ޢާއިޝަތު ރަފާޙް ޢަލީ
އެންމެ މުހިންމު ކަމަކީ، އިންތައް (boundaries) ކަނޑައެޅުމެވެ. ޚާއްޞަކޮށް ގެއްލުމެއް ލިބޭ ފަދަ ޙާލަތްތަކުގައި އިންތައް ކަނޑައެޅުމަކީ ބުއްދިޤަބޫލުކުރާ ކަމެކެވެ.
އިސްލާމްދީނަކީ އަނިޔާވެރިކަމަށް މަގުފަހިކޮށްދީ އެކަމަށް ފުރުޞަތު ދިނުމަށް ބާރުއަޅާ ދީނެއް ނޫނެވެ. ނަމަވެސް، އެއާއެކު ދިމާވާ ހުރިހާ އުނދަގުލެއް އެއީ "އަނިޔާއެއް" ކަމުގައި ބަލައިގެން ނުވާނެއެވެ.
އިންސާނުންނާއެކު އުޅޭއިރު، އަދި ޚާއްޞަކޮށް އާއިލާއާއެކު އުޅޭއިރު ދިމާވާ އާދައިގެ އުނދަގޫތަކާއި ދަތިތައް ހުންނާނެއެވެ. އަދި އިންސާނީ ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންކަމަށް، އަވަސްއަރުވާލައިގެން ބޮޑެތި ނަންނަމާއި ލޭބަލްތައް ދިނުމަކީ އަހަރެމެންގެ ދީނުގައި އޮންނަ ގޮތެއް ވެސް ނޫނެވެ. އަދި ގިނަ މީހުން މިކަމާ ހިތްހަމަނުޖެހޭނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ﷲ ގަންދީ ބުނަމެވެ؛ އަހަރެން މިވާހަކަ މިދައްކަނީ އަހަރެމެންގެ މުޖުތަމަޢަށް އޮތް ލޯތްބާއި އަޅާލުމެއްގެ ބޮޑުކަމުންނެވެ. ވަރަށް ގިނައިން މިފަދަ ކަންކަން ދިމާވެ، އޭގެ ޙަޤީޤީ ސޫރަ ނޫން އެހެން ސިފައެއްގައި ސިފަކުރެވެއެވެ.
މީގެ އިތުރުން، މިއީ ތަފާތު ދަރަޖަތައް އެކުލެވިގެންވާ ކަމެކެވެ. ބައެއް ފަހަރު، މީހަކާ އޮންނަ ގުޅުން މުޅިން ކަނޑާލާކަށް ނުޖެހެއެވެ. އިޙްތިރާމާއެކު ވަކި ދުރުމިނެއް ބެހެއްޓިދާނެއެވެ. އެކުގައި އުޅޭ އުޅުން ކުޑަކޮށްލެވިދާނެއެވެ. އަދި މުޅިން އެކީގައި މައްސަލަތަކުގެ ތެރެއަށް ނުވަދެ (ޚާއްޞަކޮށް އެކަމުގެ ސަބަބުން ތިބާ ނުބައި ޙާލަތަކަށް ވެއްޓިދާނެކަމަށް ފެންނަނަމަ)، ރަޙިމުގެ ގުޅުމާއި އާއިލީ ގުޅުން ދެމެހެއްޓިދާނެއެވެ.
ނަމަވެސް އަހަރެން މިތަނުގައި ހިއްސާކޮށްލާ މި ޙަދީޘަކީ، އަހަރެމެންގެ މިޒަމާނުގެ ގިނަބައަކަށް ޤަބޫލުކުރަން ފަސޭހަ ޙަދީޘެއް ނޫނެވެ. އެއީ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެވެ؛ "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއަކީ ހަމައެކަނި އެހެން މީހުން ކުރާ ހެޔޮކަމުގެ ބަދަލު ދޭ މީހާއެއް ނޫނެވެ. ނަމަވެސް ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއަކީ، އޭނާއާއެކު ގުޅުން ކަނޑާލެވޭ ހިނދުވެސް، އެ ގުޅުން ގުޅުވައި ދެމެހެއްޓުމަށް މަސައްކަތްކުރާ މީހާއެވެ."
މީގެ އިތުރުން، އެއް ޙަދީޘެއްގައި ކީރިތި ރަސޫލާ ﷺ އާއިލީ ގުޅުން ކެނޑުމާއި "ޤަލަން އާންމުވުން" (ލިޔުންތެރިކަން ފެތުރުން) ގުޅުވާލައްވާފައިވާ ކަމީ ވަރަށް ޝައުޤުވެރި ކަމެކެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ލިޔުންތެރިކަން އާންމުވެ، އެއްބަސްވުންތަކާއި ލިޔެކިޔުންތައް ގިނަވި ނަމަވެސް، އެކަންކަމުގައި އަމާނާތްތެރިކަމާއި، އިތުބާރާއި، ތަޤުވާވެރިކަން (ﷲ އަށް ބިރުވެތިވުން) ނެތުމުގެ ސަބަބުން، އެ ލިޔުންތަކަކީ އެ ލިޔެވިފައިވާ ކަރުދާސްކޮޅަށްވުރެ ބޮޑު އެއްޗަކަށް ނުވެއެވެ. އާއިލީ އެއްބަސްވުންތަކަށްވެސް ވާގޮތަކީ މިއީއެވެ. ސުބްޙާނަﷲ! އަހަރެން ކުރިންވެސް ބުނި ފަދައިން، މިއީ ވަރަށް ދެރަ ކަމެކެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން