މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އަލުން ކަށަވަރުކުރައްވައި، ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ގުދުރަތީ ނިޒާމުތައް އިއާދަކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން ކަނޑޫފާ ރައްކާތެރިކޮށް އާލާކުރުމުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެއިތުރުން، ރިމޯޓް ސެންސިންގ އަދި އާތު އޮބްޒަވޭޝަންގެ ދާއިރާއިން މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާކުރުމަށާއި، ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ބެލެހެއްޓުމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.