ޢާއިޝަތު ރަފާޙް ޢަލީ
އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން ޒުވާންއިރު އަޅުގަނޑުމެންގެ ހަށިގަނޑުގައި ބާރާއި ހަކަތަ ހުރެއެވެ، ނޫންހެއްޔެވެ؟ އަޅުގަނޑުމެންނަށް ސަޖިދަ ކުރެވެއެވެ. ކަކުލުގައި ނުވަތަ އަތުގައި ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ރިއްސާ ތަދެއް އިޙްސާސެއް ނުކުރެވެއެވެ. އެއްވެސް ތަކުލީފަކާ ނުލައި މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެންނަށް ކުރެވެއެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް އެހީތެރިވެދީ، އެހެން މީހުންނަށް އިސްކަންދިނުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ހުރެއެވެ.
ނަމަވެސް އުމުރުން ދުވަސްވެ މުސްކުޅިވަމުންދާ ވަރަކަށް، މާއަވަހަށް ވަރުބަލިވާން ފަށައެވެ. އުމުރުން ދުވަސްވާ ވަރަކަށް ދަތުރުފަތުރު ކުރުންވެސް ކުރިއަށްވުރެ އުނދަގޫ ކަމަކަށް ވެގެންދެއެވެ. ގިނައިން ދަތުރުކުރުމުގެ ސަބަބުން އެކަމަށް އާދަވެ، ދަތުރުކުރުން ފަސޭހަވާންޖެހޭނެ ކަމަށް ހީވިނަމަވެސްމެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ހަށިގަނޑާއި، ސިކުނޑިއާއި، ކަންކަމުގައި ކެތްތެރިވެވޭ މިންވަރު ބަދަލުވަމުންދާތީއެވެ.
އެހެންކަމުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައިވަނީ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ހިފުމަށެވެ.
ޢަރުޝީގެ ހިޔާވަހިކަން ލިބިގެންދާ 7 މީހުންގެ ތެރެއިން އެކަކީ ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއެވެ.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ للهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي للهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ للهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ للهَ خَالِيًا، فَفَاضَتْ عَيْنَاهُ)). [متفق عليه]
މާނައީ: ﷲ ގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ. އެއީ ޢަދުލުވެރި ވެރިމީހާއާއި، ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ޙަސަބާއި ނަސަބުވެރި ރީތި އަންހެނެއް ފާޙިޝް ޢަމަލެއްކުރުމަށް ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.
- ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް