އެއީ ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފރިންނެވެ. އެއްވެސް މީހަކު އަނެކާއަށް ސިއްރުން އެއްވެސް ކަމެއް ނުކުރެއެވެ. އަބެކާގެ ހިތުގައި ޖެހިދާނެ އެއްވެސް ކަމެއްވެސް ނުކުރެއެވެ. ދެމީހުންވެސް ވަޒީފާއަދާކުރެއެވެ. ލިބޭ މުސާރަ ބޭނުންކުރަނީ ވަކިންނެވެ. ދިރިއުޅުމަށް ދެމީޙުންވެސް ޚަރަދުކުރެއެވެ.
ފރިމީހާގެ ބެލުމުގެދަށުގައި ހުރި އޮފީހުގެ ފައިސާއިން ދެލައްކަ ރުފިޔާއަށް ވީގޮތެއް ނުއެނގުނީއެވެ. މަސްނިމޭއިރަށް އިންޓަރނަލް އޮޑިޓަރުން ތިޖޫރީ ގުނާނެއެވެ. ގުނާއިރު މަދުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އަދި އެއީ ވަޒީފާ ގެއްލުމުގެ ބިރުވެސް އޮތް ކަމެކެވެ.
މަހުގެ ފަހުހަފްތާއެވެ. ފިރިމީހާ އަބަދު ހުންނަނީ ވިސްނުމެއްގައެވެ. ކަންބޮޑުވެފައެވެ. އެކަން ފާހަގަކުރެވިގެން އަނބިމީހާ ސުވާލުކުރުމުން ވަރަށް ދެރަވެފައި ހުރެގެން ކަންތައްވެގެން އުޅޭގޮތް ކިޔައިދިނެވެ. ބުނީ އޭނާގެ އެކައުންޓުގައި ހުރީ ވަރަށް މަދު ފައިސާކޮޅެއް ކަމަށާއި އެކަން ފޫބައްދަން ކުރެވޭނެ ކަމެއް ނެތުމުން ވިސްނެނީކަމަށެވެ.
އެއިގެ ފަހުން ދެވަނައަށްވީ ދުވަހު ހެނދުނު އޮފީހަށްދާން ފިރިމީހާ ނުކުންނަން އުޅެންފެށުމުން އަނބިމީހާ ސިޓީއެރައެއް ދިއްކޮށްލިއެވެ. ބުންޏެވެ. "ތީގައި ދެލައްކަ ރުފިޔާ އޮންނާނެއެވެ. ހަމަކުރީ މިމަހުގެ މުސާރަ އެޑްވާންސަށް ނަގައިގެންނެވެ. ތިއަކަމުން ސަލާމަތްވާށެވެ. އަހުރެންނަށް ފެނުނު ހުވަފެން ތެދުކަމުގައިވާނަމަ ތިއަ ފައިސާޢަށް ވީގޮތް އަދި އެނގޭނެއެވެ. ދަށުން މަސައްކަތްކުރާ މީހުންގެ ޢަމަލުތަކަށް ފާރަވެރިވާށެވެ! އެއިގެ ތެރެއިން ފައިސާގައި އަތަލައި އުޅޭ މީހުންގެ އއެކައުންޓުނަންބަރު ގެނެސްދޭށެވެ. އަހުރެންވެސް ބަލަން މަސައްކަތްކުރާނަމެވެ."
ފިރިމީހާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެއީ އެއްވެސް އިތުރުވާހަކައެއްވެސް ނުދައްކައި އެހާގިނަ ފައިސާ އޭނާއަށް ދިނީމައެވެ. އެވަރުގެ ބޮޑު އިތުބާރެއް ކުރީތީއެވެ. އަނބިމީހާގެ ހިތުގައި އޭނާގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަން އެހާބޮޑުކަން ފެނިގެންދިއުމުންނެވެ.
އެއިގެ ދެމަސްދުވަސްފަހުން ޙަޤީޤަތް އެނގުނުއިރު ކަންތައް މެދުވެރިވީ އަނބިމީހާއަށް ބުނެވުނު ގޮތަށެވެ. ދަށުން ަމސައްކަތްކުރާ މުވައްޒިފަކާއި އެފައިސާވަނީ ޙަވާލުކުރެވިފައެވެ. އެދުވަހަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި ދުވަހަކަށްވުމުން ފޮތުގައި ނޯޓުނުކުރެވި އޮތީއެވެ. އެކަން އެގޮތަށް ވެއްޖެކަން އެނގުމުން އެފައިސާ އޭނާ ބޭނުންކުރީއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ދިރިއުޅުމުގެ އެއްވެސް ކަމެއް އަނބިމީހާއަށް ސިއްރުނުކުރާށެވެ. މިބުނާ ބަހުގެ މާނައަކީ އަނބިމިހާއަށް ސިއްރުން އެއްވެސް ކަމެއް ނުކުރުމެވެ. އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރެވޭނެ ގޮތަށް ކަންކަންކުރަމުން ގެންދާށެވެ. ލޯބީގެ ގުޅުން ބަދަހިކަމާއިއެކު ދެމިއޮންނާނީ އެއިރުންނެވެ. އަދި ކުރިމަތިވާ ކަންކަމުގައި އަނބިމީހާގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނީވެސް އެއިރުންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-