އަޅުގަނޑަކީ އެކަނިވެރި ބައްޕައެކެވެ. ނިކަމެތި ފަޤީރަކީމެވެ. 2 ދަރިން އެބަތިއްބެވެ. ސައިކަލަކުން ޖެއްސުމުން އެއްދަރިފުޅު ވަނީ ނުކުޅެދުންތެރިއަކަށްވެފައެވެ. ލިބޭ މުސާރައަކުން ނުފުދެއެވެ. އެކަމަކު ދަރިފުޅު ދޫކޮށްފައި އިތުރު ވަޤުތު މަސައްކަތްކުރެވޭކަށްވެސް ނެތެވެ.
އަނިޔާކުރި މީހާގެ އަތުން އެންމެ ރުފިޔާއެއްވެސް ނުލިބެއެވެ. އޭނާއަށް ލިބުނު ދެރައެއް ނެތެވެ. ލައިސަންސް ހިފަހައްޓާލިކަން ފިޔަވައި އޭނާއަށް ވީއުނދަގުލެއްވެސް ނެތެވެ. މިހާރުވެސް ބުއްރާްޖަހާފައި ސައިކަލް އެބަދުއްވައެވެ.
މިނިކަމެތި ޙާލުގައި އުޅެންޖެހުމުން ނޫނީ މިކަމުގައި ހުރި ވޭން އިޙްޞާޞެއް ނުކުރެވޭނެއެވެ.
ޤާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާއިމެދު އެޅޭނެ ފިޔަވަޅުތައް މިހާރުވެސް އެބަހުއްޓެވެ. މިއަދުން ފެށިގެން އަޅަން ނިންމި ފިޔަވަޅުތަކަކީވެސް މުހިންމު ފިޔަވަޅުތަކެވެ. އެހެންކަމާއިއެކުގައިވެސް ބުނެވެން އޮތީ މިއީ ކުރާ ޖުރުމަނާއަކުން ނުވަތަ ދެވޭ ކުޑަ އަދަބަކުން ނަތީޖާ ފެންނާނެ ކަމެއް ނޫންކަމަށެވެ.
ޤާނޫނުގައި ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި:
- އެމީހެއްގެ އިހުމާލުން އަނެކާއަށް ލިބޭ އަނިޔާއަށް އާސަންދައިން ކުރާ ބޭސްފަރުވާގެ ޚަރަދު ޤަވާއިދާޚިލާފްވި މީހާގެ އަތުން އާސަންދައަށް ހޯދުން-
އާސަންދަ ކިޔަސް ހުސްނުވާ އާސަންދަ ކިޔަސް އެހީތެރިކަން ޙައްޤުވާ މީހުންނަށް އެހީތެރިކަން ލިބެން ދަތިތައް އެބަހުއްޓެވެ. އެއީ އެވަރަށް ޚަރަދުކުރާނެ ފައިސާ ބަޖެޓުގައި ނުހުންނާތީއެވެ. މީހުންނަށް އަނިޔާކުރުމުން އެއީ ޖެހުނު ބައްޔެއް ނޫނެވެ. މީހަކު އޭނާ ބަލިކުރުވީއެވެ. ވީމާ ބޭސްފަރުވާގެ ޚަރަދު ކުރަންޖެހޭނީ އެމީހަކަށެވެ. ނިކަމެތިންނަށް ބޭސްފަރުވާކުރަން ހުންނަ ފައިށާކޮޅަކުންނޫނެވެ.
ވީމާ އަނިޔާ ލިބުނު މީހާގެ ބޭސްފަރުވާއަށް އާސަންދައިން ކުރަްނޖެހޭ ޚަރަދު އަނިޔާކުރި މީހާގެ އަތުން ނެގެންވާނެއެވެ.
- ލިބޭ އަނިޔާއިން މަސައްކަތް ނުކުރެވި ހުންނަ ދުވަސްތަކަށް އެކަށީގެންވާ މުސާރައެއް ދޭންޖެހުން
- އަޅާވޭނަށް އެކަށީގެންވާ ފައިސާގެ ބަދަލެއް ދޭންޖެހުން
- މީހަކަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ އެމީހެއްގެ ޢުމުރަށް އެމީހަކަށް އެކަށީގެންވާ ޢަދަދަކަށް ކޮންމެ މަހަކު ފައިސާ ދޭންޖެހުން
ފަދަ ކަންކަން ހިމަނަން އެބަޖެހެއެވެ. އެއީ މިހާރުވެސް ނުކުޅެދުންތެރި ޙާލުގައި އެތައް ބައަކަށް ތިބެންޖެހިފައިވާއިރު އެކަމަށް އެއްވެސް ބަދަލެއް ނުލިބި ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާތީއެވެ. މީގެ ތެރޭގައި ސިކުނޑިއަށް ގެއްލުން ލިބި ވިސްނުން ގެއްލުން ފަދަ ބޮޑެތި ގެއްލުންތައްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
ކިތަންމެ ބޮޑު ޖުރުމަނާއެއް ކުރިޔަސް، ލައިސަންސް ހިފެހެއްޓިޔަސް، ބަންދުކުރިޔަސް އެއިން އެއްވެސް ކަމަކުން އަނިޔާލިބުނު މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެކަމަކު ހުރިހާ ދެރައެއް ލިބެނީ އަނިޔާ ލިބުނު މީހާއަށެވެ. ދެތިން ދުވަހު މީޑިއާގެ ފަލަސުރުޚީގައި އެވާހަކަ ލިޔެލުމަކީވެސް އަނިޔާ ލިބުނު މީހާއަށް އެއްވެސް ފައިދާއެއް ކުރާކަމެއް ނޫނެވެ. އަނިޔާ ލިބުނު މީހާއަށް އުޅެންޖެހެނީ ނިކަމެތި ޙާލުގައެވެ.
(މިއީ ޤަވާއިދާ ޚިލާފަށް ދުއްވައި ގައިގައި ޖެއްސުމުން ނުކުޅެދުންތެރިއަކަސްވެފައިވާ ދަރިއަކު ބަލަހައްޓަމުން ގެންދާ ނިކަމެތި ރއްޔިތެއްގެ އިޙްޞާޞްތަކެވެ.)