އެއީ ވަރަށް ހެޔޮލަފާ، ތަޤްވާވެރި އަންހެނެކެވެ.
ހެނދުނުގެ ސައިގެ ކަންކަން ނިމުމުން ތަރުމޯޒުގައި ހުރި ހޫނުފެންކޮޅު ސިންކަށް އަޅައިލީ ތަރުމޯޒު ދޮވެލުމުގެ ބޭނުމުގައެވެ. އަޅައިލުމާއިއެކު މޫނުމައްޗަށް އަނދިރިވާކަހަލަ ގޮތެއްވާން ފެށުމުން ގޮސް ސޯފާގައި އޮށޯވެލިއެވެ.
"އޭ އަންހެނާއެވެ! ކަލޭމެންނަކަށް އަހުރެމެންނެއް ނުފެންނާނެއެވެ. އެކަމަކު މިދުނިޔޭގައި އުޅެނީ ކަމޭމެން އެކަނި ނޫންކަން އެނގެންވާނެއެވެ. ކަލޭ ހޫނުފެން ތިއައެޅީ އަހުރެންގެ ދަރިފުޅުގެ ގައަށެވެ."
"ތިބާއަށް މިގެއަށް ވަދެވުނީ ކިހިނަކުން ހެއްޔެވެ؟ އާދޭސްކޮށްފައި ބުނަމެވެ. އަހުރެންނަށް ދެރައެއް ނުދޭށެވެ. ބަދަލުނުހިފާށެވެ! އެއީ އަހުރެން ޤަޞްދުގައި ކުރި ކަމެއް ނޫނެވެ. އަހުރެން ޤަބޫލުކުރަނީ އެކަން ކަލެއަށް އެނގޭނެކަމަށެވެ."
"އާނއެކެވެ! އެނގެއެވެ. ކަލެއަކީ ރަނގަޅު އަންހެނަކުކަންވެސް އެނގެއެވެ. އެކަމަކު މިނަޞީޙަތުގައި ހިފަހައްޓާށެވެ! ކަލޭގެ ދުނިޔޭގައި އުޅޭ އެންމެންނަށް މިނަޞީޙަތް އިއްވާށެވެ. އެނަޞީޙަތަކީ ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް ބިސްމިﷲ ކިޔުމެވެ. އެއިރުން އަހުރެމެން އެތަނަކުން ދުރަށްދާނަމެވެ. ދެން ތިކުރި ސުވާލަށްވެސް ޖަވާބުދޭނަމެވެ. ތިބާގެ ފިރިމީހާ ގެއަށް ވަންނަނީ ބިސްމިﷲ ނުކިޔައެވެ. އަހުރެމެންނަށް މިގެއަށް ވަދެވެނީ އެހެންވެގެންނެވެ."
ދެލޯހުޅުވައިލެވުމުން ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ އެކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ދުޢާކުރިއެވެ. ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން މަސައްކަތްކުރަން ޢަޒުމް ކަނޑައެޅިއެވެ. ޢޭނާއަށް ޔަޤީން ނުވަނީ އެއީ ހަމަހޭގައި ހުއްޓައި ހިނގިކަމެއްކަން ނުވަތަ ނޫންކަމެވެ.
މިބާވަތުގެ ކަންކަން މިގޮތަށް ތަޖުރިބާކުރަން ލިބޭނީ މަދުމީހަކަށެވެ. ނަމަވެސް މިބާވަތުގެ ކަންކަމުން ދެރަ ގޮތްތައް މެދުވެރިވެ ރުޤްޔާކުރަންޖެހޭ މީހުން ވަރަށް ގިނައެވެ. ވީމާ މިއީ ސަމާލުވާންޖެހިފައި އޮތް ކަމެކެވެ.
ހޭލުންތެރިވާށެވެ! ބިސްމިﷲ ނުކިޔައި ގެއަށް ނުވަންނާށެވެ! އަދި ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް ބިސްމިﷲ ކިޔަން އާދަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން