ދުލުން ބުނެވޭ ބުނެވޭ ނުބައި ބަސްތަކުގެ އަސަރު އަނެކާއަށް ކުރުމަށް ދުލުވިހަޖެހުން ކަމަށް ބުނެއުޅެއެވެ. އެކަމުގެ ތަފްޞީލަށްދާއިރު އެބުނެވެނީ ބުނެވޭ ނުބައި ބަސްތައް އެސްފީނާއަށް ބަދަލުވުމުގެ ވާހަކައެވެ.
އެހެންވެ ހެޔޮވިސްނޭ ބެލެނިވެރިން ދަރިންނަށް އެފަދަ ބަސްތަކެއް ނުބުނާނެއެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. މިކަމުގައި ވިސްނަންވީ ހަމައެކަނި ދަރިންނަކަށް ނޫނެވެ. ދެމަފިރިންނަށްވެސް މިމައްސަލަ ކުރިމަތިވެދާނެކަމަށް ވިސްނަންވާނެއެވެ.
"މީނާއަށް ދުވަހަކު ރަނގަޅަކަށް ކަމެއް ނުކުރެވޭނެ! މީނާ އިޞްލާހެއް ނުވާނެ! މީނާ މަރުވާނީވެސް އެގޮތަށް ނުބައިކޮށް އުޅެނިކޮށް!" ފަދަ ބަސްތައް ނުބުނާށެވެ. އޮޅިގެން ބުނެވުނަސް ފަހަތުން ވިއްދައިގެން "އަޢޫޛްބިﷲ! މާޝާﷲ!" ފަދަ ބަހެއް ބުނާށެވެ!
ދުލުވިންދު ހުއްޓައި ބުނެވޭ ބަސްދިމާވާކަމަށް ބުނެއުލެއެވެ. ދުލުން ބަސްބުނެވޭނީ ދުލުގައި ވިންދުހުރީމައެވެ. ވީމާ އެބުނާ ބަހުގެ މާނަ ތަފާތެވެ. އެބުނެވޭ ބަހުގެ މާނައަކީ އެފަދަ ނުބައި ބަހެއް ބުނެވޭތަކުން އެކަން އެގޮތަށް ﷲ ތަޢާލާ ހިންމަވައިދެއްވަވައިފާނެ ކަމެވެ. އެކަމަށް ބިރުވެތިވާންޖެހޭނެ ކަމެވެ.
މިޘާލަކަށް ބައިވެރިޔާ ބޭވަފާތެރިވީއެވެ. އެޙާލަތުގައި "މީނާއިޞްލާޙެއް ނުވާނެ! އަބަދުވެސް އުޅޭނީ އެގޮތަށް!" ފަދަ ބަސްތައް ނުބުނެ ބައިވެރިޔާއަށް ހެޔޮވިސްނުން ދެއްވެވުން އެދިގެން ދުޢާކުރާށެވެ! ކުރާނެ ފައިދާ މާބޮޑުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން