މައިންބަފައިން ދުނިޔޭގަ ނެތްނަމަ އެމީހުންނަށްޓަކާ މިފަދައިން ދުޢާކޮށް އެމީހުންނާއިމެދު ދެރަކޮށް ކުރެވިފައިވާ ކަންކަމުގެ ފާފަ ފުއްސަވައިދެއްވެވުމަށްވެސް އެދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މައިންބަފައިން ދުނިޔޭގަ ނެތްނަމަ އެމީހުންނަށްޓަކާ
މިފަދައިން ދުޢާކޮށް އެމީހުންނާއިމެދު ދެރަކޮށް ކުރެވިފައިވާ ކަންކަމުގެ ފާފަ
ފުއްސަވައިދެއްވެވުމަށްވެސް އެދޭށެވެ!


މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް ދުޢާކުރަންވީ:

"ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ރަޙްމަތް ލެއްވެވުމަށް އެދިއެވެ. އަދި ކައްވަޅު އަލިކޮށްދެއްވެވުމަށާއި (ކައްވަޅު) ތަނަވަސްކޮށްދެއްވެވުމަށެވެ. އެންމެހައި ޢަޛާބުތަކުން މިންޖުކޮށްދެއްވަވައި ސަލާމަތްކޮށްދެއްވެވުން އެދިއެވެ. އަދި ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވައިދެއްވެވުން" އެދިގެންނެވެ.  

 "ޔާ ﷲ! މިއަޅާއާއި މިއަޅާގެ މައިންބަފައިންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އަދި އަޅަމެންގެ ކައްވަޅު އަލިކޮށްދެއްވަވައި (ކައްވަޅު) ތަނަވަސްކޮށްދެއްވަވާނދޭވެ! އެންމެހައި ޢަޛާބުތަކުން މިންޖުކޮށްދެއްވަވައި ސަލާމަތްކޮށްދެއްވަވާނދޭވެ! އަދި ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރެއިން މިއަޅާއާއި މިއަޅާގެ މައިންބަފައިން ލައްވަވާނދޭވެ!  

ޔާ ﷲ މިއަޅާގެ މައިންބަފައިންނާއިމެދު މިއަޅާއަށް އިހްމާލުވެވިފައިވާ އެންމެހައި ކަންކަމަށާއި އެމީހުންގެ ހިތުގައި ޖެހޭ ގޮތަށް ބުނެވިފައިވާ ބަސްތަކަށާއި ކުރެވިފައިވާ ކަންކަމަށް މިއަޅާއަށް ފާފުއްސަވައިދެއްވަވާނދޭވެ!" އާމީން 

ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެންވާ ދުޢާތައްވެސް ކުރަމުން ގެންދާށެވެ. އަދި މިބަޔާންކުރި ކަންކަން މައިންބަފައިންނަށް ދެއްވެވުން އެދިގެން ދިވެހިބަހުން ދުޢާކުރިނަމަވެސް ޤަބޫލުފުޅުކުރައްވަވާނެއެވެ. އިން ޝާ ﷲ   

ހަމައެފަދައިން މައިންބަފައިންނާއިމެދު ތިމާއަށް އިހްމާލުވެވިފައިވާ ކަންކަމަށް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންވެސް މިބަޔާންކުރިފަދައިން ދުޢާކުރަންވާނެއެވެ. ސަބަބަކީ ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދޭން މަސައްކަތްކުރިނަމަވެސް އިހްމާލްވެވިފައިވާ ކަންތައްތަކެއްވެސް ހުންނާނެތީއެވެ. ހިތުގައި ޖެހޭނެ ގޮތަށް ބުނެވިފައިވާ ބަސްތަކެއްވެސް ހުންނާނެއެވެ. ގިނަ ބައަކަށް އެމީހުންގެ މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ބޮޑެތި އިހްމާލްތައް ވެވޭތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން