ތިމާއަށްޓަކާ އަންތބަކު ގޭގަ ބައިންދައިގެންހުރެ ހިލޭ އަންހެނުންނާ ގުޅުންހިންގުމަކީ މަތިމައްޗަށް ފާފަތައް ގިނަވެ ޢަޛާބްބޮޑުވެގެންދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ތިމާއަށްޓަކާ އަންތބަކު ގޭގަ ބައިންދައިގެންހުރެ ހިލޭ އަންހެނުންނާ ގުޅުންހިންގުމަކީ މަތިމައްޗަށް ފާފަތައް ގިނަވެ ޢަޛާބްބޮޑުވެގެންދާނެ ކަމެއް!

"އަނބިމީހާ ގޭގައި އެކަނި ނިދަން ބާއްވާފައި ފިރިމީހާ ހިލޭ އަންހެނުންގެ ކިބައިން އުފާ ހޯދުމުގެ ޙުކުމަކީ ކޮބައިތޯ" މިއީ ވަރަށް ގިނައިން އަންހެނުންކުރާ ސުވާލެކެވެ. މިސުވާލަށް ބަލައިފިނަމަ ސުވާލުގެ ބުރަދަން ވަރަށް ބޮޑެވެ. މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ.  

ވީމާ އަހުރެންގެ ވިސްނުމުން ޖަވާބުމިދެނީ މައްސަލައަށް އޮތް ޙައްލަށް ވިސްނައިގެންނެވެ. އެގޮތުން ބުނަންޖެހެނީ މައްސަލަ ޙައްލުކުރެވޭނީ ފިރިހެނުންވެސް އަދި އަންހެނުންވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވެގެން ކަމަށެވެ. އެހެނީ މައްސަލައިގެ އަޞްލަކީ އަންހެނުންނާއި ފިރިހެނުން ފާޙިޝް ޢަމަލުތައް ކުރުން ކަމުގައިވާތީއެވެ. ފާޙިޝް ޢަމަލުތައް ކޮށް ޒިނޭކުރުމަކީ މަރުވީންސުރެ އަލިފާނުން ޢަޛާބު ދެއްވަވާ ބޮޑުފާފައަކަށްވާތީއެވެ.  

ހަމައެކަނި ސުވާލަށް ބަލާނަމަ ވަރަށް ކުރު ޖަވާބެއް ދެން ހެއްޔެވެ؟ އަނބިމީހާ ގޭގަ ބައިންދާފަ، ނުވަތަ ނިދަން ބާއްވާފަ ނުކުމެ ހިލޭ އަންހެނުންނާއެކު ވަގުތުހޭދަކުރުމާ ގުޅުންހިންގުމަކީ މަތިމައްޗަށް ކުރާ ބޮޑުފާފައަކަށް ނޫނީ ނުވާނެއެވެ. ދެއްވަވާނީ ހަމައެކނި ޒިނޭކުރިކަމުގެ ޢަޛާބެއް ނޫނެވެ. ގުޅުންހުރި ހުރިހާ ފާފަތަކަށްވެސް ޢަޛާބްދެއްވަވާނެތެވެ. އަޢޫޛްބިﷲ  

އަދި ފިރިމީހާގެ އެ ޢަމަލު އޭނާ އިޞްލާޙް ނުކުރިނަމަ އަނބިމީހާގެ މައްޗަށް އޮތީ ތިމާގެ މުސްތަޤްބަލަށް ވިސްނައި އެންމެ ރަނގަޅު ފިޔަޅު އެޅުމަށް އަވަސްވެގަތުމެވެ.  

އަޑުއަހާށެވެ! އަނބިމީހާ ނިންދަވާފައި ނުވަތަ ނިދަން ގޭގައި ބާއްވާފައި ފިރިމީހާ ބޭރުން އުފާ ހޯދާނަމަ އެއީ ކުރާ ފާފައިގެ އިތުރުން އަނިޔާވެރިކަމެވެ! އެއީ ހަމައެކަނި އަނބިމީހާއަށް ދެވޭ އަނިޔާއެއް ނޫނެވެ. އަމިއްލަ ނަފްސަށް ވެސް ލިބިގަނެވޭ އަނިޔާވެރިކަމެކެވެ. އެހެނީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ އެއް ފާފައައެވެ.  

ފާފައިގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ކައްވަޅުގައި ވެސް އޮންނަން ޖެހެނީ އަލިފާނުން އަނދައަނދައެވެ. އަލިފާނުގެ ޗޭމްބަރެއް ފަދަ ތަނެއްގައެވެ. ސަލާމަތްވުމަށް މަސައްކަތްކުރަމުން އައިސް އެންމެ ދަހިލަވާ ހިސާބުން ހުޅުގަނޑު އައިސް ދަމައި ތިރިއަށް ވައްޓާލައެވެ.

މިކަމުގައި ތިއަ ލޮބުވެތިކަނބަލުންވެސް ވިސްނައިލަން ޖެހޭނެއެވެ! މިދެއްކެނީ ހިލޭ އަންހެނުންގެ ގާތަށް ފިރިހެނުން ދާ ވާހަކަ އާއި ޒިނޭ ކުރުމުގެ ވާހަކައެވެ. މި ދެކަންތައް ވެސް ކުރެވެނީ ތިއަ ޖިންސުގެ (އަންހެނުންގެ) ބައިވެރިވުމާއިއެކުގައެވެ. ވީމާ ތިއަ ކަނބަލުން އެކަކު އަނެކަކަށް ހަމްދަރުދީވެފައި ނަމަވެސް މިފަދަ މުޞީބާތްތަކުން މުޖުތަމައު ސަލާމަތްކުރުން ކީއްހެއްޔެވެ؟ ހަމަ އެއާއިއެކު ޒިނޭގެ ފާފައަށް ބެލިނަމަވެސް މަރުވެ ވަޅުލެވުމުން ކުރިން ބަޔާން މިކުރި އަލިފާނުގެ ޗޭމްބަރަށް ޖެހޭނީ ހަމަ ޒިނޭކުރާ އަންހެނުންނަށްވެސް ވަންނާށެވެ!  

ކޮންމެއަކަސް ފިރިމީހާގެ ކިބައިން މުންކަރާތްތަކަށް އަރައިގަތުމުގެ އަމަލުތައް ފެންނަނަމަ އެކަންކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ނަމާދަށް ނުދިއުމާއި ޤަޞްދުގައި ރަމަޟާންމަހުގެ ރޯދަ ނުހިފުމާއި ޒިނޭކުރުމާއި ބަނގުރާ ބުއިމާއި މިޔުޒިކަށް ދެވިހިފާފައި ހުރުން ފަދަ މުންކަރާތްތައް ފިރިމީހާގެ ކިބައިން ފެންނަނަމަ ފުރަތަމަ ނަޞޭޙަތްތެރިވާށެވެ. އެއަށްފަހު ވަރިވާނެ ކަމުގެ އިންޒާރުވެސް ދޭށެވެ. އެވަރުންވެސް އިޞްލާޙް ނުވި ނަމަ، އެފަދަ އަމަލުތައް ކުރުން ނުހުއްޓިނަމަ ވަރިއަށް އެދުމަކުން ފާފައެއް ނެތެވެ!

ނަމަވެސް ވިސްނުންތެރިވާންވާނެއެވެ. ޙިކްމަތްތެރިވާންވާނެއެވެ. ވަރިއަކީ ހުއްދަ ކަމެއް ނަމަވެސް ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑި ނުގަންނަވާ އަމަލުކަމުގައިވުމުން ވަރީގެ ވާހަކަ ދެއްކުމަކީ ވެސް ކުރާ އެންމެ ފަހު ކަންތައް ކަމުގައި ނޫނީ ނުހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން