ދުނިޔޭގެ ހުއްޓާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު ޢަޛާބް ލިބެމުންދާ މީހުން ވަރަށް ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދުނިޔޭގެ ހުއްޓާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު ޢަޛާބް ލިބެމުންދާ މީހުން ވަރަށް ގިނަވެއްޖެ!

އެމީހުން އުޅޭ އުޅުމަކުން ނުއެނގޭނެއެވެ. ނަމަވެސް ދުނިޔޭގައި ހުއްޓައި މީހަކަށް ލިބޭނެ އެންމެ ގަދަފަދަ ޢަޛާބް ލިބެމުންދާ މީހުން ވަރަށް ގިނަވެއްޖެއެވެ. މިކިޔައިދޭ ކަންކަމަށް ވިސްނައި ތިމާހުރި ޙާލު ދެނެގަންނާށެވެ.  

މިކިޔައިދެނީ ހަމަ ކޮންމެ މީހަކަށްވެސް އެނގުން ވަރަށް މުހިންމު ބައެއް ކަންކަމުގެ ވާހަކައެވެ. ތިމާއަށް މިހުރެވޭ ޙާލު ދެނެގަންނަން ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭނެ މުހިންމު ބައެއް ކަންކަން ކަމަށްވާތީއެވެ.  

އެބައެއްގެ ހިތްތަކުގައާއި ކަންފަތްތަކުގައި ސިއްކަޖައްސަވައި، ބަންދުކުރައްވަވައި ލޯތަކުގެ މަތީގައި ފަރުދާ އަޅުއްވަވާފައިވާ ބައަކުވެއެވެ! އެބައިމީހުންނާއިމެދު ވަޙީ ކުރައްވަވާފައިވަނީ އެއީ ބޮޑުވެގެންވާ ގަދަފަދަ ޢަޛާބް ހުރި މީހުން ކަމެވެ.  

އެފަދަ މީހުންނަށް ކިތަންމެ ވަރަކަށް ނަޞޭޙަތް ދިން ނަމަވެސް އިންޒާރު ދިން ނަމަވެސް އެކަމުން އެއްވެސް އަސަރެއް އެމީހުންނަކަށް ނުކުރާނެއެވެ! އެމީހުން އީމާނެއް ނުވާނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ އެފަދަ މީހުން މުސްލިމުންނާއި ޢަދާވާތްތެރިވެގެން އުޅުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ހަމަ އެމީހުންނަށެވެ. އެބައަކަށެވެ.  

ހަމަ އެފަދައިން ބައެއް މީހުންނަކީ ވަރަށް ބޮޑެތި މުނާފިޤުންނެވެ. ދޮގުވެރިންނެވެ. އެމީހުންނަކީ ކާފިރުންކަމުގައިވެ ކާފިރުންގެ ގޮތުގައި ތިބެ ވެސް އެމީހުންނަކީ މުސްލިމުން ކަމުގައި ބުނެ ހަދައެވެ. އެފަދަ މީހުންނާއިމެދު ﷲ ތައާލާ ވަހީ ކުރައްވަވާފައިވާ މި އާޔަތްތައް ނިކަން ކިޔައި ދަސްކޮށްބަލާށެވެ!  

ބައެއް މީހުންނަކީ ބޭރުފުށުން ތިމާމެންނަކީ މުސްލިމުން ކަމުގައި ދައްކައިގެން އުޅޭ މީހުންނެވެ. އެމީހުންނަށް ހީކުރެވެނީ އެމީހުންނަށް އެކުރެވެނީ ވަރަށް މޮޅު ކަމެއް ކަމަށެވެ. އެމީހުންގެ މަކަރުވެރި ރޭވުން ވަރަށް ކާމިޔާބު ކަމަށެވެ. ހަޤީޤަތުގައި ހުރިހާ ގެއްލުމެއްވެސް އޮތީ ހަމަ އެމީހުންނަށެވެ. އެމީހުން ގެއްލުން އެ ދެނީ ހަމަ އެމީހުންގެ އަމިއްލަ ނަފްސްތަކަށެވެ. 

މިއާޔަތްތަކުން އެނގިގެންއެދަނީ ދުނިޔޭގައި ތިއްބައި އެންމެ ގަދަފަދަ ޢަޛާބް ލިބެމުންދާ މީހުންނެވެ.   

"ހަމަކަށަވަރުން ކާފިރު ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް ނުވަތަ އިންޒާރު ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ.

ﷲ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ.

އަދި އީމާންވެގެންވާ ބައަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި ޢާޚިރަތް ދުވަހަށް އީމާން ވެއްޖައީމުއޭ ބުނާބައަކު، މީސްތަކުންގެ ތެރެއިންވެއެވެ.

(އެއުރެން ހީކުރާގޮތުގައި) ﷲއަށާއި އީމާންވެގެން ތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސްތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ." (ބަޤަރާ: 6.7،8،9)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން