އެމީހެއްގެ ޢަމަލުތައް ސީދާކޮށްގެންހުރެ މިދުޢާކުރާނަމަ ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
އެމީހެއްގެ ޢަމަލުތައް ސީދާކޮށްގެންހުރެ މިދުޢާކުރާނަމަ ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ

ދުޢާއަކީ ތިމާއާއި ﷲ ތަޢާލާ އާއިދެމެދު ގުޅުވައިލަދޭ ފާލަމެވެ. އެފާލަން ގުޅުވައިލެވޭނީވެސް އަދި އެފާލަމުން ދަތުރުކުރެވޭނީވެސް ޓިކެތް ހޯދައިގެންނެވެ. އެޓިކެޓަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރުމާއި ތަޤްވާވެރިވުމެވެ.  

ކުރާނެ އެންމެ ރަނގަޅު ދުޢާ ހޯދަން ބޭނުންވާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ތިމާއަށް އުޅެވެން އޮތް އެންމެ ރަނގަޅަށް އުޅެން މަސައްކަތްކުރާ މީހުން ވަރަށް މަދެވެ. މުސްލިމުންނަށް އޮތީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމެވެ. އެހެންކަމުން ތިމާ ފުރިހަމަކުރަންޖެހޭ ބައި ވީހައިފުރިހަމަކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.

މިދުޢާގައިވާ ފަދައިން ﷲ ތަޢާލާއަށް ދަންނަވަން ކެރޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތެދުވެރިކަމާއިއެކު އެމީހަކަށް ކުރެވެން އޮތް އެންމެ ފުރިހަމައަކަށް އަޅުކަންކުރަނީ ކާކުހެއްޔެވެ؟  ކުރެވެން އޮތް އެންމެ ގިނައިން އަޅުކަން ކުރަނީ ކާކު ހެއްޔެވެ؟ އަޅުކަން ކުރުން މިވަނީ އެންމެ ފަހުން ކުރާ ކަންތަކަށް ހަދައިފައެވެ. އެގޮތަށް އެކަން ކޮށްފައި އެންމެ ގިނަ ސަވާބާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ބޭނުންވާން ހެޔޮވެސް ނުވާނެ ނޫން ހެއްޔެވެ؟

ވީމާ ފުރަތަމަކަމަކަށް ތިބާ ފުރިހަމަކުރަންޖެހޭބައި ފުރިހަމަކޮށްލާށެވެ! ދެން މިދުޢާކޮށްލާށެވެ! ތިބާއާއި ސުވަރުގެއާއި ދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ. އިން ޝާ ﷲ 

"ޔާ ﷲ! ނަބީ ބޭކަލުން މެދުވެރިކުރައްވަވައި ކުރަން އެންގެވި ވަރާއި ގާތަކަށް ވެސް މިއަޅާއަށް އަޅުކަމެއް ނުކުރެވެއެވެ. ތަޤްވާވެރިއެއްވެސް ނުވެވުނެވެ. ނަމަވެސް މިއަޅާގެ އާދޭހަކީ ނަބީބޭކަލުން މެދުވެރިކުރައްވައި އިނބަ ﷲ ވަޙީ ކުރެއްވެވި މިންވަރަށް ނިޢްމަތްތައް މިއަޅާއަށް ދެއްވެވުމެވެ.  

އެހެނީ އިނބަ ﷲ އެންގެވި މިންވަރަށް މިއަޅާއަށް އަޅުކަން ނުކުރެވުނު ނަމަވެސް މިއަޅާއަށް ކުރެވުނު އެންމެ ފުރިހަމައަށް، އެންމެ ގިނައިން މިއަޅާ އަޅުކަންކުރިކަމާއި އިނބަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރިކަން އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ހަމަ އިނބަ ﷲ އެވެ!  

ޔާ ﷲ! މިއަޅާގެ އާދޭހަކީ ޤިޔާމަތް ދުވަހު މާޔޫސްވާން ޖެހޭނެ މީހަކު ކަމުގައި މިއަޅާ ނުލެއްވެވުމެވެ. ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވެވުމެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ އަރިއަހުގައި ލައްވަވައިދެއްވެވުމެވެ. ޝަހީދުންނާއި އިނބަ ﷲ އެންމެ މަތިވެރިކުރެއްވެވި ބޭކަލުންނާއިއެކުގައި މިއަޅާ ލައްވަވައި ދެއްވެވުމެވެ.  

ޔާ ﷲ! އިނބަ ﷲ އީ އަޅުތަކުންގެ ދުޢާ ޢިޖާބަކުރެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. މިއަޅާގެ އާދޭސް ޤަބޫލުފުޅުކޮށްދެއްވަވާނދޭވެ!" 

މިދުޢާ އެކުލަވައިލުމުގައި ވިސްނައިލަން ޖެހޭ ބައެއް ހިމަނާފައިވެއެވެ.  

"އެހެނީ އިނބަ ﷲ އެންގެވި މިންވަރަށް މިއަޅާއަށް އަޅުކަން ނުކުރެވުނު ނަމަވެސް މިއަޅާއަށް ކުރެވުނު އެންމެ ފުރިހަމައަށް، އެންމެ ގިނައިން މިއަޅާ އަޅުކަންކުރިކަމާއި އިނބަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރިކަން އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ހަމަ އިނބަ ﷲ އެވެ!"  

މިބައިގައި ބަޔާންވެގެންވާ ޝަރުޠުތައް ފުރިހަމަކުރުމާއިއެކު އެކަމުގެ ޔަޤީންކަން ލިބިގެންހުރެ އމުސްލިމަކު މިފަދައިން ދުޢާކޮށްފިނަމަ އެމީހަކާއި ސުވަރުގެ ޢާއިދެމެދު އެއްވެސް ހުރަހެއް ނުވާނެތެވެ. އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން