ދަރިފުޅުގެ ކެންސަރަށް ފަރުވާކުރަންޖެހުމުން ލޭމައްޗަށްދާކަމަށް ބުނެ ދަރިފުޅު ދޫކޮށްދިއަ ބައްޕައަކަށް ސްޓްރޯކް ޖެހުމުން ބަލައިދިނުން އެދި އާދޭސްކުރަން ދަރިފުޅުގެ ގާތަށް ދާންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 4ސ
ދަރިފުޅުގެ ކެންސަރަށް ފަރުވާކުރަންޖެހުމުން ލޭމައްޗަށްދާކަމަށް ބުނެ ދަރިފުޅު ދޫކޮށްދިއަ ބައްޕައަކަށް ސްޓްރޯކް ޖެހުމުން ބަލައިދިނުން އެދި އާދޭސްކުރަން ދަރިފުޅުގެ ގާތަށް ދާންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ދަރިންނަކީ ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނާތެކެވެ. ދަރިން ވިހަނީ މަންމަ ނަމަވެސް ދަރިފުޅުގެ ބެލެނިވެރިކަން ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވަނީ ބައްޕައިންނަށެވެ. އެހެންކަމުން ދަރިންނަށް ކަންކަން ކޮސްދީ ބެލެހެއްޓުމުގެ ޒިންމާއަކީ ބައްޕަގެ ޒިންމާއެކެވެ. ހިތާމައަކީ އެކަން އިޙްޞާޞް ކުރެވޭ ބައްޕައިން މަދުވަމުން އަންނަކަމެވެ.  

ތިރީގައިވާ ވާހަކައަކީ ދަރިން ބަލިން ޙާލުގައި ގެންގުޅެންޖެހުމުން ޚާއްޞަކޮށް ބޮޑެތި ބަލިތައް ޖެހުމުން ދަރިން އެއްލާލާފައި ފިލާ ބައްޕައިންނަށް ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. އުންމީދުކުރަނީ މިވާހަކަ ކިޔައިފިނަމަ ޢިބްރަތެއް ލިބި އިޞްލާޙްވާނެ ކަމަށެވެ.  

އަޅުގަނޑުމެން ދެމަފިރިންގެ ކައިވެންޏަށް 3 ވަނަ އަހަރު އަންހެން ދަރިއަކު ލިބުނެވެ. ލިބުނު އުފާވެރިކަމުގައި ދިރިއުޅެވުނީ 4 އަހަރުއެވެ. ދަރިފުޅުގެ އުމުރުން 4 ވަނަ އަހަރު ދަރިފުޅު ބަލިވެއުޅެން ފެށުމުން ކުރި ޓެސްޓްތަކުން ދަރިފުޅުގެ ލެއަށް ކެންސަރުޖެހިފައިވާކަން އެނގުނެވެ.  

ޑޮކްޓަރުން ބުނީ އަދި މިއީ ފުރަތަމަ ސްޓޭޖް ކަމަށާއި ފަރުވާކުރަން އަވަހަށް ފަށައިފިނަމަ ބަލިން ފަސޭހަވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެހެންކަމުން އަވަހަށް ފަރުވާކުރަންފެށީއެވެ. 3 މަސްވީތަނާ އަތުގައި ހުރި ފައިސާކޮޅު ހުސްވެ ގޮތްހުސްވާ ހިސާބަށް ކަންކަން ހިނގައްޖެއެވެ. އިތުރު ފައިސާހޯދަން ކުރާނެ ކަމަކާއިމެދު ވިސްނަމުންދަނިކޮށް ފިރިމީހާ އައިސް ދެމައިންގެ ކުރިމަތީގައި ހުއްޓިފައި ބުނީ އަބަދު ކަންބޮޑުވުމުގައި އުޅެންހަދައިގެން ލޭމައްޗަށްދާންފަށައިފި ކަމަށާއި އެހެންވެ ދެމައިން ދޫކޮށްލާފައި ދަނީ ކަމަށެވެ. ގެއިން ނުކުމެގެން ދިއަނަމަވެސް ލިބޭވަރަކުން ދަރިފުޅުގެ ބޭސްފަރުވާއަށް ޚަރަދުކުރާނެ ކަމަށެވެ.  

އެހެން ބުނެފައި ނުކުމެގެންދިއަ މީހާގެ ޚަބަރެއްނުވުމުން ގުޅާލިއިރު ނަންބަރުވެސް ވަނީ ބަދަލުކޮށްފައެވެ. ވަރަށް ދެރަވިއެވެ. ހިތަށް އެރިއެވެ. "މިއީ ހަމަ އޭނާގެވެސް ދަރިފުޅެވެ. ދަރިފުޅު ބެލެހެއްޓުމަކީ ބައްޕަގެ ޒިންމާއެއް ނަމަވެސް ކަންތައްކުރިގޮތް ނިކަން ދެކިބަލާށެވެ! ކެތްތެރިވާނީއެވެ. ﷲ ކޮންމެވެސް މަގެއް ދައްކަވާނެތެވެ."  

އަޅުގަނޑު ރޭގަނޑު ނިދަނީ މަދުވަގުތުކޮޅެއްގައެވެ. ދަރިފުޅުގެ ޚިދުމަތުގައި ކިތަންމެ ލަސްވަންދެން އުޅެފައި ނިދުނު ނަމަވެސް 3 ޖެހުމުން ހޭލަމެވެ. ފަތިސް ނަމާދު ވަގުތުޖެހެންދެން އަޅުކަމުގައި އިންނަމެވެ. އަޅުގަނޑަށް ކުރިމަތިވެފައިވާ ދަތިޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމެވެ.  

މަހެއްހައި ދުވަސްފަހުން ކުންފުނީގެ އަހަރީ ޙަފްލާ ބޭއްވިއެވެ. ކުންފުންޏަށް އެންމެ ގިނަ ފައިދާ ހޯދައިދިން މުވައްޒިފަކަށް ވިދިވިދިގެން 3 ވަނަ އަހަރަށް އަޅުގަނޑު ހޮވުނެވެ. ހަދިޔާއަކަށް ކުންފުނިން 2 ކޮޓަރީގެ ފްލެޓެއް ދިނެވެ. އެކަން އިއުލާނުކުރުމަށްފަހު ސްޓޭޖަށް އަޅުގަނޑު އަރުވާފައި ވެރިމީހާ ބުނީ ފްލެޓަކީ ކުންފުނިން ދިން ހަދިޔާއެއް ކަމަށާއި ވިދިވިދިގެން 3 ފަހަރަށް އެމަޤާމަށް ހޮވުނީތީ އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވާ އެއްކަންތަކުގެ ވާހަކަ ބުނެފިނަމަ އެކަމެއް އޭނާ އަމިއްލަ ގޮތުން ކޮށްދޭނެ ކަމަށެވެ.

މައިކްކައިރީގައި ހުއްޓިހުރެ ރޮއި ކަރުނައަޅަމުން ދަރިފުޅުގެ ޙާލުގެވާހަކަ ކިޔައިދިނީމެވެ. އަދި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ދަރިފުޅުގެ ބޭސްފަރުވާކުރެވޭނެ ގޮތެއްވުން ކަމަށްވެސް ބުނީމެވެ. ވެރިމީހާ ފުރަތަމަ އައީ ރުޅިއެވެ. އެއީ އެވަރުގެ ބޮޑުކަމެއް ޖެހުމުން ނުބުނެ ހުރީތީއެވެ. ވެރިމީހާ ކުންފުންޏަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްކުރާ ކޮންމެ މުވައްޒިފަކަށްވެސް ޖެހޭ އެބާވަތުގެ ކަންކަމުގައި އެހީތެރިވާނެ ކަމަށެވެ. އަދި ޚާއްޞަ އިނާޔަތެއްގެ ގޮތުން އަޅުގަނޑަށް ކުންފުނިން ދީފައި އޮތް މެޑިކަލް އިންޝުއަރަންސްގައި ދަރިފުޅުވެސް ހިމަނައިދޭނެ ކަމަށެވެ.  

ﷲ ވާގިފުޅާއިއެކު އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވެގެންހުރި 2 ކަންތައް ފުދުނީއެވެ. އެއީ ކުލި ނުދައްކައި ދިރިއުޅޭނެ ތަނެއް ލިބުމާއި ދަރިފުޅަށް ބޭސްފަރުވާކުރެވޭނެ ގޮތް ހަމަޖެހުމެވެ. އެކަންކަން ހަމަޖެހުނަސް ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ވަޒީފާއަދާކުރެވެނީ ވަރަށް ދަތިޙާލުގައެވެ. ނަމަވެސް ކުރާ މަސައްކަތަކުން އެކަމެއް ނުދައްކަމެވެ.

އެފަދަ ގޮތަކަށް އުޅޭތާ އަހަރުވާން ކައިރިވެފައި ހުއްޓައި އެއްދުވަހަކު ވެރިމީހާ ބުނެގެން ކެބިނަށް ދިއައިރު ފިރިހެނަކު އިނެވެ. ބޮސް ބުންޏެވެ. "މިއީ އަހަރެންގެ އެކުވެރި އަކްބަރުއެވެ. އަކްބަރަކީ އަނބިމީހާ ނިޔާވެ އެކަނިވެރިވެފައި ހުރި މީހެކެވެ. ހެޔޮލަފާ އަންތބަކަށް ބޭނުންވެފައި ހުރި މީހެކެވެ. އޭނާއަކީވެސް އަމިއްލަ ވިޔަފާރި ހިންގާ ތަނަވަސްކަންވެސް ހުރި މީހެކެވެ. ހަމަ އަހަރެންހައި އަޚްލާޤް ރަނގަޅު މީހެކެވެ."  

ވެރިމީހާ އެހެންބުނުމުން އިތުރަށް ވިސްނާކަށްވެސް ނުހަދަމެވެ. ކައިވެނިކުރަން ތައްޔާރަށް ހުރިކަން ހާމަކުރީމެވެ. މަހެއްހައި ދުވަސްތެރޭގައި ކައިވެނިކުރެވި ދެވަނަ ޒަވާޖީ ޙަޔާތުގައި ދިރިއުޅެން ފެށީމެވެ.  

ﷲ ގެ ވާގިފުޅާއިއެކު ދަރިފުޅަށް ކުރި ފަރުވާއިން ބަލިން ސަލާމަތްވީ 4 އަހަރުފަހުންނެވެ. ދަރިފުޅުގެ އުމުރުން 16 އަހަރުގައި ދަރިފުޅުގެ ބައްޕަ އަހަރެމެންގެ ގާތަށް އައެވެ. ދަރިފުޅަށް ކެންސަރުޖެހި ބޭސްފަރުވާކުރަންޖެހުމުން ލޭމައްޗަށްދާތީ ދެމައިން އެއްލާލާފައި ފިލި މީހާއަށް އެއިރު ހުރީ ލޭމައްޗަށްގޮސް ސްޓްރޯކެއްޖެހިގެން ކިރިޔަކިރިޔާ ހިނގައި އުޅެވޭ ޙާލުގައެވެ. އެހާލުގައި ފެނުމުން ވަރަށް ދެރަވިއެވެ.  

އޭނާ މާފަށް އެދި ރޮއެ ކަރުނައަޅައި އެދުނީ ގޭގައި ބަހައްޓައިގެން ބަލައިދިނުމަށެވެ. ބުނީ ބަލިޙާލުގައި ޖެހުމުން އަނބިމީހާ ވަރިވެގެން ހިނގައްޖެ ކަމަށެވެ. އަދި އޭނާގެ ޢާއިލާއިންވެސް އެއްވެސް މީހަކު އެހީތެރިނުވި ކަމަށެވެ.  

ދޭނެ ޖަވާބެއް ނުއެނގި މަޑުން އިންދާ ޖަވާބުދިނީ ދަރިފުޅެވެ. "ތިއައީ ބައްޕައެވެ. ބަލިވީމާ ދެރަވެއެވެ. ނަމަވެސް އެހާ ގިނައިން ލޮލަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ބައްޕަ ހޮސްޓެލަކަށްދާށެވެ. ބައްޕަ (ދޮންބައްޕަ) ގާތުބުނެގެން ފީދައްކާނަމެވެ."  

ދަރިފުޅު އެހެން ބުނުމުން ނުކުމެގެން ގޮސް އަމިއްލައަށް ހޮސްޓެލެއްގައި އުޅެންފެށިއެވެ. ފިރިމީހާ ޞަދަޤާތެއްގެ ގޮތުން ހޮސްޓެލްގެ ފީދައްކައިދެއެވެ. ބޭސްފަރުވާވެސްކޮށްދެއެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ވަރަށް ގިނަ ކަންކަން ހިތަށް އެރިއެވެ. އެއްކަމަކީ އެފަދަ ދަތިޙާލުގައިވެސް އެއަންހެންމީހާ ތަޤްވާވެރިކަން އިތުރުކުރީމާ އޭނާގެ ހުރިހާ ބޭނުންތައް ފުއްދަވައިދެއްވެވިކަމެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ދެއްވެވިކަމެވެ.

ދެން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދަރިފުޅު ބެލުމުގެ ޒިންމާއިން ރެކެން ބައްޕަބުނިބަސް އެބައްޕައަށް ރައްދުވިގޮތެވެ. ހަމަ އޭނާ ފަދައިން މައިމީހާގެވެސް ލޭމައްޗަށްދާނެ ނޫންތޯއެވެ؟ މައިމީހާއަކީ ރޮބޮޓެއްތޯއެވެ؟ މިއަދު ގިނަ ފިރިންނަށް އޮޅިގެން އެއުޅެނީ މިކަމެވެ. މިފަދަ ޙާލަތްތަކުގައި ދަރިން މައިންގެ ބޮލަށްޖަހާފައި ފިލާއިރު ހީވަނީ މައިމީހާއަކީ ރޮބޮޓެއްކަމަށާއި ފިރިމީހާ ޚަރަދުނުކުރިޔަސް ފައިސާ ލިބޭނެ އޭޓީއެމް މެޝިނެއް ހެންނެވެ.  މިބާވަތުގެ ބައްޕައިންނަށް މިވާހަކައިގައި ޢިބްރަތެއްވާކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ.

 

- ރަޙީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން