މައްސަލަތައް ޙައްލުކުރެވޭނީ ޚިޔާނާތުގަ އެއްފީތާއަކުން މިންއަޅައިގެން! ބައިވެރިޔާ ކުރީމާ ޚިޔާނާތަކަށްވާ ކޮންމެކަމެއް ތިމާކުރިޔަސް ވާނީ ހަމަ ޚިޔާނާތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މައްސަލަތައް ޙައްލުކުރެވޭނީ ޚިޔާނާތުގަ އެއްފީތާއަކުން މިންއަޅައިގެން! ބައިވެރިޔާ ކުރީމާ ޚިޔާނާތަކަށްވާ ކޮންމެކަމެއް ތިމާކުރިޔަސް ވާނީ ހަމަ ޚިޔާނާތަކަށް!

ދެމަފިރިންކުރެ މީހެއްގެ ޚިޔާނާތުގެ ކަމެއް ބޭޒާރުވުމުން ބައެއް މީހުން ބުނަނީ ޚިޔާނާތްތެރި ނުވާކަމަށެވެ. އޭނާއާއިއެކު އެއްވެސް ގުޅުމެއް ނުހިންގާ ކަމަށެވެ. އެކުގައި ނުނިދާކަމަށެވެ.  

މިކަމުން އެނގެނީ އޭނާ ޚިޔާނާތްތެރިވުން މާނައެކުރަނީ ހަމައެކަނި ޖިންސީގުޅުން ހިނަގުމަށް ކަމެވެ. މިއީ އެއްގޮތަކުންވެސް ބަލައިގަނެވޭނެ މާގައެއް ނޫނެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ.  

ހިލޭ މީހެއްގެ ސަމާލުކަން ލިބޭނެ ގޮތަށް ވާހަކަދެއްކުމާއި މެސެޖްކުރުމަކީވެސް ޚިޔާނާތެކެވެ. ހިލޭ މީހަކަށް ސަމާލުކަން ދިނުމަކީވެސް ޚިޔާނާތެކެވެ. ތިމާގެ ކިބައިން އެމީހަކަށް ފުރުޞަތު އެބައޮތްކަން އަންގައިދިނުމަކީވެސް ޚިޔާނާތެކެވެ. 

މިހެން ބުނީމާ ތިއަހައި ކުދިކުދި ކަންކަމަކީވެސް ޚިޔާނާތަކަށްވާގޮތަކާއިމެދު ސުވާލުކޮށްފާނެއެވެ. އެހެންވެ މިބުނަނީ އެކަން ޚިޔާނާތަކަށްވާގޮތެވެ. އެކަންކަން ތިމާކުރާއިރު އެއީ ޚިޔާނާތެއް ކަމަށް ނުވިސްނޭ މީހުންގެ ބައިވެރިޔާ އެއިން ކަމެއް ކޮށްފިނަމަ ދެކޭނީ އެއީ ޚިޔާނާތްތެރިވުން ކަމަށެވެ. އިއްވާނީ އެންމެ ވަރުގަދަ ޙުކުމެވެ. ދުވަހަކުވެސް މާފުނުކުރަންވެސް ނިންމާނެއެވެ.  

ނިކަން ބުނެބަލާށެވެ! މިކަން މެދުވެރިވަނީ މިގޮތަކަށް ނޫންހެއްޔެވެ؟ އެހެންވީމާ ޤަބޫލުކުރަން މިޖެހޭކަމަކީ ބައިވެރިޔާ އެކަމެއް ކުރުމުން އެއީ ޚިޔާނަތަކަށްވާ ކަމެއް ތިމާ ކުރުމުންވެސް ވާނީ ހަމަ ޚިޔާނާތަކަށް ކަމެވެ.  

ގިނަ ކައިވެނިތަކުގައި މައްސަލަތައް ޖެހެނީ މިވިސްނުމުން ނުވިސްނާތީއެވެ. ކަންކަން ތިމާކުރުމުންނާ ހަމައެކަން ބައިވެރިޔާ ކުރުމުން ކަމުގެ ޙުކުމް ބަދަލުކުރެވޭތީއެވެ. ދެމަފިރިންވެސް މިކަންކަމަށް ވިސްނައި ކޮންމެ ކަމެއްގައިވެސް އެއްނާޅިއަކުން މިނާނަމަ މައްސަލަތައް ޖެހުން މަދުވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

މިއަދު އޮންލައިން