ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު، މަޖިލީހުގެ 47 މެންބަރުންގެ ވޯޓުން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި މައިގަނޑު ސަބަބަކީ، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ދަތުރުކުރާ މީހުންގެ އިތުރުން މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ޒަމާނާ އެކަށޭނަ ގޮތެއްގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް ކަނޑައެޅުމެވެ.
މި ބިލުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި، ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި މިންގަނޑުތަކުގެ އިތުރުން އުޅަނދު މަޑުކުރުމާއި، ޕާކުކުރުމުގެ ހަމަތައް ވަނީ ހިމަނާފައެވެ. އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މިންގަނޑުތަކާއި، ތަންފީޒީ އިދާރާތަކުގެ ބާރުތަކާއި، ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމާއި، މި ނިޒާމު ހިންގުމުގެ މަސްއޫލިއްޔަތު ދަތުރުފަތުރާ ގުޅުންހުރި ވުޒާރާއަކުން އަދާކުރަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ވުޒާރާއަށް ލަފާދިނުމަށް ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެއެވެ. ހަމައެއާއެކު، ރާއްޖޭން ބޭރުގައި ދުއްވުމަށް އިންޓަރނޭޝަނަލް ޑްރައިވިން ޕާމިޓް ދޫކުރުމާއި، ބައިނަލްއަޤުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސް އޮންނަ ފަރާތްތަކަށް ރާއްޖޭގައި އިތުރު ލައިސަންސަކާ ނުލައި ދުއްވޭނެ އިންތިޒާމުތައްވެސް ހިމެނެއެވެ.
ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމާއި، ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށްވުރެ ބޮޑުވެއްޖެނަމަ ލައިސަންސް ހިފެހެއްޓޭނެ އުސޫލުތައްވެސް ވަނީ ހިމަނާފައެވެ. އަދި ލައިސަންސްގެ ޕޮއިންޓު ޑީމެރިޓް ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މަޖިލީހުގެ ކޮމިޓީން މި ބިލަށް ގެނައި މުހިންމު އިސްލާޙުތަކުގެ ތެރޭގައި، ޤަވާއިދުގައި ބަޔާންކުރާ ޚާއްޞަ ގިންތީގެ އުޅަނދުތައް ފިޔަވައި، އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ކަނޑައެޅުން ހިމެނެއެވެ.