ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ސަބަބުން ތަނަވަސްކަން ލިބުނީމަ އަނބިމީހާ ނިކަމެތިކޮށްލި މީހަކު ނިމިދިއަ ގޮތް- އެންމެންނަށް ޢިބްރަތަކަށްވާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ސަބަބުން ތަނަވަސްކަން ލިބުނީމަ އަނބިމީހާ ނިކަމެތިކޮށްލި މީހަކު ނިމިދިއަ ގޮތް- އެންމެންނަށް ޢިބްރަތަކަށްވާނެ ފިލާވަޅެއް!

އެދެމަފިރިން ކައިވެނިކުރިއިރު ދެމީހުންނަކީވެސް އާދައިގެ ވަޒީފާއެއް އަދާކުރާ ދެމީހުންނެވެ. އަނބިމީހާގެ މިންނެތް މަސައްކަތުން ދިރިއުޅުން ކުރިއަރައި، ތަނަވަސްކަން ލިބި ފުދުންތެރިވެވުމުން ފިރިމީހާ އަނބިމީހާ ބާކީކޮށްލިއެވެ. ދެރަވެ ހިތުގައި ޖެހޭނެ ކަމެއް ނޫނީ ނުކުރަން ފެށިއެވެ.  

އަނބިމީހާ ކެތްތެރިވިއެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަން ފެށިއެވެ. އަޅުކަންކުރުން ގިނަކޮށް ދުޢާކުރަން ފެށިއެވެ. 

އެއީ ފިރިމީހާގެ ޙަޔާތުގައި ވަރަށް މުހިންމު ދުވަހެކެވެ. މިހައިތަނަށް ލިބޭ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ފިރިމީހާ ސައިބޮއިގެން ނުކުގެންދިއައީ ހަނދާން ނެތި އިންހޭލަރު ބާއްވައިފައެވެ. އޭނާގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެއީ އަބަދުވެސް އޭނާގެ އަތުގައި ބާއްވަންޖެހޭ އެއްޗަކަށްވުމުން އަނބިމީހާ އަވަސްވެގަތީ އިންހޭލަރު ގެންގޮސްދިނުމަށެވެ.  

އޮފީހަށް ދެވުމާއިއެކު ދުވެފައިގޮސް ބޯޑުރޫމަށް ވަދެވުނުއިރު ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދަނީއެވެ. އަނބިމީހާ ވަދެ އިންހޭލަރު ދީފައި ނުކުންނަން ހިނގައިގަތުމުން ފެށީ އެއްޗެތިގޮވާށެވެ. އެހައި ހަޑި ހެދުމެއްގައި ހުރެގެން އައީ އޭނާގެ އަގުވައްޓާލަންކަމަށް ބުނެއެވެ. އަނބިމީހާ ބުނީ އިންހޭލަރު ބާއްވާފައި އައިކަން އެނގުމުން ކަންބޮޑުވީވަރުން މިވަޤުތާއިހަމައަށްވެސް އޭނާލައިގެންހުރި ފޭރާމާއިމެދު ވިސްނައިވެސް ނުލެވޭކަމަށެވެ.  

ފިރިމީހާއަށް ލިބިފައިވާ ބޮޑާކަން ކުރިއަށްނެރެ ތިއައީ ތިއަވަރުގެ މުހިންމު އެއްޗެއް ނޫންކަމަށް ބުނެ އެންމެންގެ ކުރިމަތީގައި އިންހާލަރު ހަލާކުކޮށްލިއެވެ. އަނބިމީހާ މާފަށް އެދިފައި ނުކުންނަން ހިނގައިގަތް ވަޤުތަކީ ފިރިމީހާއަށް އެޓޭކް އައި ވަޤުތެވެ. ދެވޭނެ ފަރުވާއެއް ނެތެވެ. ތަޅުންގަނޑަށް ވެއްޓުނުތާ 5 މިނިޓްވެސް ނުވަނީސް މަރުވެއްޖެއެވެ. އަވަސްފަރުވާދޭން ގެނުވި އެމްބިޔުލާންސަށް ގެންދަންޖެހުނީ މަރުވެފައި އޮތް މަސްގަނޑެވެ. ފުރާނަ ނެތް ހަށިގަނޑެވެ.  

އަނބިމީހާ ވަރަށް ދެރަވިއެވެ. އޭނާ ވިސްނީ އޭނާއާއިމެދު ކަންކަން ކުރިގޮތަކަށް ނޫނެވެ. ކުރިމަތީގައި ހިލޭ އަންހެނުން ގެންގުޅުނީތީއެއްވެސް ނޫނެވެ. ފިރިމީހާއާއި ޢުމުރަށް ވަކިވާންޖެހުނު ކަމާއިމެދުގައެވެ.  

އޭނާ ފިރިމީހާއަށްޓަކައި ވަމުން އައި ޤުރްބާނީގެ ބަދަލަށް ފިރިމީހާގެ ލޯތްބާއި އަޅައިލުން ނުލިބުނު ނަމަވެސް ބޮޑު ބަދަލެއް ލިބުނެވެ. އެއީ ނިކަމެތިކަންމަތީގައި ތިބެ ދެމީހުން ވެފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. އެއެއްބަސްވުމުގައިވަނީ ދެމަފިރިން އެކުގައި އުޅެނިކޮށް ފިރިމީހާ ނިޔާވެއްޖެނަމަ އެއްވެސް ޝަރުޠަކާއި ނުލާ ފިރިމީހާގެ ހުރިހާ މުދަލަކާއި ފައިސާއެއް އަނބިމީހާއަށް ލިބޭނެ ކަމަށެވެ. އަދި އަނބިމީހާ ކުރިން ނިޔާވެއްޖެނަމަ ފިރިމީހާއަށް ލިބޭނެ ކަމަށެވެ. އެއީ ވިޔަފާރި ކުންފުނި އުފައްދާއިރު ޙިއްޞާދާރުންނަކީ ދެމަފިރިންކަމަށް ހަމަޖައްސަން ވެގެން ސޮއިކުރި އެއްބަސްވުމެކެވެ. ޙިއްޞާ އެހެން ބައަކަށް ލިބުނަ ނުދިނުމަށެވެ. މަސައްކަތް ފެށީ އަނބިމީހާގެ މަންމަގެ ގޯތިން ލިބިފައިވާ ބިންކޮޅެއް ވިއްކާލުމަށްފަހުގައިކަން ފިރިމީހާ ފަހުން ހަނދާން ނެތުނު ނަމަވެސް ނިމިގެން އެދިއައީ ޙައްޤު ބަދަލުލިބިގެންނެވެ. 

މިބާވަތުގެ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ. ވިސްނަވައި ލައްވާށެވެ! އަނބިމީހާ މަސައްކަތްކުރީ ފިރިމީހާއަށް އޮތް ބޮޑު ނުރައްކަލަކުން ސަލާމަތްކުރުމަށެވެ. ފިރިމީހާޢަށް އެކަން ބަލައިނުގަނެވުނުތަނުގައި އެންމެންގެ ކުރިމަތީގައި ނިކަމެތިކޮށްލީއެވެ. އެކަމުގެ ނަތީޖާ ފެނިގެން އެދިއައީ ކޮންފަދަ ބޮޑު ޢިބްރަތެއްގެ ގޮތުގައިތޯއެވެ؟

 

- ސަހުޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން