އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކޮށްފި

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކުރުމުގެ ހަފްލާ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކުރުމަށް، ބުދަ ދުވަހު ހަވީރު މީރުމާގައި ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި އެތުލީޓުން ރާއްޖޭގެ ދިދަ ތަމްސީލްކުރަނީ އެންމެންގެ ހައްގުގައި ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. ގައުމު ތަމުސީލު ކުރުމަށް ގައުމުގެ ފަރާތުން އެތްލީޓުންތަކެއް ދާނީ ވަކި ގޮތަކަށް ބައްޓަންވެގެން ވަކި އުސޫލެއްގެ މަތިން ޕާރފޯމް ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޙަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯގެ އިތުރުން ޖަޕާން އެމްބަސީގެ އިސް އޮފިޝަލުންނާއި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ބައިވެރިވެވަޑައިގަތެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާލުމުގެ ޝަރަފު މިފަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދިން ތަރި މަރިޔަމް އީޝަލް މިސްބާހުއަށެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން