އެންމެ މަތިން ވަނަ ނުހޯދުނަސް ދިރިއުޅުން ކާމިޔާބުކުރާ ދަރިވަރުން މަދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެންމެ މަތިން ވަނަ ނުހޯދުނަސް ދިރިއުޅުން ކާމިޔާބުކުރާ ދަރިވަރުން މަދެއް ނޫން!

ތިރީގައިވާ ލިޔުން ޚާއްޞަކޮށް މިލަނީ ދަރިފުޅަށް ކުލާހުން މަތީ ވަނައެއް ނުލިބުމުން ނުވަތަ އެންމެ މަތިން ފާސްނުވުމުން ދަރިންދެކެ ރުޅި އައިސް ބަސްބުނާ ބެލެނިވެރިންނަށެވެ. އެދެނީ ލިޔުން ވިދާޅުވެލައްވައި އެންމެ މަތިން ވަނަ ނުލިބުނަސް ދަރިންނަށް ހިތްވަރުދެއްވައި ކުދިންނަށް އަޅައިލެއްވުމެވެ.  

"އަޅުގަނޑަކީ 45 އަހަރު ސްކޫލެއްގައި ކިޔަވައިދިން ޓީޗަރަކީމެވެ! ލިބުނު ތަޖުރިބާއަށް ބަލައި ބުނަން ޖެހެނީ ސްކޫލުން ނިމިގެން ހިތްހެޔޮކަމާއިއަދި އެކުވެރިކަމުގައި އުޅެނީވެސް، ޒަވާޖީ ޙަޔާތުގަ ބޮޑަށް އުފަލުގަ އުޅެނީވެސް އަދި މަސައްކަތްކޮށްގެން ގިނަ ފައިސާ ހޯދަނީވެސް ކްލާހުގައި އެންމެ މަތީ ވަނަތައް ހޯދިދަރިވަރުން ނޫންކަމެވެ! އަނގަ ގަދަ ކިރިޔަކިރިޔާ ފާސްވިކުދިން ވަނީ މި ރޮނގުން މާބޮޑަށް ކުރިއަރާފައި ކަމަށެވެ! 

މިބުނަނީ ކިޔަވަން އެންމެ މޮޅު ދަރިވަރުންނަކީ ދިރިއުޅުމުގައި ފޭލްވާ ބައެއް ކަމަކށް ނޫނެވެ. އެއިގެ ތެރޭގައިވެސް ދިރިއުޅުން އެންމެ ރަނގަޅަށް ކާމިޔާބުކުރާ ކުދިންވެސް ތިބޭނެއެވެ. މިބުނަނީ ދިރިއުޅުމުގައި ނުވަތަ މަސައްކަތުގެ މައިދާނުގައި ކުރިއަރައިގޮސްފައިވާ ކުދިންނަށްބަލާއިރު އެންމެ މަތިން ފާސްނުވާކުދިން މާގިނަވާހަކައެވެ. "  

މަތީގައި އެވަނީ 45 އަހަރުވަންދެން ޓީޗަރުކަންކޮށްފައިވާ މީހަކު މިއަދުނޫހަށް ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. މިވާހަކަކޮޅު ހާމަމިކުރީ ކޮންމެ ބެލެނިވެރިއަކުހެން އޭނާގެ ދަރިފުޅަށް ކްލާހުން 1 ވަނަ ނުލިބޭނަމަ ދަރިފުޅު ދެކެ ރުޅި އައުމުގެ އިތުރުން 1 ވަނަ ހޯދާ ދަރިވަރަށް ހަސަދަލައިގެންވެސް އުޅޭތީއެވެ.  

ބައެއް މައިންބަފައިންނަށް ވިސްނެނީ ކިޔަވަން މޮޅުވެ ކްލާހުން 1 ވަނަ ހޯދާނަމަ އެއީ އެންމެ މޮޅު ކުއްޖާ ކަމަށެވެ. އާއެކެވެ! އެއި ހަމަ ކިޔަވަން އެންމެ މޮޅު ކުއްޖާއެވެ. މޮޅަށް ކިޔެވުމުން ލިބޭ ރަންވަނަތަކާ މެޑެލްތައް ޙައްޤު ދަރިވަރެވެ!  

ބުނެލަން ބޭނުންވަނީ ކްލާހުން އެއވަނަ ނުލިބުނަސް ދިރިއުޅުން ކާމިޔާބުކުރާ ކުދިން ބައިވެރިވަރެވެ. އަދި 1 ވަނަ ހޯދާ ކުދިންނަށްވުރެވެސް ދިރިއުޅުން ކާމިޔާބުކުރާ ކުދިން ބައިވަރެވެ. ވީމާ ކްލާހުން އެއްވަނަ ނުލިބުނީތީ ދަރިފުޅުދެކެ ރުޅިނުއަންނާށެވެ! އަދި 1 ވަނަ ހޯދާ ދަރިވަރަށް ހަސަދަނުލާށެވެ! ތިބާގެ ދަރިފުޅާއި އެ 1 ވަނަ ހޯދި ކުއްޖާކުރެން ދުނިޔެވެސް އާޚިރަތްވެސް ނުވަތަ ދުނިޔެއާއި އާޚިރަތްވެސް ހޯދުމުގައި ބޮޑަށް ކުރިއަރައިދާނީ ކޮންކުއްޖެއްކަމެއް ނުއެނގޭނެތީއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

 

މިއަދު އޮންލައިން