ކިތަންމެ ގާތަސް ޙަޤީޤަތް ނުބަލާ އެކުވެރިން ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެ! އެކުވެރިޔާ ހަދަމުން އައި ދޮގުތައް ޤަބޫލުކުރެވުމުން ނިކަމެތިނުވެ ކިރިޔާ ސަލާމަތްވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ކިތަންމެ ގާތަސް ޙަޤީޤަތް ނުބަލާ އެކުވެރިން ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެ! އެކުވެރިޔާ ހަދަމުން އައި ދޮގުތައް ޤަބޫލުކުރެވުމުން ނިކަމެތިނުވެ ކިރިޔާ ސަލާމަތްވި އަންހެނެއްގެ ވާހަކަ-

ވަޙީދާގެ ދެމަފިރިންގެ މެދުގައި އަބަދުވެސް އޮންނަނީ ޒުވާބުކުރުމެވެ. އަނބިމީހާ ކިތަންމެ މީރުކޮށް ކާއެއްޗެއް ތައްޔާރުކުރިނަމަވެސް ފިރިމީހާއަށް ކަމުދާ ކަމަކަށް ނުވެއެވެ. ކައްކާ އެއްޗެތި ބާކީވެގެން އުކާލަން ޖެހުނު ނަމަވެސް ފްރިޖްގައި ބަހައްޓާއި ހޫނުކޮށްފައި އަނެއް ދުވަހު

ކާންހަދައިފިނަމަ މޫނަށް ޖަހާނެއެވެ. އެއިގެ އިތުރުން ކޮންމެ ފަހަރަކުވެސް ކައްކަން ޖެހޭނީ ފިރިމީހާ ބުނާ އެއްޗެކެވެ.  

އެއިގެ އިތުރުން ލޯބިން ވާހަކަ ދައްކައި އުޅުމަކީ ފިރިމީހާ އެއްގޮތަކަށްވެސް ކުރަން ދަންނަވެސް ކަމެއް ނޫނެވެ. އަބަދުވެސް ކުރާނީ އަމުރެވެ. އެހެންވެ އަނބިމީހާ އަބަދުވެސް ހުންނަން ޖެހޭނީ ބިރުން ވިރިވިރިއެވެ.  

ވަޙީދާގެ އެކުވެރި އަންހެނަކު ހުރެއެވެ. އެއީ ނަޞީރާއެވެ. ދެމަފިރިން އުޅެނީ ވަރަށް ލޯބިން އެކުވެރިކަމާއިއެކުގައެވެ. އަދި އޭނާގެ ފިރިމީހާއަކީ ކައްކާފައި ހުންނަ އެއްވެސް އެއްޗކަށް ރަހަކިޔުން، ފާޑުކިޔުން ފަދަ އެއްވެސް ކަމެއް ކުރާ މީހެއް ނޫނެވެ. ކޮންމެ އެއްޗެއް ނަމަވެސް އެއްޗެއް ރޯފިލުވާފައި ހުރެއްޖެނަމަ އޭނާއަށް ނިމުނީއެވެ.  

ދެ އަންހެނުންގެ ދެމެދުގައި ދެކެވުނު ވާހަކައެއްގައި ވަޙީދާ، ނަޞީރާއަށް އޭނާގެ ފިރިމީހާގެ ވާހަކަ ކިޔައިދިނީ ދިމާ އިދިކޮޅަށެވެ. ބުނީ ކައްކަނީވެސް ފިރިމީހާ ކަމަށެވެ. ގޭތެރެސާފުކުރަންވެސް އެހީވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްދެމުންވެސް ދެމަފިރިން އުޅެނީ ވަރަށް ލޯބިން ކަމަށެވެ. ދުވަހަކުވެސް ރުޅިއައިސްގެން ބަހެއްވެސް ނުބުނާނެ ކަމަށެވެ.  

