ކުޅަދާނަކަން ލިބި ޝަރުޠު ހަމަވާނަމަ އަނބިންގެ ޢަދަދު އިތުރުކުރުމަކީ މައްސަލައެއް ނޫނެވެ. މުހިންމީ ނިޔަތެވެ. ހުރިހާ އަނބިން ގޮވައިގެން ރަނގަޅަށް ދިރިއުޅުމުގެ ނިޔަތެވެ. ނަމަވެސް ބައެއް މީހުން ވިސްނަނީ އެގޮތަކަށް ނޫނެވެ.
މީހަކު ޝައިޚެއްގެ އަރިހަށް ގޮސް ދެންނެވިއެވެ. "ޝައިޚް އެވެ. އަހުރެންގެ ކިބައިގައި ކުޅަދާނަކަން އެބަހުއްޓެވެ. އަހުރެން ބޭނުންވަނީ 2 އަނބިން ހަމަކުރާށެވެ." ދެއަނބިން ހަމަކުރަން ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ދެންނެވިއެވެ. "އެއިރުން އެއް އަނބި ރުޅި އައިމަ އަނެއް އަނބީގެ ގާތުން އުފާވެރިކަން ހޯދޭނެއެވެ. އަހުރެންގެ ބޭނުންތައް ދާނީ ފުދެމުންނެވެ." އޭނާގެ ވާހަކައަށް ޝައިޚު ޖަވާބެއް ނުދެއްވައެވެ.
އެރޭގެ ފަތިސްނަމާދު ނިމުނުތަނުން ޝައިޚްއާއި ބައްދަލުކޮށް ދެންނެވިއެވެ. "ޝައިޚުއެވެ. ކަމަކު ދާކަށް ނެތެވެ. ﷲ ތަޢާލާ އަހުރެންނަށް މެސެޖެއް ދެއްވަވައިފިއެވެ. ރޭގައި ހުވަފެނެއް ފެނިއްޖެއެވެ. އެއް އަނބި އަހުރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރީއެވެ. އަނެއް އަނބި އަހުރެންގެ ގައިގައި ތަޅައި އަނިޔާކުރަނީއެވެ. ވީމާ އިތުރު އަންތބަކު ހޯދުމުގެ ވިސްނުން ދޫކޮށްލައިފީމެވެ. ނުހޯދާނަމެވެ."
އޭނާގެ ވާހަކައިން އަހުރެންނަށް ފާހަގަކުރެވުނު ކަމެއް ބުނެލާނަމެވެ. އެއީ އިތުރު އަނބިން ހޯދަން އޭނާ ބޭނުންވި ނިޔަތް ރަނގަޅު ނޫންކަމެވެ. އެކަމުގައި އޭނާގެ ބޮޑު އަމިއްލަ އެދުމެއް އޮތްކަމެވެ. އަދި ދެއަނބިންނަށް ހެޔޮކޮށްހިތައި ރުއްސައިގެން ގެންގުޅުމުގެ ނިޔަތް ނެތްކަމެވެ.
މިއީ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ކައިވެނިކުރަންވީ އަދި އަނބިން އިތުރުކުރަންވީވެސް ހަމައެކަނި ތިމާގެ އަމިއްލަ އެދުމަކަށް ނޫނެވެ. ހެޔޮ ގޮތުގައި ދިރިއުޅުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.
- މިއަދުނޫސް