ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލަށް ތަބާނުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލެއްވި ގޮވާލެއްވުމަކީ ޤާނޫނާ ޚިލާފު، ބޮޑު ކުށަކަށް ދެއްވި ދައުވަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، މި ހިނގާ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑޮލަރު މާރުކުރުމާ ދެކޮޅަށް މުޅި ފަތުރުވެރިކަމުގެ ސިނާޢަތް ތެދުވުމަށް ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެންނެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވެފައިވަނީ، ރިސޯޓުތައް ހިންގުމަށާއި ތަރައްޤީކުރުމަށް ނަގާފައިވާ ބޭރުގެ ލޯނުތައް ދެއްކުމާއި އެހެނިހެން ޚަރަދުތައް ކުރަންޖެހެނީ ޑޮލަރުން ކަމަށްވާތީ، 40 އިންސައްތަ މާރުކުރުމަކީ ވިޔަފާރިތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށްބޮޑު ކުށަކަށް ދަޢުވަތުދިނުން.
— Ibrahim Falah (@IbrahimFalahR) August 28, 2026
މީގެންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން ވެރިކަމަށް އޮތްދަހިވެތިކަމާއިހަސަދަވެރިކަން. އަދިފަހަކަށްއައިސް… pic.twitter.com/sTJ4JVxmZ8
މިކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގޮންޖަހައި، އެ ކަންކަމާ ޚިލާފުވުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ވާހަކަތަކުން ހާމަވަނީ އެމަނިކުފާނުގެ އަމިއްލަ އެދުންފުޅު ބޮޑުކަމާއި، ވެރިކަމަށް އޮތް ދަހިވެތިކަން ކަމަށްވެސް ފަލާހު ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން މިހާރުގެ ސަރުކާރު ވައްޓާލުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނުގެ ބަހާއި ޢަމަލު ދިމާނުވާކަން މިހާރު ސާފުވަމުންދާ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ. އަދި ޤައުމަށް ޚިޔާނާތްތެރިވެފައިވާ މިފަދަ ބޭފުޅަކު ޖަލު ބަންދުން ދޫވެ، ގޭގައި ހުންނެވުމުގެ ފުރުޞަތު ލިބިފައި އޮތުމަކީ މުޅި ޤައުމުވެސް ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި ދަޢުލަތުގެ ޚަޒާނާއިން ގެއްލިފައިވާ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދިއްޖެނަމަ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ވަގުތުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %40 ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، އިގްތިސާދަށާއި އަސާސީ ކަންކަމަށް ފައިދާ ކުރާނެ ކަމަށް ރައީސާއި އެމްއެމްއޭގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ކަޅުބާޒާރުގައި ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު މުއާމަލާތް ކުރުމާއި އެފަދަ ކަންކަން އިޝްތިހާރު ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ކުރާ ފަރުދުންނާއި ވިޔަފާރިތައް 25,000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ހަރުކަށި ފިޔަވަޅުތަކެއްވެސް މި ގާނޫނުގައި ވަނީ ހިމަނާފައެވެ.