ނަޞީރާ ބުނީ އޭނާގެ ފިރިމީހާވެސް އޭނާދެކެ ވަރަށް ލޯބިވާ ކަމަށެވެ. ނަމަވެސް ކައްކައި ގޭތެރެ ސާފުކުރުން ފަދަ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެން ބުނުމުން ވަޙީދާ ބުނީ ގިނައިން އެއްޗެތި ދޮވެދެނީވެސް އޭނާގެ ފިރިމީހާ ކަމަށެވެ. "އަހަރެމެންނަކީ ފިރިމީހާގެ އަޅުންނެއް ނޫން! އަޅުވެތިވެގެން ތިބޭނަމަ އަބަދުވެސް ޖެހޭނީ ހަމައެގޮތަށް އަޅުވެތިވެގެން ތިބެން."

ވަޙީދާ ތަކުރާރުކޮށް މިބާވަތުގެ ވާހަކަތައް ދައްކަން ފެށުމުން ނަޞީރާއަށް އެއީ ތެދުކަން ޤަބޫލުކުރެވި އޭނާގެ ފިރިމީހާ ލައްވައިވެސް ކައްކުވައި ގޭތެރޭގެ މަސައްކަތްތައް ކުރުވަން މަސައްކަތްފެށިއެވެ. ކެއްކުން ހުއްޓާލައި ގޭތެރޭގެ މަސައްކަތްކުރުން ހުއްޓާލިއެވެ.  

އެކަންކަން ބަލައިގަންނަން ނަޞީރާގެ ފިރިމީހާ ބޭނުމެއް ނުވިއެވެ. ނަޞޭޙަތްދީދީ ވެސް އިޞްލާޙް ނުވުމުން "ކަލޭގެ ބޮލަށް ތިއަ އުޅުން ވައްދައިދިން މީހެއްގެ ގާތަށް ދާން" ބުނެ ގެއިން ބޭރުކޮށްލުމުން ނަޞިރާ ދިއައީ ވަޙީދާގެ ގެއަށެވެ. 

ވަޙީދާ ދިއައީ ބިރުން ތުރުތުރު އަޅައިގެންނެވެ. އެއީ އޭނާގެ ފިރިމީހާ އާއި ބެހޭ ގޮތުން ދެއްކުނު ވާހަކަތަކުގެ ޙަޤީޤަތް ނަޞީރާއަށް އެނގިދާނެތީއެވެ. އަދި ނަޞީރާ ގޭގައި ބަހައްޓަން ފިރިމީހާ އެއްބަސްނުވާނެކަން އެނގޭތީއެވެ. އެހެންވެ އަވަހަށް މިގެއިން ދާށޭ ބުނުމުން ނަޞީރާ ބުނީ ދާނެ ތަނެއް ނެތް ކަމަށާއި 2،3 ދުވަހު ނަމަވެސް އެގޭގައި ބަހައްޓައި ދިނުން އެދޭކަމަށެވެ.  

އެވާހަކަ ދައްކަން ތިއްބައި ވަޙިދާގެ ފިރިމީހާ ގެއަށް އައިސް އަމުރުވެރި ރާގުގައި ފުރަތަމަވެސް ސުވާލުކުރީ ކައްކައްކައިފިންތޯ އާއި ކެއްކީ އޭނާ ބުނި ތަކެތިތޯއެވެ؟ އެއިރު ވަޙީދާ ހުރީ އާދައިގެ މަތިން ބިރުން ވިރިވިރިއެވެ.  

ފިރިމީހާ ވަދެގެން ދިއަގޮތަށް ގޮސް ކާމޭޒުދޮށުގައި އިށީނދެފައި ވަޙިދާއަށް ގޮވައިލި އަޑުން ނަޞީރާވެސް ބިރުން ހަލާކުނުވީ ކިރިޔާއެވެ. އެއަޑާއިއެކު ވަޙީދާ ގަދަކަމުން ކޮއްޕައި ނަޞީރާ ގެއިން ބޭރުކޮށްލިއެވެ. ވަޙީދާމެން ދެމަފިރިން ދިރިއުޅޭ ގޮތުގެ ޙަޤީޤަތް ލޮލަށް ފެނުމުން ވަޙީދާގެ ބަސް ޤަބޫލުކުރެވި އެހައި ރަނގަޅު ފިރިއަކާއިމެދު ޢަމަލުކުރެވުނު ގޮތާއިމެދު ވިސްނާލެވި ލޮލުން ކަރުނަ އަޅަންޖެހުނެވެ.

ނަޞީރާ އެނބުރި ދިއައީ ފިރިމީހާގެ ގާތަށެވެ. ގޮސް ބޭރުގައި ހުރެ އެތައް އިރެއްވަންދެން ރޮއި އާދޭސްކުރުމުން ފިރިމީހާ އޭނާ ގެއަށް ވެއްދުމުން ކަންކަންވީގޮތް ކިޔައިދީ މާފަށް އެދި އާދޭސްކުރިއެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ވާހަކައެއްވެސް ނުދައްކާނެ ކަމަށާއި އުޅޭނީ ކުރިން އުޅުނު ގޮތަށްވުރެވެސް ރަނގަޅަށް ކަމަށްވެސް ބުންޏެވެ.  

ފިރިމީހާ ބުނީ ގެއިން ބޭރަށްލީ ލޯބިނުވާތީ ނުވަތަ ވަރިކޮށް ފޮނުވާލަން ބޭނުންވެގެން ނޫން ކަމަށާއި ފިލާވަޅެއް ދޭން ކަމަށެވެ. ނަޞީރާގެ ޢަމަލުތައް ބަދަލުވީ ކޮންމެވެސް މީހަކު ނުބައި ވަސްވާސްތަކެއް ދީގެންކަން ކުރިންވެސް އެނގޭ ކަމަށެވެ. އެމީހެއްގެ ގާތަށް ދާންބުނީވެސް އެހެންވެގެން ކަމަށެވެ.  

މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ! އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި މިއީ ވަރަށް ޢިބްރަތްތެރި ޙާދިސާއެކެވެ. ކިތަންމެ ގާތް އެކުވެރިން ބުނި ނަމަވެސް ބައިވެރިޔާ އާއިމެދު ކަންކަންކުރާ ގޮތް ބަދަލުކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އަދި ހަމަ އެއާއިއެކު ޤަބޫލުކުރަންޖެހޭނެ އެއްކަމަކީ އެއްވެސް ދެމީހެއްގެ މިޒާޖާއި ބޭނުންވާ ގޮތް އެއްގޮތް ނުވާނެ ކަމެވެ. ވީމާ އަނެކާގެ ފިރިމީހާ އުޅޭ ގޮތަށް ތިމާގެ ފިރިމީހާވެސް އުޅުވަން މަސައްކަތްކޮށްފިނަމަ ނުކުތުން ގާތީ ހަމަ މިފަދަ ނަތީޖާއެކެވެ.  

ތަކުރާރުކޮށްވެސް ބުނެލަން އޮތީ އެގޮތަށް ދައްކާ ވާހަކަތަކަށް ނުހެއްލުމަށެވެ. ވަރަށް ގިނަފަހަރު ވާހަކަ ދައްކާނީ ހަމަ ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ. އަދި ތިމާއަށް ހެޔޮއެދޭ އެކުވެރިއަކު އެބާވަތުގެ ވާހަކަތަކެއް ނުވެސް ދައްކާނެއެވެ. އަނބިންނަކީ ފިރިންގެ އަޅުންނެއް ނޫނެވެ. ފިރިންނަކީ އަނބިންގެ އަޅުންނެއްވެސް ނޫނެވެ. ތަފާތީ ކުރާ މަސައްކަތެވެ. ދިރިއުޅުމުގައި އުފުލާ މަސްއޫލިއްޔަތެވެ.  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. މިހާދިސާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.

 

- ހަސީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން