ކޮންމެ މީހަކަށް މިފަދަ ހުވަފެނެއް ނުފެނިދާނެ! އެކަމަކު ޞަދަޤާތްކުރަން ފަސްޖެހުމަކީ ވަރަށް ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ކޮންމެ މީހަކަށް މިފަދަ ހުވަފެނެއް ނުފެނިދާނެ! އެކަމަކު ޞަދަޤާތްކުރަން ފަސްޖެހުމަކީ ވަރަށް ބިރުހުރި ކަމެއް!

އެއްބައަކަށް ޞަދަޤާތް ނުކުރެވެނީ ތަނަވަސްކަން ކުޑަވުމުންނެވެ. ހިތާމައަކީ ތަނަވަސްކަން ހުރެވެސް ޞަދަޤާތް ނުކުރާ މީހުން އުޅޭކަމެވެ. މިއީ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުކުރަންޖެހިފައިވާ ކަމަކަށްވާތީ މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ   

ޞަދަޤާތް ކުރެއްވެވުމުގައި އުންމަތަށް ނަމޫނާ ދެއްކެވީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެއްވެސް އެއްޗެއް ލިބިވަޑައިގެންފިނަމަ ވީހާއަވަހަކަށް ބައްސަވައިލައްވަވަން އިސްކަން ދެއްވެވިއެވެ. ދަތިޙާލުކޮޅުގައި ހުންނަވައިގެންވެސްމެއެވެ. ރަނގަޅަށް އަވަހާރަފުޅު ލެއްޕެވޭކަމަށްވަނީ އެކަން ކުރެއްވެވުމުންނެވެ.  

އަދި ޞަޙާބީބޭކަލުންނާއި ތާބިޢީ ބޭކަލުންވެސް ޞަދަޤާތް ކުރެއްވެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވެވިއެވެ. އެހެންކަމާއޮިއެކުގައިވެސް ޞަދަޤާތް ކުރުމަކީ އެންމެ ގިނަ ބައަކު މިހާރު އެންމެ ބޮޑަށް އިހްމާލްވަމުން އަންނަ އެއް ކަންތަކެވެ. އެހެންވެ މިރޭ މިފަށަނީ ޢިބްރަތްތެރި ވާހަކަކޮޅަކުންނެވެ!  

އޭނާއަކީ ބިލިއަނަރެކެވެ. ދީލަތިވެސް މީހެކެވެ. ތަޤްވާވެރިވެސް މީހެކެވެ. ނަމަވެސް އޭނާފަދަ މީހަކު ދީލަތިވާންޖެހޭނެ ނުވަތަ އެފެންވަރުގެ މީހަކަށް ދީލަތި ވެވޭނެ މިންވަރަކަށް އޭނާ ދީލަތިވާތަނެއް ނުފެނެއެވެ.  

އެއް ފަހަރަކު ހަމަ މާދަމާ އެކި ފަރާތްތަކަށް ޞަދަޤާތްކޮށްލުމުގެ ނިޔަތުގައި 100 މިލިއަން ދިރުހަމް ނަގައި އެކަހެރިވެސް ކުރިއެވެ. ނަމަވެސް އަހަރު ދެ އަހަރު މިގޮތަށް ފާއިތުވަމުން ގޮސް 5 އަހަރު ފުރެން ދާދި ގާތްވެފައިވަނިކޮށް އޭނާއަށް ފެންނަނީ ހުވަފެނެކެވެ.  

ހުވަފެނުމައި އޭނާއަށް ދެވެނީ އޭނާ އެންމެ ބޮޑަށް ދާން ބޭނުންވާ ގެއަށެވެ. އެގޭގެ ދޮރު ވެސް ހުރީ ހުޅުވައިފައެވެ. ނަމަވެސް ވަންނަން މަސައްކަތް ކޮށްކޮށްވެސް ވަދެވޭނެ ގޮތެއް ނުވިއެވެ. ކޮންމެވެސް ބާރަކުން އޭނާ ހުއްޓުވަނީ އެވެ.  

ނިދީން ހޭލެވުމާއިއެކު ވަރަށް ބޮޑަށް ވިސްނުނެވެ. މިފެނުނީ ކޮންފަދަ ހުވަފެނެއްބާވައެވެ! އަހަރެންގެ ކުށަކީ ކޮބައިބާވައެވެ! ކޮންމެ އަކަސް މިކަމުގެ ވިސްނުމުގައި ހުރެ ފަތިސް ނަމާދަށް ގޮސް ޖަމާއަތް ނިމި އިމާމް މީހާ ތެދުވުމުން އޭނާ ގޮސް ފެނުނު ހުވަފެނުގެ ވާހަކަ ހިއްޞާކުރިއެވެ.  

އިމާމް ބުނީ ހުވަފެނުން ފެނުނު ވަގުތާއި ފެނުނު ކަންކަމަށް ބަލައިލުމުން ވިސްނެނީ އޭނާ ﷲ ތަޢާލާގެ މަގުގައި ކުރަން ނިންމި ކޮންމެވެސް ކަމެއް ނުކޮށް މަޑުޖައްސައިގެން ހުރުމުން މެދުވެރިވި ކަމެއް ކަމަށެވެ. އެފަދަ ކަމެއް ހަނދާނުގައި ހުރިނަމަ އަވަހަށް އެކަމެއް ކޮށްނިންމައިލުމަށެވެ.  

އިމާމް ބުނި ބަހުގެ ތެދުކަން އޭނާއަށް ޤަބޫލުކުރެވުނެވެ. އެއީ 100 މިލިއަން ދިރުހަމް ނުބަހައި އެބައޮތްކަން ހަނދާންވުމުންނެވެ. 

މީސްތަކުންނޭވެ! މިއަދު ކުރެވެން އޮތް ޞަދަޤާތެއް މާދަމާއަށް ހަމަ އެއްގޮތަކަށްވެސް ލަސް ނުކުރށެވެ! މާދަމާ އައިސް އެކަން ނުކުރެވި އުޅެނިކޮށް ތިބާ މަރުވެއްޖެނަމަ އެ ފައިސާއިން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވާނީ ހަމަ ބޭކާރުވެގެން ދިއަ ސަވާބުތަކަކަށް ނޫން ހެއްޔެވެ؟  

އެންމެ ފަޅި ދިރުހަމެއް ނަމަވެސް މިއަދު ޞަދަޤާތް ނުކުރެވުނުކަން އެއީ ޤިޔާމަތް ދުވަހު އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހިދާނެ ކަމަކަށް ވެގެން ހިނގައިދާނެއެވެ. މިސާލަކަށް މީޒާނުގައި އަމަލުތައް ކިރާއިރު ތިބާއަށް މަދުވީ އެންމެ ހެޔޮ ކަމަކަށް ވެދާނެއެވެ! އެ ފަޅި ދިރުޙަމް ޞަދަޤާތް ކުރެވިފައިވީނަމަ މީޒާނުގައި ތިބާގެ ހެޔޮ ކަމުގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު އެބަ އޮތެވެ. އެކަން ކުރެވިފައި ނެތުމަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކަށްވެސް ވެދާނެއެވެ! ވީމާ އެއްވެސް ހެޔޮ ކަމެއް ކުރުން މާދަމާއަށް ފަސް ނުކުރާށެވެ! ދިރިހުރި ދުވަހު އެކަންކޮށް ނިންމައިލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން