އަހުރެންގެ ވާހަކަކޮޅު ފަށަން ޤަޞްދުކުރަނީ ފޮތްތަކުން ފެންނަން އޮތް އެއްޗަކުން ނޫނެވެ. ޤުރްއާނާއި ސުންނަތުގައިވެސް އޮތީ މައިމީހާއަށް ހެޔޮކޮށް ހިތުމަށެވެ. ވީމާ އެވާހަކަ އަބަދުހެން އެބަ ދައްކަމެވެ. މިރޭ މިދައްކަނީ އަހުރެންގެ ލޮލަށް ފެނި ތަޖުރިބާ ކުރެވިފައިވާ ކަްނކަމުގެ ވާހަކައެވެ.
ބައެއް ދަރިންނަށް ޖަޒުބާތުގައި ޖެހެވި މައިންނާއިމެދު އިހާނެތިކޮށް ކަންކަން ކުރެވެއެވެ. މައިންނަށް ނުބައި ބަސްތައް ބުނެއެވެ. އަޅާނުލައި ނިކަމެތިކޮށްލައެވެ. ދަރިއެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށްވެސް ތިބެއެވެ. އެއިގެ އިތުރުން މަންމައާއިހެދި އުނދަގޫވަގެންވެސް އުޅެއެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. މައިންނަށް ނިކަމެތިކޮށް ކަންކަންކޮށްފިނަމަ ޢުމުރުގެ ކޮންމެވެސް ޙިސާބެއްގައި އެކަން އައިސް އެމީހަކާއި ބައްދަލުކުރެއެވެ. ގިނަ މީހުންނަށް ހުރީ އެމީހާ މައިމީހާއަށް ދިން ދެރައަށްވުރެ ބޮޑެތި ދެރަލިބިފައެވެ. މައިމީހާއަށް ކުރަންޖެހުނު ހިތާމައަށްވުރެ މާބޮޑެތި ހިތާމަތައްކުރަންޖެހިފައެވެ.
މިގޮތަށް ވިސްނާށެވެ! ތިބާއަށް ރަންވަޅެއް ފެނުނީއެވެ. ވަކި މުއްދަތަކަށެވެ. އެމުއްދަތުގައި ކޮންމެ ދުވަހަކުވެސް ތިބާ ބޭނުންވާވަރަކަށް ރަން ނަގަންވީއެވެ. އޮތީ ނަގަން ކެރުނުވަރެކެވެ.
މައިމީހާއަށް ޚިދުމަތްކޮށްގެން ﷲ ތަޢާލާގެ ޙަޟްރަތުން ރަޙުމަތް ހޯދުންވެސް އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ދުނިޔޭގައި އިންހައި ދުވަހަކު ޚިދުމަތްކުރަންވީއެވެ. ޚިދުމަތްކުރާވަރަކަށް ތިބާއަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. މަންމަ ނިޔާވާއިރަށް އެފުރުޞަތު ތިބާއަށް ގެއްލިގެންދާނެއެވެ.
ވީމާ މަންމަ ދުނިޔޭގައި އިންހައި ދުވަހަކު ބަލަންވީ ވީހާ ރަނގަޅަކަށް މަންމައަށް ކަންކަން ކުރުމަށެވެ. ވީހާބޮޑަށް ހެޔޮކޮށް ހިތުމަށެވެ. އެކަންކުރެވިއްޖެނަމަ ތިބާގެ މުޅި ޢުމުރަށްވެސް ތިބާއަށް އެކަމުގެ ފައިދާކުރާނެއެވެ. ތިބާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން