ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅު: وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ (ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (56) ގެ މާނައަކީ، އިންސާނެއްގެ ހައިސިއްޔަތުން ތިބާގެ އުފެދުމުގައި ﷲއަށް އަޅުކަން ކުރުން ފިޔަވައި އެހެން މަގުސަދެއް ނުވެއެވެ.
މިހެން ބުނުމުން މީހަކު ސުވާލުކޮށްފާނެއެވެ. އަޅުކަމަކީ ކުރިންވެސް ބުނެވުނު ފަދައިން ނަމާދުކުރުމާއި، ޒަކާތްދިނުމާއި، އަދި ޙައްޖުވުން ކަމުގައިވާނަމަ، މިއާޔަތުގެ މާނަ އަހަރެމެން ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟ ސަބަބަކީ މަސައްކަތް ކުރުމަށްވެސް ﷲ އަހަރެމެންނަށް އަމުރުކުރައްވާފައިވާތީއެވެ. ﷲ އަހަރެމެން އުފެއްދެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށް ކަމުގައިވާނަމަ، އަހަރެމެން އެކީއެކަށް ތިބެންޖެހޭނީ މިސްކިތުގައެވެ. ނޫންނަމަ އެކީއެކަށް އުޅެންޖެހޭނީ ޢުމުރާއަށް ގޮސްގެންނެވެ. އާނއެކެވެ، މިފަދަ އޮޅުންބޮޅުންތައް ކުރިމަތިވަނީ އަޅުކަން (ޢިބާދާތް) ގެ މާނަ އަހަރެމެންނަށް ރަނގަޅަށް ފަހުމްވެފައި ނެތުމުންނެވެ.
އަހަރެންގެ ލޯބިވާ އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ތެރޭގައި، އެއީ އޭގެ އަމިއްލަ ذات ގައި އަޅުކަންތައް ކަމުގައި ﷲ ބާވައިލައްވާފައިވާ ޢަމަލުތަކެއްވެއެވެ. އެއީ ނަމާދާއި، ޒަކާތާއި، ރޯދައާއި، ޙައްޖާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތްދިނުން ފަދަ ކަންކަމެވެ. މިއީ އޭގެ ذات ގައި އަޅުކަންތަކެވެ. މިކަންކަން ކުރަންޖެހޭނީ ހަމައެކަނި ﷲ ތަޢާލާގެ ވަޖުހުފުޅަށްޓަކައެވެ.
އަދި މީގެއިތުރުން، ދިރިއުޅުމުގެ އާދައިގެ ކަންކަމުގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންތައްތައްވެސް ﷲ ބާވައިލައްވާފައިވެއެވެ. އެއީ ކައިވެނިކުރުމާއި، ކަސްރަތު ކުރުމާއި، ކެއުމާއި، އަދި ނިދުން ފަދަ ކަންކަމެވެ. ދިރިއުޅުމުގެ މިފަދަ އާދައިގެ ކަންކަން އަޅުކަމަށް ބަދަލުކުރުމުގެ ފުރުޞަތު މުއުމިނުންނަށް ﷲ ދެއްވާފައިވެއެވެ. އަދި މިކަންކަން މިގޮތަށް ކުރުމުން، މިއީ ތިބާއަށް ސުވަރުގެ ބިނާކުރުމަށް ކުރެވޭ މަސައްކަތަކަށް ބަދަލުވެގެންދެއެވެ.
- ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް