ހިތްކަނުވުމަކީ ދެލޯކަނުވުމަށްވުރެ މާބިރުހުރި ކަމެއް! ބާރަށް ނަރަކައާ ދިމާއަށް ދެވޭ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ހިތްކަނުވުމަކީ ދެލޯކަނުވުމަށްވުރެ މާބިރުހުރި
ކަމެއް! ބާރަށް ނަރަކައާ ދިމާއަށް ދެވޭ ސަބަބެއް!


އިންސާނާގެ އެންމެ މުހިންމު ގުނަވަނަކީ ހިތްކަމަށް ބުނެވެނީ ސިކުނޑިވެސް މަސައްކަތްކުރަނީ ހިތުން އަންގާގޮތަކަށް ކަމަށްވާތީއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ހިތް ސަލާމަތްކުރުމެވެ.  

އެހެންވެ ފުރަތަމަ ކަމަކަށް ބަލައިމިލަނީ ހިތްކަނުވުމަކީ ކޮބައިކަމެވެ. މިޘާލަކަށް ބުނާނަމަ ބެލުން ހުއްދަ ނޫން ތަންތަނަށް ބެލެނީ ހިތް ކަނުވުމުންނެވެ! ތިމާ ފާފަވެރިވާނެ ފަދަ އަޑުތައް އެހުމާއި އަދި އެނޫންވެސް ފާފަތަކަށް އަރައިގަންނަން ޝައުޤުވެރިވެވެނީވެސް ހިތްކަނުވުމުންނެވެ. ތިމާގެ ލޮލަށް ފެނުނު ނަމަވެސް ހިތް ކަނު މީހަކަށް ވެއްޖެ ނަމަ އެމީހަކު ވާނީ މުސްލިމުން ބެލުން ހުއްދަ ނޫންތަނެއް ފެނުމުންވެސް އެތަނެއް ބެލޭ މީހަކަށެވެ. ބަލަން ޝައުޤުވެރިވާ މީހަކަށެވެ.

ހިތްކަނުވުމަކީ ދެލޯ ކަނުވުމަށްވުރެ މާނުރައްކައުތެރިކަންބޮޑު ކަމެކެވެ. ނަމަވެސް އެކަމަށް ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ގިނަ ބައަކަށް ހިތްކަނުވުމަކީ ކޮބައިކަން ނުވަތަ ތިމާ މިހުރީ ހިތްކަނުވެފައިކަން ނުވެސް އެނގެއެވެ. 

މީސްތަކުންނޭވެ.! މިއީ ވަރަށް ނުބައިކަންބޮޑު އަދި ލިބޭ ގެއްލުންވެސް ވަރަށް ބޮޑު ކަމެކެވެ. އެހެނީ އެކަން ވާނީ އެމީހަކު ނަރަކައާއި ދިމާއަށް ދަމާ ގެންދާ ބާރަކަށެވެ! ލޯފަންވުމަކީ ޤުދަރަތީ ކަމެއް ނަމަވެސް ހިތް ކަނުކުރަނީ އަމިއްލައަށެވެ. ހިތް ކަނުވަނީ އަމިއްލައަށް ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފާފަކުރެވެން ފެށުމުން ހިތްދާނީ ކަނުވަމުންނެވެ.  

ހިތް ކަނުވެގެންދަނީ ހިތުގައި ޖަހާ ކަޅު ލައްތަކުގެ ސަބަބުންނެވެ. އެ ލައްތައް ޖަހަނީ ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. ކުރެވޭ ކޮންމެ ފާފައަކާއިއެކު ހިތުގައި ކަޅު ތިއްކެ ޖެހެއެވެ. ފާފަ ކުރެވުމުން ތައުބާނުވެވޭނަމަ ތިކިތައް ގިނަވެ މުޅި ހިތް ކަޅުވެގެން ދެއެވެ. އެހިސާބުން އެއޮތީ ހިތް ކަނުވެފައެވެ. އެޙާލަތަށް ދިއުމުން ފާފަތައްކުރަން ބިރެއް ނުގަންނާނެއެވެ.  

ހިތް ކަނުވުމުން ސަލާމަތްކުރަން ބޭނުން ނަމަ ފާފަ ކުރެވުމުން ތައުބާވުމަށް އަވަސްވެގަނެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ތައުބާވެ ހެޔޮ އަމަލުކުރުމަކީ ހިތުގައި ޖަހާ ކަޅު ލައްތައް ފިލުވައިލަން އޮތް ވަސީލަތެވެ. ގިނަގިނައިން އިސްތިޣްފާރުކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހިތް ޠޯހިރު ކުރުމެވެ. 

ﷲ ތަޢާލާ އަނގަވާފައިވަނީ ބެލުންތައް ތިރިކުރުމަށެވެ. ބެލުންތައް ތިރިކުރުމަކީ ބަލަން ނުޖެހޭ ތަންތަނާއި ތަކެތި ނުބެލުމެވެ. ބެލުން ހުއްދަ ނޫން އެއްވެސް ތަނެއް ނުބެލުމެވެ. ވީމާއަށް ބެލުން ހުއްދަ ނޫން މީސްތަކުންގެ އަޢުރަ ބެލުމާއި މީހުން ކުރާ ފާހިޟް ޢަމަލުތައް ބެލުން އެއީ ލޮލުން ކުރެވޭ ބޮޑެތި ފާފަތަކެވެ. ފޯނުންވިޔަސް އެހެންގޮތަކުންވިޔަސްމެއެވެ. ވީމާ އެފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވާށެވެ!

މިޒަމާނުގައި ބެލުންތައް ތިރިކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. ވަރަށް އުނދަގޫވެސް ކަމެކެވެ. ފެންނަލެއް ގިނަކަމުންނެވެ. އެފަދަ ކަމެއް އޮޅުމަކުން ލޮލާއި ދިމާވުމަކުން ފާފަވެރިއެއް ނުވެއެވެ. ނަމަވެސް ފެނުމުން އިސް ތިރިނުކޮށް އިތުރަށް ބެލުމުން ދާނީ ފާފަވެރިވަމުންނެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން