މޮޅުކަމަކަށްވެގެން އެކުވެރިންނަށް ގުޅައި އެވާހަކަތައްވެސް ކިޔައިދެއެވެ.  

މިފަދަ ބައެއް ކޯލްތަކުގެ އަޑު ނޯކަރުކުއްޖާއަށް އިވިގެން އައިސް މަންމަގެ ގާތުގައި ކިޔައިވެސްދެއެވެ. މަންމަ ބުނަނީ އަޑުއިވޭކަމަށް ނުހަދައި މަޑުން ހުރުމަށެވެ. ވަޤުތު ޖެހުމުން ވާގޮތް ފެންނާނެ ކަމަށެވެ.

ދަރިފުޅު އެނބުރި އައިސް ކައިވެނީގެ ކަންކަން ކުރިއަށް ގެންދަންވެގެން ރަންކިޔުއްވަން އޮތް ރަސްމިއްޔާތަށް ވަރަށް ނަލަހެދި އަގުބޮޑު ގަހަނާތައް އަޅައި ޒީނަތްތެރިވެގެން ނުކުތުމުން ހީވަނީ ރާނީއެއްހެންނެވެ. ރަސްމިއްޔާތު ފެށެން ތައްޔާރުވުމުން އެވަޤުތާއި ހަމައަށްވެސް ފޮރުވިގެންހުރި މަންމަވެސް ނަލަހެދި ހަމައެހައި ރީތިވެގެން ނުކުތުމުން އަންހެންކުއްޖާ ދިއައީ ސިއްސައިގެންނެވެ. ގޯހެއް ހިނގައިފިކަން އެނގުމުން ބިރުން ތުރުތުރުއަޅަން ފެށިއެވެ.

މަންމަ ބުންޏެވެ! "ދަރިފުޅާއެވެ! ރަސްމިއްޔާތު ކުރިއަށްގެންދަންވާނެއެވެ. އެކަމަކު އެއްވެސް ކަމެއް ކުރުމުގެ ކުރިން މަންމަ މިހާރު މިދައްކާ ފިލްމް އެންމެންވެސް ބަލައިލާށެވެ!" އެހެން ބުނެފައި ޕްލޭކޮށްލުމުން ދަރިފުޅު ނެތްއިރު މަންމައާއިމެދު ކަންކަންކުރި ގޮތުގެ ވީޑިއޯ ކްލިޕްތަކެވެ.

އަންހެންކުއްޖާ ރޮމުން ދުވެފިލަންވެސް ބޭނުންވިއެވެ. އެކަމަކު އެކަމެއްވެސް ނުކުރެވުނެވެ. އަންހެންކުއްޖާގެ މައިންބަފައިން އޭނާ ހިފެހެއްޓުމުންނެވެ.  

ކްލިޕްތައް ދެއްކުމަށްފަހު މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! އިންސާނާގެ އެންމެ މުހިންމު ގިނަވަނީ ހިތެވެ. ހިތް ރީތިވެއްޖެނަމަ ދެން ހުންނަ ހުރިހާ ކަމެއް ރީތިވާނެއެވެ. މިހުރިހާ ކަމެއް ހިނގައިދިއައިރު މަންމައަށް ޘާބިތުކަންމަތީގައި އިނދެވުނީ މީނދަ އަންހެންކުއްޖާ (ނޯކަރުކުއްޖާ)ގެ ސަބަބުންނެވެ. ބަލައިލަންވެސް ހުތުރެއް ނޫނެވެ. އޮތީ ހަމައެކަނި އޭނާގެ ފަޤީރުކަމެވެ. އަހުރެމެން މިއުޅެނީ ތަނަވަސްކަން ފަހަތަކުން ނޫނެވެ. ވީމާ މަންމައަށް ދުވަހަކުވެސް ކަމެއްކޮށްދޭނެނަމަ މިރޭގެ މިރަސްމިއްޔާތުގައި އޭނާލައްވައި ރަންކިޔުއްވައި ކައިވެނިކުރާށެވެ. އެކުގައި އުޅެން ދަސްކުރަންޖެހޭނީ އަޚްލާޤެވެ. އޭނާގެ އަޚްލާޤަކު ދަރިފުޅަށް ދަސްކުރަންޖެހޭނެ ކަމެއް ނުއޮންނާނެއެވެ.  

އޭނާ މަންމައަށް ހިތްވަރުދީ އެހީތެރިވީ އެކަން އެނގިއްޖެނަމަ އޭނާއަށް މިނުލަފާ އަންހެނާ ދޭނެ ދެރައަށް ބެލުމެއް ނެތިއެވެ. ތެދުވެރި އިޚްލާޞްތެރިންގެ ގޮތަކީ އެއީއެވެ.  

އެރޭގެ ކަންކަން ނިމިގެންދިއައީ މަންމަ އެދުނު ގޮތަށެވެ. ކިބުރުވެރި އަންހެނާއަށް ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ! އެންމެ ދެރަވީ އަޅައިގެންހުރި އަގުބޮޑު ގަހަނާތައްވެސް ބާލަންޖެހުމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިޙާދިސާގެ ވާހަކަ ގެނެސްދިން ބޭނުމަކީ ޢުމުރުން ދުވަސްވުމަކީ ކުށެއްކަމަށް ދެކިގެން އެމީހުން ނިކަމެތިކުރާ މީހުންނަށް ފިލާވަޅެއްގެ ގޮތުގައެވެ. އެނުބައިކަން ދައްކާ ކޮންމެ މީހަކަށްވެސް އެމީހާ އެންމެ ނުއެދޭނެ ކޮންމެވެސް ކަމެއް ކުރިމަތިވެ ކަރުނައަޅަންޖެހުމަކީ އަބަދުވެސް މެދުވެރިވާ ކަމެކެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން