ޢަލީ އިޙްޞާން ފިރާޤް
ޣައިރު މުސްލިމުން ބުނާ ގޮތުގައި ޚައިބަރު ހަނގުރާމައަށްފަހު ޞަފިއްޔަތުގެފާނު ހައްޔަރުކޮށް، އެކަމަނާގެ ނުރުހުމުގައި ރަސޫލާ މަޖުބޫރުން ކައިވެނި ކުރެއްވީއެވެ. ނަމަވެސް ޙަޤީޤަތަކީ ރަސޫލާ صلّى اللّـه عليه وسلّم، ޞަފިއްޔަތުގެފާނަށް ފުރިހަމަ އިޚްތިޔާރު ދެއްވިކަމެވެ.
އިބްނު ސަޢުދު ލިޔުއްވައިފައިވެއެވެ. ޞަފިއްޔަތުގެފާނު، މާތް ރަސޫލާގެ އަރިހަށް ޙާޒިރުކުރެއްވުމަށްފަހު، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ކަމަނާގެ ބައްޕައަކީ ޔަހޫދީންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަދާވާތްތެރިކަން ބޮޑު އެކެކެވެ. މާތް ﷲ އޭނާ ނިކަމެތި ކުރައްވައި ޤަތުލުކުރައްވައިފުމަށް ދާންދެން، އޭނާ ހުރީ އެގޮތުގައެވެ.] އެކަމަނާ މާތް ރަސޫލާއަށް ދެންނެވިއެވެ. [أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ އެކަކު ކުރާ ކުށުގެ ޒިންމާ އަނެކަކު އުފުލާކަށް ނުޖެހޭނެ ވާހަކަ، ކަލޭގެފާނަށް ﷲ ބާވައިލެއްވި ޤުރްއާނުގައި އޮވޭނޫންތޯއެވެ؟] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އިޚްތިޔާރު ކުރައްވާށެވެ! އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހުގައި އިންނެވުމަށް ޚިޔާރު ކުރައްވައިފިނަމަ ބައިންދަވާހުށީމެވެ. ޔަހޫދީ ދީނުގައި އިންނެވުމަށް ޚިޔާރު ކުރައްވައިފިނަމަ، މިނިވަންކުރައްވައި ކަމަނާގެ ޤައުމުގެ މީސްތަކުންގެ ގާތަށް ފޮނުއްވާހުށީމެވެ].
ޞަފިއްޔަތުގެފާނު ދެންނެވިއެވެ. [އޭ މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު މިއިނީ ކަލޭގެފާނުގެ އަރިހަށް ޙާޒިރުކުރުމުގެ ކުރީންވެސް އިސްލާމްދީން ޤަބޫލުކޮށްގެންނެވެ. ކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށް އީމާންވެގެންނެވެ. ޔަހޫދީ ދީނަށް އަޅުގަނޑުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އަދި އެދީނުގެ މަތީގައި އަޅުގަނޑުގެ ބައްޕައަކުވެސް އަޚަކުވެސް ނެތެވެ. އިސްލާމްކަމާއި ކާފިރުކަމާ ދެކަމުންކުރެ ކަމެއް ޚިޔާރުކުރަން ދެއްވައިފީމުއެވެ. މިނިވަންވެގެން އަޅުގަނޑުގެ ޤައުމުގެ މީހުންގެ ގާތަށް ދިޔުމަށްވުރެ، އަޅުގަނޑަށް ލޮބުވެތިކަން ބޮޑީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ] (އިބްނު ސަޢުދު، 1995، ޞ 87-88). ދެން ރަސޫލާ އެކަމަނާ އަޅުވެތިކަމުން މިނިވަން ކުރައްވައި، އެ މިނިވަންކަމަކީ ކައިވެނީގެ ރަން ކަމުގައި ހެއްދެވިއެވެ.
އެބައިމީހުންގެ ދެވަނަ ތުހުމަތަކީ ޢިއްދައިގެ ދުވަސްތަކަށް ނުބަލާ އަވަހަށް މާތް ރަސޫލާ އެކަމަނާއާ ކައިވެނި ކުރެއްވިކަމެވެ. ފިރިމީހާ މަރުވުމުން ޢިއްދައިގައި އިންނަން ޖެހޭނީ 4 މަހާއި 10 ދުވަހެވެ. ނަމަވެސް އެ މުއްދަތަށް ނުބަލާ، ހަނގުރާމަ ނިމުނުތަނާ ކައިވެނި ކުރެއްވީކަމަށް އެބައިމީހުން ބުނެއެވެ. ނަމަވެސް އަސްލު ޙަޤީޤަތަކީ އިސްލާމީ ފިޤުހުގައި ހަނގުރާމައިގެ މައިދާނުން ހައްޔަރުކުރެވޭ އަންހެނުންގެ ޙުކުމް ތަފާތެވެ. އެފަދަ އަންހެނަކު ބަލިވެއިންތޯ ބެލުމަށް އޮންނަ އުސޫލަކީ "އިސްތިބްރާ" (އެއް ޙައިޟުވުން) އެވެ. ޞަފިއްޔަތުގެފާނު އެއް ޙައިޟު ފުރިހަމަކޮށް، އެކަމަނާގެ ބަނޑުހުސްކަން ޔަޤީންވަންދެން ރަސޫލާ އެކަމަނާއާ ކައިވެނި ނުކުރައްވައި މަޑުކުރެއްވިއެވެ. ކައިވެނި ބެއްލެވީ އެ މުއްދަތު ހަމަވުމުން މަދީނާއަށް އެނބުރި ވަޑައިގަތް މަގުމަތީގައެވެ.
އެބައިމީހުން ތިންވަނަ އަށް ކުރާ މުޑުދާރު ތުހުމަތަކީ ރަސޫލާ صلّى اللّـه عليه وسلّم، ޞަފިއްޔަތުގެފާނުގެ ބައްޕައާއި ފިރިމީހާ ޤަތުލުކުރުމަށްފަހު، ރަޙުމެއްނެތި އަމިއްލަ އެދުމަށް ކައިވެނި ކުރެއްވީކަމުގައެވެ. ނަމަވެސް އިސްވެދިޔަ ޞަފްޙާތަކުން ސާފުކޮށް އެނގޭނެފަދައިން އެކަމަނާގެ ބައްޕައާއި ފިރިމީހާއަކީ މުސްލިމުންނާ ދެކޮޅަށް ޣަދަރުވެރިވެ، މުސްލިމުން ނައްތާލަން ހަނގުރާމަ ރޭވި ޔަހޫދީ ވެރިންނެވެ. އެމީހުން ޤަތުލުކުރެވުނީ ޚިޔާނާތްތެރިވުމުގެ އަދަބެއްގެ ގޮތުންނެވެ. ޞަފިއްޔަތުގެފާނަކީ ޔަހޫދީ ޤަބީލާއެއްގެ ރައީސްގެ ދަރިއަކަށް (އަމީރާއަކަށް) ވުމުން، އެކަމަނާ އާދައިގެ އަޅެއްގެ ގޮތުގައި ދޫކޮށްލުމަކީ އެކަމަނާއަށް ލިބޭނެ ދެރައެކެވެ. ރަސޫލާ صلّى اللّـه عليه وسلّم ކައިވެނި ކުރެއްވީ އެކަމަނާގެ ޝަރަފުވެރިކަން ހިފެހެއްޓެވުމަށާއި، ޔަހޫދީންނާ ޞުލްޙަވުމުގެ ސިޔާސީ ބޭނުމުގައެވެ.
ހަތަރުވަނައަށް އެމީހުންކުރާ ދަޢުވާއަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ މައްޗަށް އެކަމަނާގެ ހިތްޕުޅުގައި ރަޙުމެއް ނުވަތަ ލޯތްބެއް ނޯންނާނެކަމެވެ. އެހެނީ އެކަލޭގެފާނުވަނީ އެކަމަނާގެ ޢާއިލާގެ އެންމެން ކަހަލަ ގޮތަކަށް ޤަތުލުކުރައްވައިފައެވެ. މިކަމާ ބެހޭ ގޮތުން އެކަމަނާ ވިދާޅުވެފައިވެއެވެ. [ރަސޫލާ صلّى اللّـه عليه وسلّم އަކީ ތިމަން އެންމެ ނަފްރަތު ކުރާ އެކެކެވެ. އެކަލޭގެފާނުވަނީ ތިމަންގެ ބައްޕަ އާއި ފިރިމީހާ ޤަތުލުކޮށްފައެވެ. ރަސޫލާ صلّى اللّـه عليه وسلّم އަށް ތިމަންގެ ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތައް އެނގިވަޑައިގެން އުޒުރު ހުށައެޅުއްވިއެވެ.
އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. [ކަމަނާގެ ބައްޕާއަކީ އެވެނި މިވެނި ކަމެއް ތިމަންކަލޭގެފާނާ ދެކޮޅަށް ކުރި މީހެކެވެ. ޢަރަބީން ތިމަންކަލޭގެފާނާ ދެކޮޅަށް ނެރުނީވެސް ކަމަނާގެ ބައްޕައެވެ.] ޞަފިއްޔަތުގެފާނު ވިދާޅުވެއެވެ. [ތިމަންގެ ހިތުން ނަފްރަތުގެ ޝުޢޫރު އެއްކޮށްނެތިއްޖެއުމަށް ދާންދެން ރަސޫލާ صلّى اللّـه عليه وسلّم ވާހަކަފުޅު ދެއްކެވިއެވެ] (ބައިހަޤީ، 1998، ވޮލިޔުމް 4، ޞ 230). މީގެއިތުރުން، މާތް ރަސޫލާ އަވަހާރަވުމުގެ އާލާސްކަންފުޅުގައިވެސް، އެކަލޭގެފާނަށްޓަކައި އެކަމަނާގެ ހިތްޕުޅުގައި އޮތް ތެދުވެރި ލޯތްބާއި ވަފާތެރިކަން އެކަމަނާ ދެއްކެވި ވާހަކަފުޅުތަކުން ވަރަށް ސާފުކޮށް ހާމަވެއެވެ.
ޣައިރު މުސްލިމުން ދައްކާ ހެކިނެތް ފަސްވަނަ ތުހުމަތަކީ، ދެބޭފުޅުންގެ ދެމެދުގައި ހުރި ޢުމުރުގެ ބޮޑު ފަރަގުގެ ސަބަބުންނާއި، ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ނަފްސާނީ ގޮތުން ބަލިކަށިވެފައި ހުރި ދަނޑިވަޅެއްގައި އެކަމަނާ ކައިވެނިފުޅަށް އެއްބަސްވެވަޑައިގަތީ މަޖުބޫރުވެވަޑައިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކެވެ. ނަމަވެސް، ޙަޤީޤަތަކީ ޚައިބަރު ހަނގުރާމައިގެ މާ ކުރިން އެކަމަނާއަށް ވަނީ ޔަޘްރިބުގެ ހަނދު އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީ ހުވަފެންފުޅުގައި ފެނިވަޑައިގެންފައެވެ. މި ހުވަފެންފުޅަކީ އިސްލާމްދީނުގެ ނަބިއްޔާ އެކަމަނާއާ ކާވެނި ބައްލަވާނެކަމުގެ ބަޝާރަތެކެވެ.
ކައިވެނިފުޅަށްފަހު، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ބެހެއްޓެވި އޯގާތެރިކަމާއި ލޯބިފުޅުގެ ބޮޑުކަމުން، އޭގެ ކުރިން އެކަމަނާގެ ހިތްޕުޅުގައި އިސްލާމްދީނާއި މުސްލިމުންނަށް އޮތް ހުރިހާ ނަފުރަތެއް މުޅިން ފިލައިދިޔައެވެ. އެހެންކަމުން، އެކަމަނާ އިސްލާމްދީން އިޚްތިޔާރު ކުރެއްވީ ބިރުވެރިކަމެއްގެ ތެރެއިން ނޫންކަމާއި، އެއީ އިލާހީ ތަޤްދީރަށް ރުހިވަޑައިގެން، ނުހަނު ހިތްޕުޅުހަމަޖެހިވަޑައިގެން ކުރެއްވި ކަމެއްކަން އެކަމަނާގެ އަމިއްލަފުޅު ބަސްފުޅުތަކުން ސާބިތުވެއެވެ.
މީގެ އިތުރުން، ހުޅަނގުގެ ބައެއް ލިޔުންތެރިން ސިފަކުރާ ގޮތުގައި މި ކައިވެނިފުޅަކީ ޔަހޫދީންގެ ބާރު ކަނޑުވާލުމަށްފަހު އެމީހުންގެ ވެރިއެއްގެ ދަރިއަކު ރަހީނެއްގެ ގޮތުގައި ބޭނުންކޮށްގެން ނެގި ސިޔާސީ ނާޖާއިޒު ފައިދާއެކެވެ. އެހެންނަމަވެސް، އިސްލާމީ ތާރީޚު ހެކި ދެނީ މިއާ މުޅިން އިދިކޮޅަށެވެ. ކައިވެނިފުޅަށްފަހު ޞަފިއްޔަތުގެފާނަށް ލިބިވަޑައިގަތީ ޔަހޫދީންގެ ތެރޭގައި އެކަމަނާ އިންނެވިއިރު ލިބިވަޑައިގެންނެވި ޝަރަފަށް ވުރެވެސް މަތިވެރި ޝަރަފެކެވެ. މުޅި އިސްލާމީ އުންމަތުގެ މަންމައެއްގެ (އުންމުލް މުއުމިނީންގެ) މަތިވެރި ޝަރަފެވެ.
ބައެއް ފަހަރު އެކަމަނާގެ ޔަހޫދީ ނަޞްލާ ގުޅުވައިގެން މީހުން ދެއްކި ވާހަކަތައް ދިފާޢުކުރައްވައި، މާތް ރަސޫލާ ޙަދީޘް ކުރައްވައެވެ. [ކަމަނާގެ ބައްޕާފުޅަކީ ހާރޫނުގެފާނެވެ، ބޮޑުބޭފުޅަކީ މޫސާގެފާނެވެ. ފިރިކަލަކީ މުޙައްމަދުގެފާނެވެ.] މިއީ އެކަމަނާއަށް ޙައްޤު ޤަދަރާއި މަތިވެރި މަޤާމު ދެއްވިކަމުގެ ފާޅުކަން ބޮޑު ދަލީލެކެވެ. އެކަމަނާއަކީ އިސްލާމީ ފިޤުހާއި ޙަދީޘް ރިވާކުރެއްވުމުގައި އިސްލާމީ އުންމަތް ބަލައިގަތް ބޮޑު ޢިލްމުވެރިއަކަށް ވެގެންދިއުން އެއީ މި ބާޠިލު ތުހުމަތުތަކަށް ލިބޭ އެންމެ ބޮޑު ރައްދެވެ.
އެކަމަނާ މި ކައިވެނިފުޅަށް އެއްބަސްވެވަޑައިގަތީ މަޖުބޫރުވެވަޑައިގެން ކަމަށް ބުނާ ދަޢުވާއަކީ ބުއްދީގެ ހަމަތަކުން ބެލިޔަސް އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެހެނީ، އެކަމަނާ މަޖުބޫރުވެވަޑައިގެން އިންނެވިނަމަ، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމާއެކު، މަދީނާއިން ނުކުމެވަޑައިގެން ޚައިބަރުގެ ނުވަތަ ޢަރަބިކަރައިގެ އެހެން ހިސާބުތަކުގައި ތިބި ޔަހޫދީންނާއި ޣައިރު މުސްލިމުންގެ ޙިމާޔަތް ހޯއްދަވައިގެން ވަޑައިގަތީހެވެ. ރަސޫލާ صلّى اللّـه عليه وسلّم އަވަހާރަވިއިރު ޞަފިއްޔަތުގެފާނަކީ އެންމެ 21 ނުވަތަ 22 އަހަރުގެ ޒުވާން ބޭފުޅެކެވެ. އެ ދުވަސްވަރު އެކަމަނާގެ އަމިއްލަފުޅު ތިމާގެ ޔަހޫދީންނެއްވެސް މަދީނާއަކު ނޫޅެއެވެ. އެކަމަނާއަށް މަޖުބޫރުކުރާނެ އެއްވެސް ފަރާތެއް ނެތް ޙާލަތުގައިވެސް، އެކަމަނާ އިޚްތިޔާރު ކުރެއްވީ މަދީނާގައި އިންނެވުމަށެވެ. އެކަމަނާ އަވަހާރަވަންދެންވެސް އުޅުއްވީ މަސްޖިދުއްނަބަވީގެ ވަށައިގެން ހުރި، ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ބިނާކޮށްދެއްވި ކޮޓަރިކޮޅުގައެވެ. އެތަނުގައި ނުހަނު ދީންވެރި، ތަޤުވާވެރި އަދި އިއްފަތްތެރި ދިރިއުޅުއްވުމެއް އުޅުއްވިއެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ މަތިވެރި ކައިވެނިފުޅަށް އެކަމަނާގެ ހިތްޕުޅުގައި އޮތް ވަފާތެރިކަމާއި އިސްލާމްދީނަށް އޮތް ލޯބިފުޅުގެ ބޮޑުކަން މިކަމުންވެސް ހާމަވެއެވެ. އެހެންކަމުން، ހުޅަނގުގެ ލިޔުންތެރިން ކުރާ ތުހުމަތުތަކާ ޚިލާފަށް، އެކަމަނާގެ މުޅި ޙަޔާތްޕުޅުން ސާބިތުވަނީ މި ކައިވެނިފުޅަކީ އެކަމަނާގެ ރުހުމާއި ލޯބިފުޅުގެ މައްޗަށް ބިނާވެފައި އޮތް ބަރަކާތްތެރި ގުޅުމެއް ކަމެވެ.