ޢާއިޝަތު ރަފާޙް ޢަލީ
ފަތިސް ނަމާދަށްފަހު ނިދުމަކީ މަކްރޫހަ ކަމެއްތޯ؟
މީހަކު ފަތިސް ނަމާދުކޮށް، ހެނދުނުގެ ޛިކުރުތައް ކިޔުމަށްފަހު އަލުން ނިދަން ދިޔުމުން، ފަތިސް ނަމާދަށްފަހު ނިދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބައެއް މީހުންނަށް ހީވެއެވެ. ނުވަތަ އެއީ މަކްރޫހަ ކަމެއްތޯ ސުވާލުކުރެއެވެ.
ފަތިސް ނަމާދަށްފަހު ނިދުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައި، ރަސޫލުالله ﷺ އެކަލޭގެފާނުގެ އުއްމަތަށްޓަކައި ހެނދުނުގެ ކުރީކޮޅުގައި ބަރަކާތްލެއްވުމަށް ދުޢާކުރެއްވިކަން ބަޔާންވެގެންވެއެވެ. އެހެންކަމުން މީހަކު ރިޒުޤު ހޯދަން ބޭނުންވާނަމަ، ދުވާލުގެ ކުރީކޮޅު ނިދާފައި އޮވެ އެ ރިޒުޤު ހޯދޭނީ ކިހިނެއް ހެއްޔެވެ؟ ﷲ ތަޢާލާ ރިޒުޤުގައި ބަރަކާތް ލައްވާފައިވަނީ ދުވަހުގެ ކުރީކޮޅުގައެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
اللَّهمَّ بارِكْ لأمَّتي في بُكورِها
މާނައީ: "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! ތިމަންކަލޭގެފާނުގެ އުންމަތަށް، އެބައިމީހުންގެ ދުވަހުގެ ކުރީކޮޅުގައި (ހެނދުނުގެ ވަގުތުގައި) ބަރަކާތް ލައްވާނދޭވެ!"
އެހެންނަމަވެސް، މިސާލަކަށް މީހަކީ ވަޒީފާއެއް އަދާކުރާ މީހަކު ނަމަ، އޭނާ މަސައްކަތަށް ދަނީ ހެނދުނު 7:30 ގައި، އަދި ފަތިސް ނަމާދު ކުރީ 5:00 ގައި ނަމަ، އޭނާގެ ކުރިމަތީގައި ދެ ގަޑިއިރާއި ބައި އެބައޮތެވެ. އެހެންވީމާ އޭނާއަށް އަރާމުކުރެވިދާނެއެވެ. އަލުން ގޮސް ނިދާލެވިދާނެއެވެ. ހަމައެފަދައިން މުދައްރިސަކު، ދަރިވަރަކު، ނުވަތަ ގޭގައި އުޅޭ އަންހެނަކު ވިޔަސް، މީގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެއްވެސް މައްސަލައެއް ނެތެވެ.
ޢިލްމްވެރިން ބަޔާންކުރައްވަނީ ފަތިސްނަމާދަށްފަހު ނިދުމަކީ ޢާންމުކަމަކަށް ނުހެދުމަށެވެ. ކުރިން ބަޔާންކުރި ޙަދީޘްފުޅު އޮތުމުންނެވެ. ނަމަވެސް މިބަޔާންކުރި ޙާލަތްތަކުގައި ތިމާއަށް މަސައްކަތަށް ފަށައިގަނެވެން އޮތީ ތާޒާވެލައިގެންނަމަ، ނުވަތަ ނިދި ހަމަނުވާނަމަ ނިދައިލުމަކީ މައްސަލައެއް ނޫނެވެ.
- ޝައިޚް ޢަޒީޒް ބިން ފަރްހާންގެ ދަރުސަކުން