ހިތް ދެއްވެވީ ޠޯހިރުކަންމަތީގައި ބޭއްވުމަށާއި ތެދުވެރި ލޯބިން ލޯބިވުމަށެވެ! އަނިޔާވެރިވުމަކީ ޢުޤޫބާތް ދެއްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ހިތް ދެއްވެވީ ޠޯހިރުކަންމަތީގައި ބޭއްވުމަށާއި
ތެދުވެރި ލޯބިން ލޯބިވުމަށެވެ! އަނިޔާވެރިވުމަކީ ޢުޤޫބާތް ދެއްވަވާނެ ކަމެއް!


ހިތް އަބަދުވެސް އެގެންދަނީ އެއިގެ ދައުރު އަދާކުރަމުންނެވެ. ހިތުގެ ބޭނުން ހިފަން އޮތް ގޮތް ނޫން ގޮތްގޮތަށް ހިފަނީ އަހުރެމެންނެވެ. އެގޮތުން ބަލާއިރު ހިތުންކުރަންޖެހޭ އެންމެ ބޮޑުކަމަކީ ﷲ ތަޢާލާ ދެކެ ލޯބިވުމާއި ތިމާ ލޯބިވާންޖެހޭ މީހުން ދެކެ ލޯބިވުމެވެ. އެއިގެ ތެރޭގައި ޙަޔާތުގެ ބައިވެރިޔާއާއި ދަރިންނާއި މައިންބަފައިންނާއި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ އެންމެންވެސް ހިމެނެއެވެ. ޢާންމުކޮށް އެންމެހައި މީސްތަކުން ހިމެނެއެވެ.

އެހެންކަމަށްވާއިރު ހިތުގެ ބޭނުން ހިފަން އޮތްގޮތަށް ހިފެނީ ހާދަމަދުބައަކަށް ކަމަށް ބުނަންޖެހޭކަން އެއީ ދެރަވާންޖެހޭ ކަމެއްނަމަވެސް އެހެން ނުބުނެ މިއަދު ތިބެވޭކަށް ނެތެވެ. ލޯބިވާންޖެހޭ މީހުން ދެކެ ލޯބިވުމުގެ ބަދަލުގައި އަނިޔާވެރިވާ މީހުން ގިނަކަމުންނެވެ. އެކަމަށް ދެއްވަވައިފާނެ ޢުޤޫބާތަށް ބިރުވެތިވާ މީހަކު އަނިޔާވެރިއެއް ނުވާނެއެވެ.

އަހަރެމެން އެންމެހައި އިންސާނުން ހިމެނޭ ގޮތަށް އެންމެހައި މަޚްލޫޤުން އުފެއްދެވީ ﷲ ތަޢާލާއެވެ. ލޯބިވާން ހިތަކާއި ކަންފަތަށް އަޑުއިވުމާއި ލޮލަށް ފެނުން ދެއްވެވީވެސް އަދި އެންމެހައި ނިޢްމަތްތައް ދެއްވެވީވެސް ﷲ ތަޢާލާއެވެ. ނަމަވެސް އަހަރެމެންނަށް ޝުކުރުވެރިވެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟  

ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައި ދުޅަހެޔޮކަންމަތީގައި ތިބެގެން ﷲ ތަޢާލާ ދެއްވެވި ދެ ލޮލުން ބަލަނީ ޙަރާމް ކުރެއްވެވި ތަންތަނެވެ. ﷲ ތަޢާލާ ދެއްވެވި ދެކަންފަތުން އަޑު އަހަނީ ޙަރާމް ކުރެއްވެވި އަޑުތަކެވެ.  

"ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިއަބައިމީހުން އުފައްދަވައި، ތިއަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ." (އަލްމުލްކު: 23)  

އަހަރެމެންނަށް ލިބިފައިވާ ކޮންމެ ނިޢްމަތަކީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މިންވަރުކުރައްވަވާފައިވާ ނިޢްމަތްތަކެވެ. އަޑު އިވުމާއި ފެނުން ވެސް މެއެވެ. އެއިން ކޮންމެ ނިޢްމަތަޚީވެސް ނުވަތަ ހުރިހާ ނިޢްމަތްތައް އެކުގައި ނަމަވެސް އަނބުރައި ގެންދެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އެކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟

ޤަބޫލުކުރެވޭ ނަމަ ޝުކުރުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޝުކުރުވެރިވާނަމަ ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނުހިފަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ކުރަން އޮތް ކަމަކީ ނިޢްމަތްތައް ގެއްލިގެން ދިއުމުން ޝަކުވާ ކުރުން ހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢްމަތެއްވެސް ބޭނުން ކުރި ގޮތާއިމެދު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ވީމާ ޖަވާބުދެވޭ ޙާލަތުގައި ތިބޭށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން