އެގޭގައި 3 އަންހެންދަރިން ތިބެއެވެ. އެތަނުން މެދަށް ހުންނަ ކުއްޖާއަކީ ސިފަ އެހާރީތި ކުއްޖެއް ނޫނެވެ. އެހެންވެ ގެއަށް އައިސްއުޅޭ އެއްވެސް ފިރިހެނަކުވެސް އޭނާއަކަށް ސަމާލުކަމެއް ނުދެއެވެ. އެހެންވެ ދައްތައާއި ކޮއްކޮގެ ކައިވެނިކުރެވުނުއިރުވެސް އޭނާއަށް އޮތީ ބައިވެރިއަކު ނުލިބިފައެވެ.
އޭނާއަކީ މަންމައާއިއެކު ދާންޖެހިގެން ނޫނީ ގެއިން ބޭރަށްދާ ކުއްޖެއް ނޫނެވެ. އަބަދުވެސް އިންނަނީ ގޭގައެވެ. ދެބެއިންގެ ކައިވެނިކުރެވުނުއިރުވެސް އޭނާއަށް ކައިވެނިނުކުރެވުމުން ޢޭނާ ޤަޞްދުކުރީ ގެއަށް ފިރިހެނުން އައިސް އުޅޭއިރުވެސް ބޭރަށް ނުނުކުމެ ކޮޓަރީގައި އިނުމަށެވެ. ކޮޓަރީގައި އިނދެގެން ޛިކުރުކޮށް ދުޢާކުރުމަށެވެ.
އެގޮތަށް ކަންތައްކުރަންފެށިތާ 6 ވަނަ މަހުގެ ދުވަހެކެވެ. ދިގުމުއްދަތަކަށް އެއްބަސްވެ ގެ 10 ބުރިއަށް އަޅަން ޝައުޤުވެރިވި މީހަކު ގެއަށް އައިސް އުޅުނު ދުވަހެކެވެ. އެމީހާއަށް ގޭގެ ތަންތަން ދައްކަމުންގޮސް ބައްޕަ ކޮޓަރީގައި ޓަކިޖަހައި ދޮރުހުޅުވިއިރު އޭނާއިނީ މުސައްލަމަތީގައި ދުޢާކުރާށެވެ.
އެއީ 11 ޖަހާއެހައިކަންހާއިރުވެ. އެމީހާ ޙައިރާންވިއެވެ. މިގަޑީގައި އެހައި ޒުވާން ކުއްޖަކު މުއްސަލަމަތީގައި އިނީމައެވެ. އެހެންވެ ގެބަލައި ނިމިގެން ބައްޕައާއި ސުވާލުކުރުމުން ބުނީ އެއީ އޭނާގެ އާދަކަމަށެވެ. ގޭތެރޭގައި ކުރާނެ މަސައްކަތެއް ނެތްނަމަ އުޅޭނީ ކޮޓަރީގައި ކަމަށެވެ. ވަރަށް ގިނައިން ނަމާދުކޮށް ދުޢާކުރާ ކުއްޖެއް ކަމަށެވެ.
އެމީހާ އެރޭ އެގެއަށް ގޮސް ދެމަފިރިންނާއި ބައްދަލުކޮށް އެދުނީ އޭނާގެ ކައިވެންޏަށެވެ. ދަރިފުޅު ގެނެސް އެވާހަކަ ބުނުމުން ބުނީ އޭނާގެ ސިފަ އޭނާއަށް ވިސްނޭކަމަށާއި ފަހުން ސިފަހުތުރުވެގެން ވަރިނުކުރާނެނަމަ ރުހޭ ކަމަށެވެ.
އެއީވެސް ތަޤްވާވެރި ޒުވާނެކެވެ. އެޝަރުޠު ޤަބޫލުކޮށް ކައިވެނިކުރީއެވެ. ކައިވެންޏަށް އަހަރުފުރުނުރޭ އަނބިމީހާގެ ގާތުގައި ބުންޏެވެ. "އަހުރެން ހޯދަމުން އައީ ރީތީގެ ރާނީއެއް ނޫނެވެ. އަހުރެން ދުޢާކުރަމުން އައީ ތަޤްވާވެރި އަންތބަކު ލިބުން އެދިގެންނެވެ. ދެމީހުންގެ ދުޢާވެސް މިވަނީ ޢިޖާބަކުރައްވަވައިފައެވެ. ދެން އޮތީ ފާއިތުވި އަހަރުފަދައިން ލޯބިން އެކުގައި އުޅެ، މިހާރުހެން އަތުގައި ހިފައިގެން ތިބެ ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ.
ތިބާއާއި ކައިވެނިކުރިފަހުން ތަނަވަސްކަންވެސް އިތުރުވެއްޖެއެވެ. ވީމާ ގެއިން އަހުރެންނަށް ދިގުމުއްތަށް ލިބޭ 5ބުރިން ބޭނުންކުރާނީ 3 ބުރިއެވެ. ދިއަ ޚަރަދު އަނބުރާ ލިބުމުން ގެ ބައްޕަމެންނަށެވެ. އަހުރެންގެ ފައިދާ ކަލާއަށްޓަކައި ދޫކޮށްލީއެވެ."
އަނބިމީހާ ބުނީ އޭނާވެސް ހުރީ ހަމަ އެއް އުންމީދެއްގައި (ދެމީހުން އެކުގައި ސުވަރުގެ ސުވަރުގެ ވަނުމުގެ އުންމީދުގައި) ކަމަށެވެ. އަދި ކޮށްދޭން ތިއަ ނިންމި ބޮޑު ހެޔޮކަމަށްޓަކައިވެސް ފިރިމީހާއަށް ހެޔޮދުޢާކުރުން ގިނަކުރާނެ ކަމަށެވެ.
މިއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކައެވެ. އެކުވެރިޔާގެ ކައިވެންޏަށް މިހާރު 12 އަހަރެވެ. އަދިވެސް އުޅެމުން އަންނަނީ ހަމަ އެގޮތުގައި ވަރަށް ލޯބިންނެވެ. އަޅުގަނޑުގެ އުންމީދަކީ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރުމެވެ. ޔަޤީންކުރަންވީ އަންހެނަކު ﷲ ގެ މަގުގައި ޘާބިތުވެ ދުޢާކުރުންމަތީގައި އިނދެއްޖެނަމަ އެމީހަކު އިންތަނަކަށް ހެޔޮލަފާ ފިރިއަކު ފޮނުއްވަވައި ދެއްވަވާނެ ކަމެވެ.
- ޒަހުރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