ކަޅުއަނދިރިކަމާ ބިރުވެރިކަން އިންތިހާއަށް ބޮޑުވެ ނިކަމެތިވާނެ ދުވަހު ސަލާމަތްކަމަށް އެދޭނަމަ އެކުގަ އުޅެވޭ މީހުންނަށް ވިސްނައި ފަރުވާތެރިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަޅުއަނދިރިކަމާ ބިރުވެރިކަން އިންތިހާއަށް ބޮޑުވެ ނިކަމެތިވާނެ ދުވަހު ސަލާމަތްކަމަށް އެދޭނަމަ އެކުގަ އުޅެވޭ މީހުންނަށް ވިސްނައި ފަރުވާތެރިވާންޖެހޭނެ!

ބަލަންވީ އޭނާ ހުރި ސިޔާސީ މަޤާމަކަށްނޫނެވެ. ނުފޫޒުހުރިވަރަކަށްވެސް ނޫނެވެ. އަދި ތަނަވަސްކަންހުރި ވަރަކަށްވެސް ނޫނެވެ. އޭނާގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިނންވަރަށެވެ.  

ވިސްނައިލަންވީ މިއާޔަތަށެވެ!

"އެކުވެރިން އެދުވަހުން އެއްބައަކު އަނެއްބައަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ." (އައްޒުޚްރޫފް: 67) 

މިއީ މިދުނިޔެއާއި އަދި ޤިޔާމަތް ދުވަހުގެ ވެސް މިލްކުވެރި ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. އެންމެހައި ކަންކަމަށް އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. ވީމާ އާޚިރަތް އެދޭނަމަ މި ފަދަ ޢާޔަތްތަކަށް ވިސްނައި އަމަލުކުރާށެވެ!  

އެކުވެރިވާންވީ ތަޤްވާވެރިންނާއި އެވެ. ރަހްމަތްތެރިން ކަމުގައި އިޚްތިޔާރުކުރަންވީ ވެސް ތަޤްވާވެރިންނެވެ. އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ އެއިރުންނެވެ.  

އެމީހަކު މަޙްޝަރު ކުރެއްވޭނީ އެމީހަކު ދުނިޔޭގައި އެކުގައި އުޅުނު ބައަކާއިއެކުގައި ކަމަށް އޮތް ބަސްފުޅަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް އީމާން ނުވާ ބައަކާއިއެކު މަޙްޝަރު ކުރައްވަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!  

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އެބައަކާއި ވަކިނުވެވޭނެ އެންމެ ގާތް އެކުވެރިނަ ކަމުގައި ބަލައިގެން އުޅޭ މީހުންނަކީ އެއްވެސް ވަރަކަށް އިސްލާމް ދީނަށް ލޯބިކުރާ ބައެއް ނޫނެވެ. އަދި ބައެއް މީހުން އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނާއި އިސްލާމް ދީނުގެ ޢަދާވާތްތެރިންވެސް އެބަ ގެންގުޅެއެވެ.  މިކަމަށް ސަމާލުވާން ވަރަށް ގިނައިން ހަނދުމަކޮށްދެވެއެވެ. އެއީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން